ބްރިކްސްގައި ބައިވެރިވާން ތުރުކީން ނިންމައިފި؛ ބުނީ މުސްތަގުބަލަކީ އެއީ ކަމަށް

ތުރުކީއާއި ޗައިނާގެ ރައީސުން

އަންކަރާ (3 ސެޕްޓެމްބަރު 2024): މުސްތަގުބަލަށް ބަލާއިރު ދުނިޔޭގެ ޖިއޮޕޮލިޓިކަލް ސެންޓާ އޮފް ގްރަވިޓީގެ މިސްރާބު ހުރީ ހުޅަނގުގެ ބަދަލުގައި އިރުމަތީގެ ގައުމުތަކާ ދިމާއަށް ކަމަށް ބުނެ، ޗައިނާ އުފައްދާފައިވާ ބްރިކްސް ޖަމާއަތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ނިންމުން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ނިންމަވައިފިއެވެ.

އުރުދުޣާންގެ އަރިސް ފަރާތްތަކާ ހަވާލާދީ "ބްލޫމްބާގް" ބުނާގޮތުން ތުރުކީން މިދިޔަ ހަފުތާގައިވަނީ ބްރިކްސް ޖަމާއަތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް އެ ތަކެތިވަނީ އެ ޖަމާއަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

ތުރުކީން ދެކޭގޮތުގައި ޔޫރަޕްގެ އިއްތިޙާދުގައި ބައިވެރިކޮށްދޭތޯ އެ ޖަމާއަތުގެ ފަހަތުން އާދޭސް ކުރަމުން ތުރުކީން ދިޔަ ޒަމާން މިހާރުވަނީ މާޒީވެފައެވެ.

މިހާރު ތުރުކީ ދެކޭގޮތުގައި މުސްތަގުބަލަކީ ބްރިކްސެވެ. ޔޫރަޕްގެ އިއްތިހާދު ދަނީ މުސްކުޅިވަމުންނެވެ. ބްރިކްސް ކައިރި މުސްތަގުބަލެއްގައި ޖީ -7 އަށް ވުރެ ވެސް އިގުތިސާދީ ގޮތުން ބުރަދަންހުރި ޖަމާއަތަކަށް ވެގެންދާނެ ކަމަށް ތުރުކީން ދެކެއެވެ.

މިހާރަށް ބެލި ނަމަވެސް ބްރިކްސްގެ އިގުތިސާދު ޖީ -7 ގެ ޖަމާއަތުގެ އިގުތިސާދާ އެހާ ބޮޑު ތަފާތެއް ނެތެވެ. އޮތީ ކުޑަ ތަފާތެކެވެ. ޖީ-7 އަކީ އެމެރިކާ އިސްކޮށް އޮވެގެން އުފައްދާފައިވާ ހުޅަނގުގެ އިގުތިސާދީ ބާރުތަކަށް ޚާއްސަ ޖަމާއަތެކެވެ. އެ ޖަމާއަތަށް ރަޝިއާ ވެއްދުމަށް ފަހު އެމެރިކާއާއި ރަޝިއާގެ ގުޅުންތައް ގޯސްވުމުން ރަޝިއާއިން ވަނީ އެ ޖަމާއަތުން ބޭރުކޮށްލާފައެވެ.

ނަމަވެސް، ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވި ގޮތުގައި ޔޫރަޕްގެ އިއްތިހާދަށް ތުރުކީ ވައްދާނަމަ ތުރުކީ އަދިވެސް އޮތީ އެ އިއްތިހާދުގައި ބައިވެރިވާން ތައްޔާރަށެވެ. ޔޫރަޕްގެ އިއްތިޙާދު ތުރުކީއަށް އަދިވެސް މުހިއްމުވަނީ އެ ޖަމާއަތުގެ ގައުމުތައް ތުރުކީއާ ކައިރިކަމުން މުދާ އެކްސްޕޯޓް ކުރުމަށް ކުރަންޖެހޭ ޚަރަދުތައް ކުޑަވާނެއެވެ.

ބްރިކްސްގެ ފައުންޑަރުން

ޔޫރަޕްގެ އިއްތިހާދުގައި ބައިވެރިވާން އެދި އެ އިއްތިޙާދުގެ ގައުމުތަކުގައި ތުރުކީ އާދޭސް ކުރަމުންގެންދާތާ މިހާރުވަނީ ތިރީހަކަށް އަހަރުވެފައެވެ. ނަމަވެސް, އެކިއެކި ބަހަނާތައް ދައްކައިގެން އެ ޖަމާއަތުން ގެންދަނީ ތުރުކީއަށް މެންބަރުކަން ދިނުމަށް ފަސްޖެހެމުންނެވެ.

މިކަމުގެ އެއް ސަބަބަކީ ތުރުކީއަކީ އިސްލާމީ ގައުމަކަށްވުންކަމަށް ގިނަ މުހައްލިލުން ދެކެއެވެ. ޔޫރަޕްގެ ގައުމުތަކުގެ މުއައްސަސާތަކާއި ޔޫރަޕްގެ ސިޔާސީ ޕާޓީތަކާ އަދި ޔޫރަޕްގެ ސިޔާސީ ލިޑަރުންނަކީ ބޭރުފުށުން ދީނަށް ނުބަލާ (ސެކިއުލަރިޒަމްގެ ދަޅަތައް) ދެއްކި ނަމަވެސް އެއީ ކުރީގެ ޔޫރަޕްގެ ބޯދާ އިސްތިއުމާރީ ވިސްނުމާއި ސަލީބީ ހަނގުރާމައިގެ ވިސްނުމާއި މުސްލިމުންނާ ދެކޮޅަށް ޒަމާނުއްސުރެ ޔޫރަޕްގެ ނަސާރާއިން ގެންގުޅޭ ހަސަދަ އަޑިއަޑިން ގެންގުޅޭ ދެފުށްދެގޮތް ބައެކެވެ.

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ފަދަ މޮޅެތި ޝިއާރުތައް ޔޫރަޕުން ފެތުރި ނަމަވެސް އަމިއްލަ މަސްލަހަތާ ޖެހުނީމާ ހުރިހާ ކަމެއް ހަނދާން ނައްތާލާ ބައެކެވެ. އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ފަދަ މޮޅެތި ޝިއާރުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާއި އެއްޖިންސުން ގުޅުން ހިންގުންފަދަ މުޑުދާރު ޝައިތާނީ އަމަލުތައް ވެސް އިގުތިސާދީ ކަންކަމާ ގުޅުވައިގެން ޔޫރަޕުން ޕްރޮމޯޓް ކުރަމުން ގެންދެއެވެ.

ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކަށް ހިތްވަރު ދިނުމާއި އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާ ކުރުމާއި އިސްރާއީލުގެ ހިމާޔަތުގައި ބައިނަލްއަގުވާމީ ކޯޓުތަކަށް އަތްބޭނުމާއި އިސްރާއީލުގެ އަނިޔާވެރިކަން ފޮރުވަން ހުޅަނގުގެ މީޑިއާތަކުން ކުރާ މަސައްކަތްތައް ޔޫރަޕްގެ ދެފުށްދެގޮތްކަމުގެ ހެކިތަކަށް ފުދެއެވެ.

ރިޕޯޓްތައް ބުނާގޮތުން ނޭޓޯގެ ގައުމެއްގެ ގޮތުގައި އޮވެ، ބްރިކްސްގައި ބައިވެރިވާން ތުރުކީ ފޯމު ފުރުމަކީ އެމެރިކާއާއި ޔޫރަޕަށް ދިން ވަރުގަދަ މެސެޖެކެވެ. ބްރިކްސްއަކީ އެމެރިކާ އެންމެ ބޮޑަށް ރުޅިއަންނަ އަދި ދުނިޔޭގެ މަސްރަހުގެ ކޮންޓްރޯލް އެމެރިކާއަތުން ނެގުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ދެ ބާރުކަމަށްވާ ޗައިނާއާއި ރަޝިއާ އިސްކޮށް އޮވެގެން އުފައްދާފައިވާ އިގުތިސާދީ ޖަމާއަތެކެވެ.

ތުރުކީއަކީ ނޭޓޯއަށް އާދަޔާ ޚިލާފަށް މުހިއްމު ގައުމަކަށްވެފައި ނޭޓޯގެ ކޮންވެންޝަނަލް ބާރުގައި ތުރުކީއަކީ ދެވަނައަށް އެންމެ ބާރުގަދަ ގައުމު ކަމަށްވެފައި ތުރުކީ އޮންނަނީ ނޭޓޯއަށް ވަރަށް ސްޓްރެޓީޖިކް ސަރަހައްދެއްގައި ކަމަށްވުމުން ތުރުކީން ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ތުރުކީ ނޭޓޯއިން ބޭރުކުރުމަކީ އެމެރިކާއަށް ކުރަންކެރޭނެ ކަމެއް ނޫނެވެ. އެއީ ނޭޓޯއަށް ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށްވާތީއެވެ. ތުުރުކީއަށް މި ހަގީގަތް އެނގެއެވެ. އެއިން ފައިދާ ނަގަން ވެސް އެނގެއެވެ.

ތުރުކީ ބްރިކްސްގައި ބައިވެރިވުމުން ބައިނަލްއަގުވާމީ އިގުތިސާދުގައި މިހާރަށް ވުރެ ބޮޑު ދައުރެއް އަދާކުރުމުގެ ފުރުސަތުތަކާއި ތުރުކީގައި ޗައިނާއާއި އިންޑިއާފަދަ ގައުމުތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ތަނަވަސް ވާނެ ކަމަށް ތުރިކީން ދެކެއެވެ.

އަދި، ބްރިކްސް ބޭންކުން ބޮޑެތި ލޯނުތައް ލިބުމަށް މަގުފަހިވެ، ބްރިކްސްގެ ބާޒާރުތަކުން ތުރުކީގެ އުފެއްދުންތަކަށް މާކެޓް ލިބޭނެކަމަށް ވެސް ތުރުކީން ދެކެއެވެ.

ބްރިކްސްގެ އެންމެ ބޮޑު ސްޓްރެޓީޖިކް ލަނޑުދަނޑިއަކީ އެމެރިކާ ޑޮލަރާ ނުލައި އެ ޖަމާއަތުގެ ގައުމުތަކުގެ މެދުގައި އިގުތިސާދީ މުއާމަލާތްތައް ހިންގޭނެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމެވެ. އެކަން މިހާރު ކުރިއަށް އެބަދެއެވެ. އެއަށް ފަހު އެމެރިކާ ޑޮލަރާ ވާދަކުރާނެ ރިޒާވް ކަރަންސީއެއް އުފެއްދަކީ ވެސް ބްރިކްސްގެ އަމާޒެކެވެ. މި ކަމަށް ވަގުތު ނެގި ނަމަވެސް މިއީ ދިގުމުއްދަތަކުން ބްރިކްސްގެ ގައުމުތަކަށް ކުރެވިދާނެކަމެއް ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.

ކުރިއަށް އޮތް 2030 ވަނަ އަހަރާ ހަމައަށްދާއިރު ޖީ-7 ގެ އިގުތިސާދަށްވުރެ ބްރިކްސްގެ އިގުތިސާދު ބޮޑުވާނެކަމަށް އިގުތިސާދީ އަންދާޒާކުރުންތައް ބުނެއެވެ. ބްރިކްސް ވުޖޫދަށް އައީ 2009 ވަނަ އަހަރެވެ. މި ޖަމާއަތް އުފެއްދީ ރަޝިއާއާއި ޗައިނާ އިންޑިއާ އަދި ބްރަޒީލާއި ދެކުނު އެފްރިކާ ގުޅިގެން ކަމަށް ވިޔަސް ކުރިއަރަމުން އަންނަ އަދި ގުދްރަތީ ވަސީލަތްތައް ގިނަ އެތައް ގައުމެއް މިހާރުވަނީ މި ޖަމާއަތުގައި ބައިވެރިވެފައެވެ. މީގެ ތެރޭގައި ސައޫދީ އަރަބިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އީރާން، އިތިއޮޕިއާ ހިމެނެއެވެ.

އިންޑޮނީޝިއާ، މެލޭޝިއާ އަލްޖަޒާއިރު އަދި ވިއެޓްނާމް ފަދަ ގައުމުތައް ވެސް ވަނީ ބްރިކްސްގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ތުރުކީއަކީ ވެސް ވަރަށް ބާރަށް ކުރިއަރަމުން އަންނަ ސިނާއީ ގައުމަކަށް ބަދަލުވަމުންދާ އިގުތިސާދެކެވެ.

comment ކޮމެންޓް