ކަންކަމުގެ ހައްލު ހޯދޭނީ ހިކުމަތްތެރިންނަށެވެ.

ކަންކަން ހިންގާންތިބޭ ވެރިންގެ ކެރިކުޅަދާނަކަމާއި ހިކުމަތްތެރިކަން ބޮޑަށް އިމްތިހާނުވެގެންދާނީ ދަތިކަމުގެ ވަގުތުގަައެވެ. ހުރިހާ ކަމެއް އޮޓޯ ގިޔަރުގައި ބަރާބަރަށް ކުރިއަށްދަންޏާ އެއްވެސް ހާސްކަމެއް، ފިކުރެއް ނޯންނާނެއެވެ. ކުރަންޖެހޭ ފިކުރެއް އަމްދުން ނުވެސް އޮންނާނެއެވެ. މީސްމީހުންގެ މޮޅުދެރަ އިމްތިހާނުވާނީ ގޮންޖެހުންތައް ކުރިމަތިވީމައެވެ. ގާބިލްކަމާއި ނާގާބިލްކަން މިނެކިރުމުގެ ތިލަފަތް މަސައްކަތްކުރަން ފަށަނީ ކަންކަން ފާލުން ނެއްޓި ހަލަބޮލި ވުމުންނެވެ. ހައްލު ހޯދަން މަޖުބޫރު ހާލަތަކަށް ދިއުމުންނެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ މަތީފަޑީގައި ތިއްބަވާ ބޭފުޅުންގެ ހިކުމަތްތެރިކަމާއި ދުރުވިސްނުންވެސް އިމްތިހާނު ވަނީ މިގޮތުންނެވެ. ގައުމަށް އެކިކަހަލަ ލޮޅުންތައް އެރުމުންނެވެ. މިކަހަލަ ހާލަތްތައް ދޭތެރެ ދޭތެރެއިން އާދެއެވެ. އޭގެތެރޭގައި 1978 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރިމަތިވި ކޮލެރާގެ ވަބާޔާއި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ ހިމެނެއެވެ.

އޭގެ ތަންކޮޅެއްފަހުން 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ މައްސަލަޔާއި 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ އާލަމީ ބޮޑު ވަބާއަކީވެސް ގައުމު ހިންގާން ތިބި މީހުންގެ ކެރިކުޅަދާނަކަން ހުރި މިންވަރު އިމްތިހާނުވެގެންދިޔަ ހާދިސާތަކެކެވެ. ކޮލެރާގެ ބަލިމަޑުކަން ކުރިމަތިވިއިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ވެލާނާގޭ އިބްރާހިމް ނާސިރެވެ. އެއީ ނާސިރުގެ ވެރިކަމުގެ އެންމެފަހު ދުވަސްކޮޅެވެ. ނާސިރުގެ ދައުރު ނިމުނީ 1978 ގައެވެ. ކޮންމެއަކަސް ކޮލެރާގެ ކަންކަމަކީ މިފަހުގެ ތާރީޚުގައި ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. މިޒަމާނުގައި ދިވެހިން މިދެކޭ ވަސީލަތްތަކެއް ނެތެވެ. މާގިނަ ހޮސްޕިޓަލްތަކާއި ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންނެއް ނެތެވެ. ދަތުރުފަތުރު ކުރުމާއި މުވާސަލާތީ ޚިދުމަތްވެސް އޮތީ މުޅިން ތަފާތު ގޮތަކަށެވެ. އެހެންވީމާ އެދުވަސްވަރު މުޅި ރާއްޖޭގައި އެއްވަރަކަށް އެއްގޮތަކަށް ކަންކަން އިންތިޒާމުކޮށް ހިންގުމަކީ ގާތްގަޑަކަށް މުސްތަހީލުކަމެކެވެ.

ކޮލެރާގެ ދުވަސްވަރު ރާއްޖޭގެ ކަންކަން ހަމަޔަކަށް އެޅުވުމަށް ރައީސް ނާސިރު ކުރެެއްވި ގިނަ ކަންކަމަކީ އެދުވަސްވަރު ރާއްޖޭގެ ހާލަތަށް ރިއާޔަތްކުރާއިރު ވަރަށް އާދަޔާ ޚިލާފު ކަންކަމެވެ. މީހެއްގެ މޫނަކަށް ކަނދުރާޔަކަށް ނުބައްލަވައި އަދި ވަކި މީހެއްގެ ނުވަތަ ބައެއްގެ މަސްލަހަތަކަށް ނުބައްލަވައި މުޅި ގައުމުގެ މަސްލަހަތު އިސްކުރައްވައިގެން ނިންމެވި ނިންމުންތަކުގެ ވާހަކަ ވަރަށް ގިނަބަޔަކު މިހާރުވެސް ދައްކައެވެ. މިޒަމާނުގައިވެސް ކަންކަމުގެ ހައްލު ހޯދަން އެދެންޏާ ރައީސް ނާސިރު ކަންކަން ކުރެއްވި ގޮތަށް ރިއާޔަތްކުރުން ބުއްދިވެރިކަމަށް ދެކޭ މީހުން މަދެއްވެސް ނޫނެވެ. މިލިޔުމުގައި ބަޔާން މިކުރަނީ އެދުވަސްވަރު ރައީސް ނާސިރު ކުރެއްވި ކަމަށް ވަރަށް ގިނަބަޔަކު ބުނާ ކަމެއްގެ ވާހަކަައެވެ. ދުވަސްވަރަކީ 1978 ވަނަ އަހަރެވެ. އޭރުވެސް މާލޭގައި ޓެކްސީތައް ހުރެއެވެ. ޓެކްސީއަކީ ކުލީކާރެވެ. މިޒަމާނުގައި މިފެންނަހާ ގިނައިން ޓެކްސީ ނެތަސް އޭރު މާލެއަށް ބޭނުންވާ މިންވަރަށް އެ ޚިދުމަތް ދެވޭވަރަށް ޓެކްސީތައް ހުއްޓެވެ.

ގަލޮޅު ރަސްމީ ބޯޅަދަނޑަކީ އޭރު މާލޭގެ އެންމެ ތަނަވަސް މައިދާނެވެ. ކޮލެރާގެ ޚާއްސަ މަރުކަޒެއްގެ ގޮތުގައި ގަލޮޅު ދަނޑު ހަމަޖައްސަވައިފައި ރައީސް ނާސިރު ގަސްތު ކުރެއްވީ މާލޭގައި ބޭނުންކުރި އެންމެހައި ޓެކްސީތައް ކޮންމެވެސް ކުއްޔަކަށް އެމަރުކަޒަށް ނެންގެވުމަށެވެ. ޓެކްސީ ޑްރައިވަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާކޮށްގެން ދެފަރާތަށް އެއްބަސްވެވޭ ކުއްޔަކަށެވެ. ކޮންމެއަކަސް ސަރުކާރުން ޓެކްސީ ޑްރައިވަރުންނާ މިވާހަކަ ދެއްކުމުން ކޮންމެ ދުވަހަކަށް ޓެކްސީ ޑްރައިވަރުން ހުށަހެޅީ ވަރަށް ބޮޑު ކުއްޔެކެވެ. އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ކުއްޔެކެވެ. ޓެކްސީ ޑްރައިވަރުންގެ ވިސްނުމަކީ ވެހޭތާ ފެންނެގުމެވެ. ހާލަތަކީ އަބަދު ދެމިގެންދާ ހާލަތެެއް ނޫނެވެ. އެހެންވީމާ ހާލަތުގެ ފައިދާ ވީހާވެސް ބޮޑަށް ނެގުމުގެ ވިސްނުމެވެ. ޓެކްސީ ޑްރައިވަރުން ހުށައަޅާ ކުއްޔަށް ކާރުތައް ނެގުންފިޔަވައި އެހެން އިޚުތިޔާރެެއް ސަރުކާރަކަށްވެސް ނެތްކަމަށް ބަލައިފައެވެ.

ޓެކްސީ ޑްރައިވަރުން ހުށައަޅާ ކުލީގެ ވާހަކަ ރައީސް ނާސިރުގެ އަރިހުގައި ދެންނެވުމުން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ އެހިސާބުން އެކަންތައް ހުއްޓާލައްވައިފިއެވެ. ތިޔަ ކުލި ބޮޑޭވެސް ކުޑައޭވެސް ވިދާޅެއް ނުވެއެވެ. ބޮޑުކަމަށްވަންޏާ ކުޑަކޮށްދޭށޭވެސް ވިދާޅެއް ނުވެއެވެ. މިކަހަލަ ބަސްފުޅެއް ވިދާޅުނުވެ ދެން ރައީސް ނާސިރު ކުރެއްވީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. ޖެހިގެންއަައި ދުވަހު ހެނދުނު ސަރުކާރުގައި ހުރިއްޔާ ހުރި އެންމެހައި އެއްގަމު އުޅަނދެއް ގަލޮޅު ދަނޑަށް ގެންނެވީއެވެ. އޭގެތެރޭގައި ސިފައިންގޭގައި ބޭނުންކުރާ އުޅަނދުތަކާއި ހޮސްޕިޓަލުގެ އުޅަނދުތަކާއި ސަރުކާރުގެ ވިޔަފާރި ކުންފުނީގެ އުޅަނދުތައްވެސް ހިމެނެއެވެ. ދެން ރައީސް ނާސިރުގެ އެންގެވުމަށް ސަރުކާރުން އިއުލާނެއް ކުރައްވައިފިއެވެ. ކޮލެރާގެ އެއްވެސް އަލާމާތެއް ފެނިގެން މަރުކަޒަށް އަންގައިފިނަމަ ދުއްވާ އެއްޗެއް ފޮނުވައިދޭނެ ކަމަށެވެ. އަދި ބޯޅަދަނޑުން ފޮނުވާ އުޅަނދެއްގައި ހަސްފަތާލަށް ހިނގައްޖެނަމަ ހުރިހާ ބޭސްފަރުވާއެއް ހިލޭ ކޮށްދޭނެ ކަމަށެވެ.

އަމިއްލަ މީހެެއްގެ ޕްރައިވެޓް ކާރެއްގައި ނުވަތަ ކުލިދީގެން ޓެކްސީއެއްގައި ހަސްފަތާލަަށް ދިއުމަކީ އެމީހެއްގެ ތަނަވަސްކަން ހާމަވާ ކަމެކެވެ. މަރުކަޒަށް ގުޅައިގެން ހިލޭސާބަހަށް ކުރެވެންއޮތް ދަތުރެެއް އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރާނީ ކެރިފޯރުންތެރިކަންހުރި މީހެކެވެ. ސަރުކާރުގެ ވިސްނުމަކީ އެފަދަ ފޯރުންތެރިކަންނެތް ނިކަމެތިންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމެވެ. ތަނަވަސްކަންހުރި މީހުން ކުލީކާރުގައި ހަސްފަތާލަށް ދިޔަނަމަވެސް ސަރުކާރުން ހިލޭ ބޭސްފަރުވާ ކޮށްނުދޭނެ ކަމަށް އޮތީ އަންގަވައިފައެވެ. ރައީސް ނާސިރު މިގޮތަށް ނިންމެވުމުން ޓެކްސީތަކުގައި އާންމުން ދަތުރުކުރުން މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ. އެހިސާބުން މިވާގޮތް ޑްރައިވަރުންނަށްވެސް ރޭކާލައިފިއެވެ. ދެން ކުޑަކުޑަ އަގުގައިވެސް ދަތުރު ހޯދަން އެމީހުން މަސައްކަތް ފަށައިފިއެވެ. އެހެންނަމަވެސް ރައީސް ނާސިރު މިގޮތް ގަބޫލުފުޅެއް ނުކުރެއްވިއެވެ. ކޮލެރާގެ ކަންތައް ނިމެންދެން މި އުސޫލު ދެމެހެެއްޓެވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް