ޑުރަގް އޮޕަރޭޝަނަކަށް ބަޔަކު ހުރަސްއަޅާ، ބޮޑު ހަމަނުޖެހުމެއް ހިންގައިފި

ފުވައްމުލަކު ދޫޑިގަން އަވަށުގައި ފުލުހުން ހިންގަމުން ދިޔަ ޑުރަގް އޮޕަރޭޝަނަކަށް ބަޔަކު ހުރަސްއެޅުން -- ފޮޓޯ/ އެމްވީ ކްރައިސިސް

ފުވައްމުލަކު ދޫޑިގަން އަވަށުގައި ފުލުހުން ހިންގަމުން ދިޔަ ޑުރަގް އޮޕަރޭޝަނަކަށް ބަޔަކު ހުރަސްއަޅައި ބޮޑު ހަމަނުޖެހުމެއް މިރޭ ހިންގައިފިއެވެ.

ފުލުހުން ބުނީ މި ޑުރަގް އޮޕަރޭޝަން ތެރެއިން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި އެ ތަނަށް އިތުރު ބަޔަކު އައިސް ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

މިގޮތުން އެ މީހުން ވަނީ ފުލުހުންނާއި ކުރިމަތިލައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިފައި ކަމަށް ބުންޏެވެ. މި ކުރިމަތިލުމުގައި ފުލުހަކަށް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށެވެ.

ފުލުހުން ދަނީ އެ މުއައްސަސާއިން އަލަށް އިފްތިތާހު ކުރި ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ޑުރަގާއި ގޭންގު ކުށްތައް މަދުކުރުމަށް މާލެއާ ރަށްރަށުގައި ވެސް އޮޕަރޭޝަންތައް ހިންގަމުންނެވެ.

comment ކޮމެންޓް