އެންމެ މުހިންމު އެއްޗަކީ ބަހާއި މައުލޫމާތެވެ.

ކުޑަކުދިންގެ ފޮތްފޮތަކީ އެކުދިންގެ ނަފްސާނީ ހެދިބޮޑުވުމަށް ވަރަށް މުހިންމު އެއްޗެކެވެ. އެއީ އެކިކަންކަމުގެ ޝައުގުވެރިކަން އުފައްދައި އެކިކަންކަމުގެ ކުލަ މަންޒަރު ޅަ ސިކުނޑިތަކުގައި ކުރަހައިދޭ އެއްޗެކެވެ. މައުލޫމާތުގެ ދުނިޔެއަކަށް އެކުދިން ނެރުމަށް އެންމެ ބޮޑު އެހީތެރިޔަކީވެސް މިދެންނެވި ފޮތްފޮތެވެ. ކުޑަކުދިންގެ ފޮތްފޮތުން ހަމައެކަނި އެކުދިންނަށް އައު މައުލޫމާތު ލިއްބައިދެނީއެއް ނޫނެވެ. އެކުދިންގެ ބަސްކޮށާރު މުއްސަނދިކޮށްދެއެވެ. އެހެން މީހުންނާ މުވާސަލާތުކުރުމުގެ ހުނަރު އިތުރުކޮށްދެއެވެ. ފޫހިވެ ދެރަވާންޖެހޭ އެކި ހާލަތްތަކުގައި އެކުދިންގެ މިތުރަކަށްވެސްވެއެވެ. ކުޑަކުދިންގެ ފޮތްފޮތާއި އެނޫން ފޮތްފޮތް ތަފާތުވަނީ އެކި ކަންކަން ކުޑަކުދީންނަށް ފަސޭހައިން މޭރުންވާނޭ ގޮތަކަށް ކުރުކޮށް ސާދާކޮށް ބުނެދީފައި ހުންނާތީއެވެ. މާނަފުން ދިގު ޖުމްލަތަކުގެ ބަދަލުގައި ކުރުކުރު ސާދާ ޖުމްލަތައް ބޭނުންކޮށްފައި ހުންނާތީއެވެ. އަދި އެ ޖުމްލަތަކުން ބުނެދޭ ވާހަކަތައް ތަސްވީރުގެ އެހީގައި ތަފްސީލުކޮށްދީފައި ހުންނާތީއެވެ.

ކުޑަކުދިންގެ ފޮތެއް ލިޔެ ތައްޔާރު ކުރުމަކީ ހަމަ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ޚާއްސަ ހުނަރެެއް ބޭނުންވެއެވެ. ތަޖުރިބާވެސް ބޭނުންވެއެވެ. ބަސްތައް ކުރުކޮށް ތިލަކޮށް ބުނެދޭން އެނގުމާއި ފުރިހަމައަށް މައުލޫމާތު ހުރުމާއި މިހެންގޮސް ވަރަށް ގިނަ ޝަރުތުތައް ފުރިހަމަވާންޖެހެއެވެ. އެކަންކަން ފުރިހަމަނުވެ ތައްޔާރުކުރާ ފޮތްފޮތުން ނުކުންނާނީ ނޭދެވޭ ނަތީޖާއެވެ. ބިންގައު އެޅޭނީ ކައްޗަށެވެ. ދެން ކެއްޗާ ހަމަޔަށް އުފުލުނަސް ސީދާވުމެއްނެތެވެ. ޅަ އުމުރުގައި ގޯސް މައުލޫމާތެއް ފޯރުކޮށްދެވިއްޖެނަމަ އެ މައުލޫމާތު އޮންނާނީ އެގޮތުގައި ސިކުނޑީގައި ހަރުލައިފައެވެ. ފަހުން ހެޔޮކުރާން ގަދައެޅިއަސް ބިންގައު އެޅުނުގޮތަށް ކަތިކޮށް ދެމިއޮންނާނެއެވެ. އެހެންވީމާ ކުޑަކުދިންނަށްޓަކައި ފޮތެއް ތައްޔާރުކުރަންވާނީ ބަހާއި މައުލޫމާތަށް ފުރިހަމައަށް އަހުލުވެރިވެގެންނެވެ. އެ ޝަރުތުތައް ފުރިހަމަ ނުވަންޏާ އެކަންކުރަންވާނީ ޝަރުތުހަމަވާ ބައެއްގެ އެހީތެރިކަން ހޯދައިގެންނެވެ.

ކުޑަކުދީންނަށް ޚާއްސަ ފޮތްފޮތުގެ މައްޗަށް ބަލައިލަން މިޖެހުނީ ސަބަބުތަކެއް މެދުވެރިވެގެންނެވެ. މިދުވަސްވަރު ކޮންމެހެންވެސް ދައްކަންޖެހޭ ވާހަކައަކަށް ވުމުންނެވެ. ދިވެހިބަހާއި ގައުމިއްޔަތު ދިރުވުމަށް ސަރުކާރުންވެސް އައު އަޒުމަކާއެކު އައު މަސައްކަތްތަކެއް ފަށައިގެން ކުރިއަށްގެންދާތީއެވެ. ދިވެހި ކުޑަކުދީންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖެއްސުމާއި ދިވެހި ތާރީޚާއި ސަގާފަތާއި ގައުމިއްޔަތަށް ލޯބިޖެއްސުމަށް ޚާއްސަ މަސައްކަތްތަކެއް ރޭވިފައިވާތީއެވެ. މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ޒުވާނުންނެވެ. ބޮޑެތި މީހުންނެވެ. އެހެންވީމާ މިއަދު ކުރެވޭ މަސައްކަތްތަކުގެ ބޮޑުބައެއް އަމާޒުކުރަންވާނީ އަދި އަމާޒު ކުރެވެނީވެސް ކުޑަކުދިންނަށެވެ. ކުރިމަގުގެ މޭވާ ފޮނިކުރުމަށްއޮތް މަގަކީ އެއީއެވެ. މި އަމާޒަށް ވާސިލްވުމުގައި ކުޑަކުދިންނަށް ޚާއްސަކުރެވޭ ފޮތްފޮތުގެ މުހިއްމުކަން ވަރަށް ބޮޑެވެ. މިދެންނެވި ބާވަތުގެ ފޮތްފޮތް ތައްޔާރު ކުރުމަށް މާލީގޮތުން އެހީތެރިވުމުގެ ޕްރޮގްރާމެއްވެސް ގައުމިއްޔަތާބެހޭ ވުޒާރާއިން ވަނީ ތައާރަފު ކުރައްވައިފައެވެ.

ފޮތްފޮތް ވުޖޫދުކުރުމުގައި ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ލިބެންޏާ ފޮތްހަރުގަނޑުތަކަށް އަރާ ފޮތްފޮތުގެ އަދަދު ގިނަވާނޭކަމަށް ގަބޫލުކުރެވެއެވެ. މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ރިއާޔަތްކުރާއިރު ޔަގީންކަން ކުޑަވަނީ ނުވަތަ ޔަގީންކަން އެއްގޮތަކަށްވެސް ނެތީ ފޮތްފޮތުގެ ފެންވަރާމެދުގައެވެ. މައުލޫމާތުގެ ސައްހަކަމާމެދުގައެވެ. މިކަމާމެދު ޝައްކުތައް އިތުރުވާންޖެހުމުގެ ދެ މިސާލެއްވެސް ދަންނަވައިލާނަމެވެ. ދާދިފަހަކުން ކުޑަކުދިން ދިވެހި ކިޔަން ފަރިތަކުރުމަށް އެހީތެރިވުމުގެ ގޮތުން ނެރުނު ފޮތެކެވެ. އޭގައި ހުރީ ކޮންމެވެސް ބެއާރއެއްގެ ވާހަކައެވެ. ދިވެހި ބަހުން ތާނައިން ލިޔެފައިވާ ފޮތެއްގައި ކޮން ބެއާރއެއް ހެއްޔެވެ. އެއަށްކިޔާ ދިވެހި ނަމެއްވެސް ނޯންނަނީ ހެއްޔެވެ. ނޫނެކެވެ. ސާރިދޯޅު، މިނަން އެބައޮތެވެ. ލިޔުނު މީހާއަށް ނޭނގެނީއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ދެން މިއަދުގެ ޅަ ޖީލުގެ ކުދިން ދަސްކުރަން މިޖެހުނީ ބެއާރއެވެ. ފަހުން އެކުދިން ބުނާނެއެވެ. ބެއާރއަކީ ދިވެހި ލަފުޒެކެވެ. ކިޔެވީ އެގޮތަށެވެ.

ދިވެހިބަހަށް ލޯބިޖެއްސުމަކީ ދިވެހި ލަފުޒުތައް ދޫކޮށް ފަރަންޖީ ލަފުޒުތައް އިޚުތިޔާރު ކުރުމެއް ނޫނެވެ. ކުޑަކުދިން ދިވެހި ލަފުޒުތަކާ ދުރަށް ގެންގޮސް ފަރަންޖީ ލަފުޒުތައް ހަފޮޅުން އެތެރެކޮށް އެއަށް އަހުލުވެރި ކުރުމެއްވެސް ނޫނެވެ. ބަހަށް ލޯބިޖައްސައި ބަހަށް އަހުލުވެރި ކުރުމަކީ ހަގީގީ ދިވެހިބަހަށް އެކުދިން އަހުލުވެރި ކުރުމެވެ. އެހެންވީމާ ބެއާރއެއް ނޫނެވެ. ސާރިދޯޅެވެ. ދެންއޮތީ ގަައުމިއްޔަތާއި ތާރީޚާ ގުޅުންހުރި ވާހަކައެކެވެ. މިސާލެކެވެ. އުތީމު ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު ކުޑަކުދީންނަށް މޭރުންވާނޭހެން ތިލަކޮށް ދިހަ އަހަރުން ދަށުގެ ކުދީންނަށް ޚާއްސަކޮށްގެން އައު ފޮތެއް ނެރެފިއެވެ. އޭގައިހުރީ ބޮޑުތަކުރުފާނާއެކު އެ ތަކުރުފާނުގެ ދެ ކޮއްކޮއަކު މި ޖިހާދުގައި ބައިވެރިވި ވާހަކައެވެ. ދިވެހިބަހުން ކޮއްކޮ ކިޔަނީ ތިމާގެ މީހުންގެ ތެރެއިން ހަގަށްތިބޭ ކުދީންނަށެވެ. ބޮޑުތަކުރުފާނުގެ ޖިހާދުގައި ބައިވެރިވި އެތަކުރުފާނާ އެއްބަފައި ދެ ތަކުރުންގެ ތެރެއިން އަލިތަކުރުފާނަކީ ކޮއްކޮއެއް ނޫނެވެ. ބޭބެއެވެ.

ބޮޑުތަކުރުފާނޭ ކިޔަނީ އާއިލާގެ އެންމެ ދޮށީ އަދި އެންމެ ބޮޑު ތަކުރުކަމަށް ފެނިގެން ދިރާސާކޮށް ބަލައި ހޯދުމެއްނެތި ދެންތިބޭނީ ހައްތާވެސް ކޮއްކޮއިން ނުވަތަ ކުޑަތަކުރުންކަމަށް ބަލައިގެން އެގޮތަށް ކުޑަކުދީންނަށް ބުނެދިނީމާ ދެންމިޖެހެނީ ކޮންތާކުބާވައެވެ. ތާރީޚު އޮޅުވައިލުމަކަށްނުވޭ ބާވައެވެ. އެކުދިން ބޮޑެތިވެގެން އެރިވާގައި ހިފެހެއްޓީމާ ދެނޯއެވެ. މިހިރީ ވިސްނައިލާންޖެހޭ ކަންކަމެވެ. ލިޔުނު މީހާއަށް ނޭނގުނީމާ އެނގޭ ބައެއްކުރެން އަހައި އޮޅުންފިލުވުމަކީ ނެތްކަމެއް ނޫނެވެ. ޗާޕުކޮށް ނެރުމުގެ ކުރިން ތާރީޚު މޭރުންވާ ބަޔަކަށް ދައްކައި ކުށްފިލުވުމަކީ ނެތްކަމެއް ނޫނެވެ. އެއީ އޮތްކަމެކެވެ. އެކަންނުކޮށް ފޮތްފޮތް ނެރެ ކުޑަކުދީންނަށް ސައްހަ ނޫން މައުލޫމާތު ފޯރުކޮށްދިނުމުގެ ނަތީޖާ ވަރަށް ހިތިވާނެއެވެ. މި ދައްކަނީ އިމްލާ ކުށެއްގެ ވާހަކައެއް ނޫނެވެ. މިދައްކަނީ މައުލޫމާތުގެ ކުށްކުށުގެ ވާހަކައެވެ. ކުޑަކުދިންނާ ހަމައަށް ގެންނަންވާނީ މިކަހަލަ ކުށްކުށުން ސަލާމަތްވެފައިވާ ފޮތްފޮތެވެ. ނަތީޖާއަކާ ހަމައަށް ވާސިލްވެވޭނީ އޭރުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް