ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެ ފަރުވާ ދޭން ފަށައިފިއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ ބިދޭސީންތަކެއް ކާނާ ވިހަވެ ފަރުވާ ދޭން ފަށައިފައިވާ ކަމަށެވެ.
އެ މީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ފަހުން އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ މި ވަގުތު 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"މި ކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައް،" އިމިގްރޭޝަނުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށާއި، މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.