ވިޔަފާރީގެ ގުޅުން ފުޅާކުރަން ޗައިނާގެ ބޭންކްތަކާ މަޝްވަރާކޮށްފި

މިނިސްޓަރު ސައީދު ޗައިނާގައި: އޭނާ ގެންދަވަނީ އެ ގައުމުގެ ބޭންކުތަކާ އެކު މަޝްވަރާކުރައްވަމުން -- ފޮޓޯ/ ސައީދު/އެކްސް

ދިވެހިރާއްޖެއާއި ޗައިނާގެ ވިޔަފާރީގެ ގުޅުން މިހާރަށް ވުރެ ހަރުދަނާކޮށް އިތުރަށް ފުޅާކުރަން ޗައިނާގެ ބޭންކުތަކާ އެކު މިއަދު މަޝްވަރާކޮށްފިއެވެ.

ޗައިނާގައި ކުރިއަށްދާ ދުނިޔޭގެ 15 ވަނަ އިކޮނޮމިކް ފޯރަމްގައި ބައިވެރިވާން މިނިސްޓަރު ސައީދު ހުންނެވީ ޗައިނާގައެވެ.

އެ ދަތުރުގެ ހަވާސާގައި މިނިސްޓަރު ވަނީ ޗައިނާގެ ބައެއް ބޭންކުތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ އިސްވެރިންނާ އެކު މަޝްވަރާކުރައްވައިފައެވެ.

މިނިސްޓަރު ސައީދު ޗައިނާގައި: އޭނާ ގެންދަވަނީ އެ ގައުމުގެ ބޭންކުތަކާ އެކު މަޝްވަރާކުރައްވަމުން -- ފޮޓޯ/ މިނިސްޓްރީ

އެގޮތުން، މިނިސްޓަރު މިއަދު ވަނީ ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް (އައިސީބީސީ)އަށް ވަޑައިގެން އެ ތަނުގެ އިސްވެރިންނާ އެކު މަޝްވަރާކުރައްވައިފައެވެ. އެއަށް ފަހުގައި މިނިސްޓަރު ވަނީ ބޭންކް އޮފް ޗައިނާގެ އިސްވެރިންނާ އެކުގައި ވެސް މަޝްވަރާކުރައްވައިފައެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ބައްދަލުވުމުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރަން މަޝްވަރާކުރެއްވި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓަރު ސައީދުގެ ދެ ބައްދަލުވުމަކީ ވެސް މި އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުންތަކައި ގުޅުވައި ބޭއްވި ބައްދަލުވުންތަކެކެވެ.

މީގެ އިތުރުން، މިނިސްޓަރު އިއްޔެ ވަނީ ރާއްޖެ - ޗައިނާ ގުޅުން އިތުރަށް ބަދަހިކޮށް، ކަރަންސީ ސެޓްލްމަންޓު ނިޒާމެއް ގާއިމުކުރުމާ ގުޅޭ ގޮތުން ޗައިނާގެ ކޮމާސް މިނިސްޓަރު ވޭންގް ވެންޓާއޯއާ ވެސް ބައްދަލުކުރައްވައިފައެވެ.

ޗައިނާ އަދި އިންޑިއާ ފައިސާއިން، ރާއްޖެ އެތެރެކުރާ މުދަލުގެ އިމްޕޯޓު ފައިސާ ދެއްކޭނެ މަގު ހަމަޖެއްސުމަށްޓަކައި ދެ ގައުމު ސަރުކާރުން ވެސް އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިކޮނަމިކް މިނިސްޓަރީން ބުނީ ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށްޓަކައި، ރާއްޖެއާ އެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާ އެކު މިފަދަ ކަރަންސީ ސެޓްލްމެންޓް އެރޭންޖްމެންޓްތައް ހެދުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަން ދެއްވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް