އަޅުގަނޑުމެންގެ މަދުރަސީ ދައުރުގައި ނިކަން ދޭތެރެ އަވަސްކޮށް ގައުމީ އެކި ކަންކަމާމެދު ބަހުސްކުރުން އޮވެއެވެ. ދިވެހިރާއްޖޭގެ އިގްތިސާދަށް އެންމެ ފައިދާކުރަނިވި އަދި ބޭނުންތެރި ސިނާއަތަކީ ކޮބައިކަމުގެ މައްޗަށް ބަހުސްކުރުން އޮވެއެވެ. އޭރު ދިވެހިންގެ އެންމެ ބޮޑު ތިން ސިނާއަތަކީ ފަތުރުވެރިކަމާއި މަސްވެރިކަމާއި ޝިޕިންގއެވެ. މީގެތެރެއިން މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސިނާއަތެވެ. އެތައް ހާސް އަހަރެއްވީ ސިނާއަތެކެވެ. ޝިޕިންގް އާއި ފަތުރުވެރިކަމަކީ ހަމައެކަނި މަސްވެރިކަމުގެ މައްޗަށް ބަރޯސާކޮށްގެން މަސްވެރި ގައުމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ދިވެހިންގެ އިގްތިސާދު ސިންދަފާތު ކުރުމުގެ ވިސްނުމާއި ރޭވުމުގެ ތެރެއިން ރައީސް އިބްރާހިމް ނާސިރު މާފަހަކުން ތައާރަފު ކުރެެއްވި އައު ދެ ސިނާއަތެވެ. ކުރިން ދިވެހިން ދަންނަ އަދި ފަރިތަ ސިނާއަތްތަކެއް ނޫނެވެ. ނާސިރުގެ މި ވިސްނުންފުޅުގެ މޭވާ ވަރަށް ފޮންޏެވެ. ވަރަށް ބަރާބަރެވެ.
މިދެންނެވި ދެ ސިނާއަތު ކަޑަބޮއްޖަހައިފައި ކުރިއަރައި ފުޅާވުމަށް މާގިނަ އަހަރުތަކެއް ހޭދައެއް ނުވެއެވެ. އިސާހިތަކު ރާއްޖޭގެ ކުރިއެރުމުގައި އެއްބަޔަކު އަނެއްބަޔަކާ ވާދަކުރުމުގެ ރޫހު ބޮޑުވެ މަސްވެރިކަމާ ވާދަކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މަދަރުސާކުދިންގެ ދިރާސާތަކާއި ހަމައަށްވެސް މި ބަހުސް ތިލަވެގެން އައީއެވެ. މިއީ އޭރު ވަރަށް ފޯރީއާއެކު ކުރި ބަހުސެކެވެ. ކުލާސްތަކުގެ މެދުގައެވެ. ހައުސްތަކުގެ މެދުގައެވެ. ސްކޫލްތަކުގެ މެދުގައެވެ. އަދި ކިއްތަ ގައުމީ އެކިއެކި ފޯރަމްތަކުގައެވެ. މިހާރުވެސް މަސްވެރިކަމުގެ ސިނާއަތު އެބައޮތެވެ. ފަތުރުވެރިކަން އެއޮތީ ދިވެހިރާއްޖޭގެ އިގްތިސާދުގެ ރަންބިސްއަޅާ ކުކުޅުގެ ގޮތުގައި ވަރަށް ފުރިހަމަ ތަފާތު ބޮޑު އެއްވަނައެއްގައެވެ. އެކަމަކު ވަކި ސިނާއަތެއްގެ ގޮތުގައި ޝިޕިންގް އެއް މިހާރަކު ނުފެނެއެވެ. އެ ސިނާއަތު ކޮބައިބާވައެވެ. ސިނާއަތެކޭ ބުނެވޭވަރުވެސް ނުވާ ހިސާބަށް ދިވެހިރާއްޖޭގެ ޝިޕިންގް ސޮއްސައިލީ ކީއްވެގެންބާވައެވެ.
ދިވެހިރާއްޖެއަކީ އެއްދުވަސްވަރެއްގައި މުޅި އޭޝިއާގައިވެސް އެންމެ ބޮޑު ޝިޕިންގް ލައިނެއް އޮޕަރޭޓްކުރި ގައުމެވެ. އެ ސިނާއަތުގައި ދިވެހިރާއްޖެ ވަނީ ވިލާތު ބައްރުގެ އެންމެ ބޮޑު ފްލީޓް ގެންގުޅުނު އަދި މިހާރުވެސް ގެންގުޅޭ ގްރީސްއާ ވާދަކޮށްފައެވެ. ދުނިޔޭގެ ވިޔަފާރި ކުންފުނިތަކަށް ދިވެހިރާއްޖެ ދަސްވެފައިއޮތީ ރާއްޖޭގެ ޝިޕިންގް ލައިނާ ގުޅުވައިގެންނެވެ. އެއްގައުމުން އަނެއް ގައުމަށް ތަކެތި އުފުލަން ބޭނުންވެއްޖެނަމަ އެންމެ އަވަހަށް އެންމެ ހެޔޮއަގުގައި އެކަން ކުރުމަށް އޮތް މަގަކީ އެދުވަސްވަރު ދިވެހިރާއްޖޭގެ ގައުމީ ޝިޕިންގް ކުންފުންޏެވެ. އެ ކުންފުނީގެ ފްލީޓް ވަރަށް ބޮޑެވެ. މީސްތަކުންގެ އިތުބާރުވެސް ބޮޑެވެ. އެވަރަކުން އަދި ނުނިމެއެވެ. ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި އެންމެ ތަނަވަސްކޮށް އުޅުނީ ސީމަނުންނެވެ. ބޭރުބޯޓު ދަތުރުކުރާ މީހުންނެވެ. ދިވެހި ސީމަނުން އުޅުނީ ހަމައެކަނި ދިވެހި ބޯޓުފަހަރަކު ނޫނެވެ. ބޭރުގެ ކުންފުނިތަކުގައިވެސް ދިވެހި ސީމަނުން ވަރަށް ގިނައެވެ.
ދިވެހި ސީމަނުންނަށް އޮތް ޑިމާންޑުވެސް ނުހަނު ބޮޑެވެ. ދިވެހި ސީމަނުން ރެކްރޫޓްކޮށް ބޯޓުފަހަރަށް ފޮނުވުމުގެ ވިޔަފާރިއަކީވެސް ވަރަށް ނަފާބޮޑު ވިޔަފާރިއެކެވެ. ރާއްޖޭގެ އެންމެ ބޮޑެތި އެޖެންސީތަކުގެ ތެރޭގައި އޭރު ގިނައީވެސް ސީމަނުން ރެކްރޫޓްކުރާ އެޖެންސީތަކެވެ. މިހިސާބުގައި އޮތް ސިނާއަތެއް ސޮއްސާލައި ރޫޅި ކުދިކުދިވެގެންދާނީ އެންމެ ސަބަބަކުން ނޫނެވެ. ބައިވަރު ސަބަބުތަކާހުރެއެވެ. ބަލައިލީމާ އެ ސަބަބުތައް ފެނެއެވެ. ރައީސް ނާސިރުގެ ދައުރު ނިމުމަށްފަހު ދެންއައި ދައުރުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް އައު ވިސްނުމެއް ނެތެވެ. އައު ޕްލޭނެއްވެސް ނެތެވެ. ނަތީޖާއަކަށްވީ ދުނިޔޭގައި އަވަސްކަމާއެކު ބަދަލުވަމުންދިޔަ ޝިޕިންގް ސިނާއަތުގެ ވިޔުގައިން ދިވެހިން ބޭރުވުމެވެ. މި ސިނާއަތު އަދާހަމަނުކުރެވުމެވެ. ފްލީޓް ޒަމާނީ ނުކުރެވި ދަބަރަށްވުމެވެ. ޝިޕިންގްއަކީ އޮޓޮމެޓިކް މޯޑަށް ލައިގެން ނިދާފައި ތިބެގެން ފަރުޖެއްސޭނެ އަދި ކުރިއަށް ގެންދެވޭނެ ސިނާއަތެއް ނޫނެވެ.
ޝިޕިންގްއަކީ ވަރަށް ހުޝިޔާރުވެ ރޭވުންތެރިކަން ރަނގަޅުކޮށްގެން ނޫނީ ދެމެހެއްޓޭނެ ސިނާއަތެއް ނޫނެވެ. ކުރިންވެސް ދެންނެވިފަދައިން އެ ސިނާއަތު އެއް ހަރުފަތުން އަނެއް ހަރުފަތަށް ގެންދާންޖެހުނުއިރު އެކަމަށް ބޭނުންވާ ޕްލޭނެއް ވިސްނުމެއް އިންވެސްޓްމަންޓެއް ނެތީއެވެ. ދެން ދާނެގޮތަކަށްދާން، މަރުވާން ދޫކޮށްލެވުނީއެވެ. މުޅި ސިނާއަތު އަޑިއަޅާލުމުގައި ކޮރަޕްޝަނުގެ އަމަލުތައްވެސް ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ. އެކަން ބެލޭނެ ނިޒާމެއްވެސް ނެތީއެވެ. ބަލަންވެސް ބޭނުންނުވީއެވެ. ދުވަސްވަރަކީ ސަރުކާރުގެ މާބޮޑު އަމަލީ ރޭވުންތެރިކަމަކާއި މަސައްކަތެެއްނެތި ފަތުރުވެރިކަމުގެ ސިނާއަތު ފަތުއަޑުކިޔާފައި ކުރިއަރަމުންއައި ދުވަސްވަރެވެ. އަމިއްލަ މީސްމީހުންގެ ބުރަ މަސައްކަތުންނެވެ. ބެޑްޓެކުހާއި ރަށްރަށުގެ ކުލީގެ ގޮތުގައި ސަރުކާރަށް ވަންނަބައި ދިޔައީ އިތުރުވަމުންނެވެ. އެހެންވީމާ އެހެން ސިނާއަތަކާ ދޭތެރޭ ވިސްނައި ފިކުރުކޮށް ސިކުނޑިން ތެޔޮހޭނުމުގެ ބޭނުމެއްއޮތްކަމަށް ވެރިކަން ހިންގަން ތިބި މީހުންނަށްވެސް ނުފެނުނީއެވެ.
ރާއްޖޭގެ ޝިޕިން ސިނާއަތު މިދެންނެވި ބީދައިން މަރުވެ ކަފުންކުރިތާ އެތައް އަހަރެއްް ފަހުން ދާދި އިހަށްދުވަހު އަނެއްކާވެސް އައު ޝިޕިންގް ލައިނެއް ވުޖޫދުކޮށްފިއެވެ. ކުޑަގޮތަކަށެވެ. ބޮޑުކޮށް ފުޅާކުރުމުގެ ނިޔަތުގައެވެ. އެސްޓީއޯގެ ކުޑައިގެ ދަށުގައެވެ. ކާމިޔާބީއާ ހަމައަށް ވާސިލްވެވިއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ. ކާމިޔާބީއާ ހަމައަށްދެވޭނީ ތަޖުރިބާގެ ބޭނުން ހިފައިގެންނެވެ. އެތަޖުރިބާ އޮތީ ކިތަންމެ ފުރިހަމައަކަށްވެސް ލިބިފައެވެ. ދިވެހިންގެ އިގްތިސާދު ސިންދަފާތުކޮށް އައު ކަންކަން ކުރުމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. އެގޮތަށް ސިންދަފާތުކުރާނަމަ އެންމެ މުހިންމު ދައުރެއް އަދާކުރެވިދާނެ ސިނާއަތަކީވެސް އެއީއެވެ. ރާއްޖޭގެ ޕޮޒިޝަނުގެ ގޮތުންނެވެ. ސިނާއަތުގެ ބާވަތުންނެވެ. އިގްތިސާދީ މައިދާނުގައި ގައުމުތަކަށް ކުރިއެރުން ލިބެނީ އާބާދީއާއި ސައިޒާއި ވަސީލަތްތަކުން އެކަންޏެއް ނޫނެވެ. ރޭވުންތެރިކަމާއި ދުރަށް ވިސްނުމަކީވެސް ބޭނުންތެރި ކަމެކެވެ. ސިންގަޕޫރާއި ހޮންގްކޮންގާއި ލަގްޒެމްބާގަކީ މިބަހުގެ މިސާލުތަކެވެ.