ފުވައްމުލަކުގައި ޑުރަގާ ދެކޮޅަށް އޮޕަރޭޝަނެއް: 14 މީހުން ހައްޔަރުކޮށްފި

ފުވައްމުލަށް ސިޓީ: އެ ސިޓީގައި ހިންގާ ޑްރަގް އޮޕަރޭޝަނުގައި 14 މީހުން ހައްޔަރުކޮށްފި -- ފޮޓޯ/ ފުވައްމުލައް އެއާޕޯޓު؛ ފޭސްބުކް

ފުވައްމުލަކުގައި ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރޭ ފުލުހުން ބުނެފިއެވެ.

"ވެށި ރައްކަލް" ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ މެއި މަހުން ފެށިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، މި އޮޕަރޭޝަން ހިންގުމުގެ މައިގަނޑު އެއް ބޭނުމަކީ، ފުވައްމުލަކަކީ މަސްތުވާތަކެތިން ރައްކާތެރިވެފައިވާ ތަނަކަށް ހެދުން ކަމަށެވެ.

އެގޮތުން، މި އޮޕަރޭޝަންގެ ދަށުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި އަދި އެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް ބަލައި އެކި ތަންތަން ފާސްކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. މިހާތަނަށް މި އޮޕަރޭޝަންގައި 14 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި، މި ވަގުތު ބަންދުގައި ތިބީ ފަސް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

https://sun.mv/193585

މިދިޔަ އަންގާރަ ދުވަހު މި އޮޕަރޭޝަނަށް ބަޔަކު ހުރަސްއަޅައި ފުވައްމުލަކު ދޫޑިގަން އަވަށުގައި ބޮޑު ހަމަނުޖެހުމެއް ވެސް ހިންގާފައިވެއެވެ.

ފުލުހުން އޭރު ބުނީ، މި ޑުރަގް އޮޕަރޭޝަން ތެރެއިން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އެ ތަނަށް އިތުރު ބަޔަކު އައިސް ހަމަނުޖެހުން ހިންގީ ކަމަށެވެ.

މި ކުރިމަތިލުމުގައި ފުލުހަކަށް ވަނީ އަނިޔާ ވެސް ވެފައެވެ.

ފުލުހުން ދަނީ އެ މުއައްސަސާއިން އަލަށް އިފްތިތާހު ކުރި ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ޑުރަގާއި ގޭންގު ކުށްތައް މަދުކުރުމަށް މާލެއާ ރަށްރަށުގައި ވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ.

comment ކޮމެންޓް