ހިޔާ ފުލެޓެއްގައި ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ، އެ މީހުން އަދި ނުހޯދޭ

ހިޔާ ފުލެޓެއްގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯ: ވީޑިއޯގައި ފެންނަ މީހުން އަދި ފުލުހުންނަކަށް ދެނެއެއް ނުގަނެވޭ --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެ، ފުލުހުން މައްސަލަ ބަލަން ފަށައިފިއެވެ.

ހިޔާ ޓަވަރެއްގެ އެތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް މިއަދު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ކުޑަކުއްޖަކަށް ބަޔަކު އަނިޔާކުރާ މަންޒަރު ފެނެއެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ބުނީ، ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް 19 ޖޫންގައި ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެކަމަކު، ފުލުހުން ބުނީ އެ ވީޑިއޯގެ މައްސަލަ ތަހުގީގުކުރުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ކަމަށެވެ. އެ ގޮތުން އެ ވީޑިއޯއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންނާ ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.

އެ ވީޑިއޯއިން ފެންނަނީ މީހަކު އައިސް ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކޮށް ބިރުދައްކާ މަންޒަރެވެ. އަދި، އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި، ބޮލުގައި ބާރަށް ޖަހާ މަންޒަރު ވެސް ފެނެއެވެ.

ވީޑިއޯއިން އަނިޔާކުރާ މީހާގެ އިތުރުން ވެސް މީހުން ފެނެއެވެ. އެކަމަކު، އެއްވެސް މީހަކު އެކަން ހުއްޓުވާކަށް މަސައްކަތެއް ކުރި ތަނެއް ވީޑިއޯއިން ނުފެނެއެވެ.

comment ކޮމެންޓް