ޗައިނާ ކުދިން އެހެން ގައުމުތަކުން އެޑޮޕްޓްކުރުން މަނާކުރަނީ

ޗައިނާ ކުދިންތަކެއް އެޑޮޕްކުރި ސްޕެއިން ބައެއް. ފޮޓޯ/އޭޕީ

ޗައިނާ ކުދިން އެހެން ގައުމުތަކުން އެޑޮޕްޓްކުރުން މަނާކުރަން ނިންމައިފިއެވެ.

ނަވާރަ ސަތޭކަން ނުވަ ދިހައިގެ އަހަރުތަކުގެ ކުރީކޮޅުއްސުރެ ޗައިނާއިން އެކަށައަޅައިފައިވާ އެއް ކުއްޖަކު ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން ގިނަ އާއިލާތަކަށް ވަނީ ކުޑަކުދިން ދޫކޮށްލަން މަޖުބޫރުވެފައެވެ. ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ އަންހެން ކުދިންނާއި ތުއްތު ކުދިން ދޫކޮށްލަން މަޖުބޫރުވުމުން އޭގެތެރެއިން ދެބައިކުޅަ އެއްބައި ކުދިން ތިބީ އެމެރިކާގައެވެ.

ނަމަވެސް ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ޗައިނާގެ އިގްތިސާދު ކުރިއަރާ، ކުދިން އުފަންވާ ނިސްބަތް ދަށްވުމުގެ ސަބަބުން އެހެން ގައުމުތަކުން އެޑޮޕްޓްކުރި ޗައިނާއި ކުދިންގެ އަދަދު ވަނީ މަދުވެފައެވެ. ޚާއްސަކޮށް ކޮވިޑް 19ގެ ދުވަސްވަރު އެކަން އޮތީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ.

މިހާރު ޗައިނާ ސަރުކާރުން ރަސްމީކޮށް އެކަން ހުއްޓުމަކަށް ގެނައުމަށް ނިންމާފައި ވަނީ އެގައުމުގެ ވިހެއުމުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެ، ކުރިމަތިވަމުން އަންނަ މައްސަލަތައް ނައްތާލުމަށް އޮފިޝަލުން މަސައްކަތް ކުރާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުރާސްފަތި ދުވަހު ވަނީ ޗައިނާގެ އެއްވެސް ކުއްޖަކު އެޑޮޕްޝަނަށް އެ ގައުމުން ބޭރަށް ނުފޮނުވާނެކަން އިއުލާންކޮށްފައެވެ. އެކަމުގައި ހަމައެކަނި އިސްތިސްނާވާނީ ޗައިނާ މީހަކާ ލޭގެ ގުޅުން އޮންނަ ދަރީން ނުވަތަ ދޮން ދަރީންނެވެ.

ޗައިނާއިން އެޑޮޕްޓްކުރުން މަނާކުރުމުގެ ސަބަބުން ކުދިން އެޑޮޕްޓް ކުރުމުގެ މަރުހަލާގައި ތިބި އެމެރިކާގެ އެތައް ސަތޭކަ އާއިލާއަށް ކުދިން އެޑޮޕްޓް ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.

ޗައިނާއިން 1992 ވަނަ އަހަރު އެޑޮޕްޓްކުރުން ރަސްމީކޮށް ހުޅުވާލި ފަހުން މުޅި ދުނިޔޭގައި ޗައިނާގެ 160،000 އަށް ވުރެ ގިނަ ކުދިން އާއިލާތަކަށް އެޑޮޕްޓްކޮށްފައިވާ ކަމަށް ޗައިނާގެ އެޑޮޕްޓް ކުރާ މީހުން އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ޗައިނާގެ ޗިލްޑްރަން އިންޓަނޭޝަނަލް އިން ބުނެއެވެ.

އެ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިން އެޑޮޕްޓްކޮށްފައި ވަނީ އެމެރިކާއިންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1999 އާއި 2023 އާ ދެމެދު އެމެރިކާއިން ޗައިނާގެ 82،674 ކުދިން އެޑޮޕްޓްކޮށްފައިވާއިރު، އެއީ އެމެރިކާއިން މުޅި ޖުމްލަ އެޑޮޕްޓްކުރާ އަދަދުގެ 29 އިންސައްތައެވެ.

ނަމަވެސް ޗައިނާއިން 2020 ވަނަ އަހަރު ކޯވިޑު ބަލިމަޑުކަމުގެ ދުވަސްވަރު އެޑޮޕްޓްކުރުން މެދުކަނޑާލީ ކުދިންގެ ސިއްހަތާއި ރައްކާތެރިކަންކަށަވަރު ކުރުމަށް ކަމަށް އޭރު ޗައިނާއިން އިންޓަކައުންޓްރީ އެޑޮޕްޝަންތަކާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ނޯޓިސްއެއްގައިވެއެވެ.

އެގޮތުން 2021 އަދި 2022 ވަނަ އަހަރުވެސް ޗައިނާގެ އެއްވެސް ކުއްޖަކު އެޑޮޕްޝަނަށް އެމެރިކާއަށް ފޮނުވާފަ ނުވި ނަމަވެސް މިދިޔަ އަހަރު ޗައިނާއިން 16 ކުއްޖަކު އެޑޮޕްޓްކޮށްފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް