ދިވެހީންގެ ތެރޭގައި ވަރަށް ކުރީޒަމާނުން ފެށިގެން ބޭނުންކުރެވޭ މިސާލު ބަހެކެވެ. ދުނިޔެ ހިނގަނީ ތޮށަލިދުޅައަށެވެ. ނުވަތަ ދުނިޔޭގެ ކަންތައް ހިނގާނީ ތޮށަލިދުޅައަށެވެ. މިބަހަކީ ދުނިޔެ އެކިގޮތްގޮތަށް އެނބުރޭ ވާހަކައެއް ނޫނެވެ. ދުނިޔެ އެނބުރެމުންދަނީ ނުވަތަ ދައުރުވަމުންދަނީ އަބަދުވެސް އެއްގޮތަކަށެވެ. އެކަމަކު އިންސާނުންގެ ދިރިއުޅުން މުޅިން ތަފާތެވެ. އެއީ އަބަދު އެއްގޮތަކަށް ދައުރުވާ އެއްޗެއް ނޫނެވެ. އިންސާނާގެ ދިރިއުޅުމަކީ އެގޮތް މިގޮތަށް އެނބުރޭ އެއްޗެކެވެ. އެކިދުވަސްވަރު އެކިގޮތަށެވެ. އެހެންވީމާ ކުރިން ދެންނެވި މިސާލުބަސް ރައްދުވަނީ މީސްތަކުންނަށެވެ. ފިލާވަޅެއްގެ ގޮތުގައެވެ. ދިރިއުޅުމުގައި ދިމާވާނީ އުފަލާއި ހިތާމަޔާއި ނުވަތަ ތަނަވަސްކަމާއި ދަތިކަން ކަމުގައި ބަޔާންކުރުމަށެވެ. މިއަދު ލިބިފައިވާ ބާރު މާދަމާ ގެއްލިގެންގޮސް ނިކަމެތިވެދާނޭ ކަމާއި މިއަދު ލިބިފައިވާ ތަނަވަސްކަން މާދަމާވެސް ގެއްލި ދަތިކަން ކުރިމަތިވެދާނޭކަން ބުނެދިނުމަށެވެ.
މާދަމާ ކަނޑަން ލިބޭނޭ ގޮވާމަކީ މިއަދު އިންދާ މުޑުވަކެއްގެ ނަތީޖާކަމާއި މިއަދު ކުރާ ކަމެއްގެ ހިތިކަމާއި ފޮނިކަންވެސް މާދަމާ ތަޖުރިބާކުރަންޖެހޭނެކަން ބުނެދިނުމަކީ މީސްތަކުން ހޭއަރުވައި ނަސޭހަތް ދިނުމުގެ ގޮތުން ބުނާ ބަހެކެވެ. މީސްތަކުންނަށް އަނިޔާވެރިނުވެ ބަދަލުހިފުމާއި ބޮޑާވެގަތުމުގެ ސިފަތަކުން ދުރުހެލިވެ އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން ބުނާ ބަހެކެވެ. މީހަކަށް ކެއްސެއްދޭން ތިމާ ރާވާ ނުބައި ރޭވުންތަކާއި އަނިޔާވެރިކަން އިސްކޮށްގެން ކުރާ ނޭއްގާނި ކަންކަމުގެ ހިތިކަން އެންމެފަހުން ތިމާ އަމިއްލައަށްވެސް ތަޖުރިބާކުރަންޖެހޭނެކަން ބުނެދިނުމަކީ މިބަހުގެ މުރާދެވެ. ކޮންމެއަކަސް މިބަސް އެންމެންވެސް ދަނެއެވެ. މާނަވެސް އެނގެއެވެ. އެކަމަކު ފިލާވަޅަކަށް ނުބެލީމާ ދެންވާ ކަންކަން އަބަދުވެސް ފެންނަމުންދެއެވެ. ތުންބުރި ކާޅަށްވެސް ކާންލިބޭ ދުވަސް އަންނަ ފަދައިން އެންމެ ނިކަމެތި މީހާއަށްވެސް ބާރުލިބި ބޮނޑިއެއް އަޅައިލާނެ ފުރުސަތު ލިބޭނޭކަން ނުދަނެ ކަންކަން ކުރުމުގެ ދެރަ ނަތީޖާ ވަރަށް ގިނައިން ފެނެއެވެ.
ތުންބުރިކާޅަކީ ކޮބައިހެއްޔެވެ. އެއީ ކާޅުތަކުގެ ތެރެއިން އެންމެ ނިކަމެތި އެއްޗެވެ. އަނިޔާވެ ތުންގަޑުވެސް ބުރިވެ އަމިއްލަޔަށް ކާނާހޯދުމަށް ނުކުޅެދިފައިވާ އެއްޗެކެވެ. އެކަމަކު އެއަށްވެސް ކޮންމެވެސް ގޮތަކުން ރިޒްގު ލިބެނީއެވެ. ރަށު އެންމެން ކައްކައި އުޅޭ ދުވަސްދުވަހު އެއަށްވެސް ކާނާ ލިބެނީއެވެ. ރަބީއުލްއައްވަލު މަހުގެ ބާރަ ދުވަހާއި ދެ އީދު ދެދުވަހާއި ބޮޑު މާލޫދު ދުވަސް ކަހަލަ ދުވަސްދުވަހުއެވެ. މިއިން އެނގެނީ ކިތަންމެ ނިކަމެއްްޗަކަސް ފުރުސަތު ލިބޭކަމެވެ. ލިބޭނެކަމެވެ. ދުނިޔޭގެ ކަންކަން ތަރުތީބުވެ ހިނގަމުންދަނީ އަބަދު އެއްގޮތަކަށް ނޫންކަމެވެ. ނިކަމެތިންނަށް އަބަދު ނިކަމެތިކަމާއި އެކަހެރިކަންވެސް ނޯންނަކަމެވެ. މިޒާތުގެ ކަންކަމަށް ނިސްބަތްކޮށްފައި ދިވެހިބަހުގައި މިސާލުބަސްތައް ނުހަނު ގިނައެވެ. އޭގެތެރެއިން ބަހެކެވެ. ރާވެރިއެއްގެ ދަރިއަކަށްވެސް ހަތެރެތިން އެކަތި އޮންނާނެއެވެ. މިބަހުގެ މުރާދަކީ ކިތަންމެ ދެރަ މީހެއްގެ ދަރިއަކަށްވިޔަސް އޭނާއަށްވެސް ދުވަހެއް އަންނާނެއެވެ. ކެއްސާއި އަނިޔާ ތަކުރާރުވާން ވެއްޖެނަމަ އޭނާވެސް ބަދަލު ހިފާނެއެވެ. ބަދަލު ހިފުމުގެ ފުރުސަތު ކޮންމެވެސް ދުވަހަކުން އޭނާއަށްވެސް ލިބޭނެއެވެ. ހޭއަރާށެވެ.
މިވާހަކަ މިއަދު ލިޔުމުގެ ބޭނުމެއް އެބައޮތެވެ. އެބޭނުމަކީ ނުވަތަ ގަސްތަކީ މީހަކަށް އަނިޔާދިނުމަށް ހިތުލައިގެން ބަޔަކު ކިތަންމެ މޮޅު ތަދުބީރެއްކުޅަޔަސް ތަގުދީރާއި ނުކުޅެވޭނޭކަމުގެ މިސާލު ދެއްކުމެވެ. އާރާއި ބާރަކީ ވަގުތީ އެއްޗެއްކަމާއި ވަގުތީ ބާރެއްގެ މަސްތުގައި އަނިޔާވެރިކަން އިސްކުރީމާ އާޚިރުގައި އޭގެ ހިތި ނަތީޖާ ފެންނާނޭކަން ބުނެ ދިނުމެވެ. މީސްމީހުންގެ ހައްގަށް އަރައިގަނެ އަނިޔާވެރިކަން އިސްކުރީމާ އަދި އެ އަނިޔާތަކުގައި ބައިވެރިވީމާ އެހިސާބުން އަދި އެކަމެއް ނުނިމެއެވެ. ތަގުދީރު ހީލަހީލައި ހުރެއެވެ. ތަގުދީރު އައިސް ހިފީމާ ދެން ދެއްކޭނެ ބާރެއްވެސް ނޯވެއެވެ. މިއީ ބަދަލުނުވެ ކަންހިގަމުން އަންނަ މަގެވެ. މިމަގުން ހިގާން ނުޖެހޭ މީހަކު މިދުނިޔެއަކަށް އަދި އުފަން ނުވެއެވެ. މިކަމުގެ މިސާލުތައް ގިނައިން ފެންނާނީ ތާރީޚު ހާވައި ބެލީމައެވެ. ބާރުހުރި ދުވަހު ކަންކަންކުރި ގޮތާއި އާޚިރުގައި ދެން ކުރިމަތިލާންޖެހުނު ކަންކަމަށް ބެލީމައެވެ. ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ތަންތަނުންނެވެ.
މިވާހަކަ ނިންމައިލާނީ އުމުރުން ވަރަށް ދުވަސްވެފައިވާ މުސްކުޅިއަކު ކިޔައިދިން ވާހަކައަކުންނެވެ. އެކަމަކު ނަންތައް އުނިކޮށްފައެވެ. މަސްލަހަތަށްޓަކައެވެ. އޭނާ ދުށް މަންޒަރެކެވެ. ދެނަހުރި ކަމެކެވެ. ދިވެހިރާއްޖޭގައި އެތަކެއް ސަތޭކަ އަހަރަށް ދެމިގެންއައި ވެރިކަމުގެ ނިޒާމެއް ޒަމާނީވެ އައުގޮތަކަށް އައުނަމެއްގައި ހިންގާން ފެށި ދުވަސްވަރެވެ. އެދުވަސްވަރުގެ ވެރިމީހާއަށް ހަޖޫކިޔައިގެން ވަރަށް ގިނަ ބަޔަކަށް ބޮޑެތި އަދަބު ލިބުނެވެ. އޭގެތެރެއިން އެކަކީ ވަރަށް މަޝްހޫރު ޒުވާނެކެވެ. ރައްޓެހީން ގިނަ މީހެކެވެ. އެއްފަހަރަކު މާރީއްޗެއްކޮށް ނަލަހެދިވަޑައިގެން ވެރިމީހާ ކޮންމެވެސް ރަސްމިއްޔާތެއް ފުރިހަމަކުރެއްވި މަންޒަރު ދެކޭން ހުރެފައި އެ ޒުވާނާ ބުންޏެވެ. ނަމުގައި ރައްޔިތުންގެ ވެރިކަމެވެ. ކަމުގައި ދެއްކުންތެރި ކަމެވެ. ނަން ބަދަލުވިޔަސް ކަން ބަދަލެއް ނުވެއެވެ. މިއަޑު އަހާން ތިބި މީހުންގެ ތެރެއިން މީހަކު ވެރިމީހާގެ ކަންފަތްޕުޅަށް މިވާހަކަ އަރުވައިފިއެވެ. ދެން އިސްކުރެއްވީ މާވަރުގަދަ ކޯފާއެކެވެ.
މިދެންނެވި ޒުވާނާއަށް ނުކުރާ އަނިޔާއެއް ނެތެވެ. ހަމައެކަނި ތެޅީއެއްނޫނެވެ. ގޯތިވެސް ވަކިކޮށް އެހެން މީހަކަށް ދީފިއެވެ. މީނާގެ އެކުވެރިންގެ ތެރެއިން ނުފޫޒުހުރި އިލްމުވެރި ބޭފުޅަކަށް ކެތްނުކުރެއްވިގެން ވެރިމީހާގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. މަނިކުފާނު ތިޔަ ކުރައްވާ ކަންކަން ދެކޭން ތަގުދީރު އެހުންނަނީ ހީލަހީލައެވެ. އެތަގުދީރު އައިސް ހިފާ ދުވަހަކުން މަނިކުފާނަށް ކުރެއްވޭނޭ ހަމަކަމެއްވެސް ނޯންނާނެއެވެ. މިވާހަކަ ދެންނެވިތާ ގިނަ ދުވަސްތަކެއްނުވެ ވެރިކަން ނިމުމުގެ ސިއްކަ ޖެހިއްޖެއެވެ. ރައްޔިތުން ނުކުމެ ވެރިޔާގެ މައްޗަށް ނިޔާ އިއްވައި މުލައްދަނޑީން އެ ނިޔާ ތަންފީޒުކޮށް ނިންމައިފިއެވެ. ވެރިމީހާއަށް ލިބިވަޑައިގެންނެވި އަނިޔާގެ ވާހަކަ ލިޔާކަށް ނެތީމެވެ. އަނގަމަތި ބައްތެއްޔެގެ ތެރެޔަށް އެއްލާލެވިފައި އޮންނެވިގޮތް ސިފަކުރާކަށް ނެތީމެވެ. މި މަންޒަރުދެކޭން ވަރަށް ގިނަބަޔަކު ޖަމާވިއެވެ. އޭގެތެރޭގައި އެއްކަލަ ޒުވާނާއަށް ކުރި އަނިޔާ ދުށް މީހުން ތިއްބެވެ. ވެރިމީހާގެ އަރިހުގައި އެއްކަލަ އިލްމުވެރިޔާ ދެންނެވީ ކޮން ވާހަކަފުޅެެއްކަން އެނގޭ މީހުންވެސް ތިއްބެވެ.