ޖަޕާނުން ޗައިނާއަށް ޗިޕް އުފެއްދުމުގެ މެޝިނަރީ ވިއްކުމާއި މަރާމާތު ކުރުން އިތުރަށް ހަނިކޮށްފިނަމަ، އިޤްތިޞާދީ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ ޗައިނާއިން ޖަޕާނަށް އިންޒާރު ދީފިއެވެ
ކާރަކީ ޖަޕާނުގެ އެންމެ ބޮޑު އެއް އެކްސްޕޯޓެވެ. އަދި ޓޮޔޯޓާއަކީ ޖަޕާނުގެ އެންމެ ނުފޫޒު ބޮޑު އެއް ކުންފުންޏެވެ. ޓޮޔޯޓާއިން ވަނީ ޓައިވާނުގެ ޗިޕް އުފައްދާ ކުންފުނި ޓީއެސްއެމްސީގެ ކުމަމޯޓޯގައި ހުރި ޕްލާންޓަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައެވެ. އެހެންކަމުން މި އެކްސްޕޯޓް ރެސްޓްރިކްޝަންތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ އެއް ފަރާތަކީ ޓޮޔޯޓާއެވެ.
މި ކަންތައްތައް މިހެން ދިމާވަނީ އެމެރިކާއިން ޖަޕާނަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ. އެއީ ޗައިނާގެ ޓެކްނޮލޮޖީގެ ބާރު ކުޑަކުރުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކާ އެއްގޮތަށް ޖަޕާނުގެ ސިޔާސަތު ބައްޓަންކުރުމަށް ބާރުއެޅުމަށެވެ. ޚާއްޞަކޮށް ސެމިކޮންޑަކްޓަރ އުފެއްދުމާ ގުޅޭ ސިޔާސަތުތަކެވެ.
މި މައްސަލައިގައި ޖަޕާނުން އެމެރިކާގެ އެދުމަށް ތަބާވެ އިތުރު ފިޔަވަޅުތަކެއް އަޅާނެކަން އަދި އެނގިފައެއް ނުވެއެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ ޖަޕާނުގެ ޞިނާޢަތްތަކަށް ކުރާނެ އަސަރުތަކާ މެދުވެސް ސާފު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި އަހަރު ނިމުމުގެ ކުރިން މިކަމުގައި އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުއްމީދު ބައިޑަން ފާޅުކޮށްފައިވެއެވެ.
މި ހަނގުރާމައިގެ އަނެއް މުހިންމު ބައިވެރިއަކީ ޓައިވާނެވެ. ދުނިޔޭގެ ސެމިކޮންޑަކްޓަރުގެ މާކެޓުގެ 68 އިންސައްތަ މިހާރު އުފައްދަމުންދަނީ ޓައިވާނުންނެވެ. މިކަމުގެ ސަބަބުން ޓައިވާނަކީ ޗައިނާއާއި އެމެރިކާގެ ވާދަވެރިކަމުގެ މެދުގައި ފިތިފައިވާ ޤައުމަކަށް ވެފައިވެއެވެ.
އެމެރިކާގެ އިސް އޮފިޝަލުން މިހާރު ވަނީ ޖަޕާނުގެ އިސްވެރިންނާއެކު މަޝްވަރާކުރަން ފަށާފައެވެ. އެއީ މުހިންމު މެޓީރިއަލްތައް ލިބުން ކަށަވަރުކުރުމަށްޓަކައެވެ.
އެމެރިކާއިން ކުރިން ވަނީ ޗައިނާއަށް ފަހުގެ ޓެކްނޮލޮޖީގެ ޗިޕްތައް އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. މި ޗިޕްތަކަކީ މައިގަނޑު ގޮތެއްގައި މިލިޓަރީ ހާޑްވެއަރގައި ބޭނުންކުރާ ޗިޕްތަކެކެވެ. ނަމަވެސް ބައެއް ކުންފުނިތަކުން މި މަނާކުރުން އޮޅުވާލައިގެން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.
މީގެ އިތުރުން، ޗައިނާއަށް މި ޗިޕްތައް އުފެއްދުމުގެ ޤާބިލުކަން ނެތް ނަމަވެސް، ކްލައުޑް ކޮމްޕިއުޓިން ޚިދުމަތްތައް މެދުވެރިކޮށް މި ޓެކްނޮލޮޖީއަށް ވާސިލުވެވޭ ކަމަށްވެސް ބުނެވެއެވެ.
މި ހާލަތުގައި އެންމެ ބޮޑަށް ގެއްލުން ލިބިދާނެ ދެ ކުންފުންޏަކީ ޓޮޔޯޓާއާއި ޗިޕް އުފައްދާ ކުންފުނި ޓޯކިޔޯ އިލެކްޓްރޯނެވެ. މި ދެ ކުންފުނީގެ ތެރެއިން ޓޯކިޔޯ އިލެކްޓްރޯންގެ ހިއްސާގެ އަގު ވަނީ މިހާރުވެސް ދެ ޕަސަންޓަށްވުރެ ދަށަށް ގޮސްފައެވެ. އެއީ ޖަޕާނާއި ޗައިނާގެ ގުޅުން ގޯސްވަމުންދާކަން އެނގުމާ ގުޅިގެންނެވެ.
މި ހުރިހާ ކަމަކީވެސް ޖަޕާނުގެ އިޤްތިޞާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ.