ރާހިބެލުމާއި ފާލުބެލުމުގެ ކަންކަމުގެ ތެރެއިން އައު ވާހަކައެއް!

މިޒަމާނުގައި ރަހުމަތްތެރިންގެ މެދުގައި އެކި ކަންކަމާމެދު އެންމެ ގިނައިން ބަހުސްތައް ކުރެވެނީ ކޮފީ މޭޒުދޮށުގައެވެ. ދާދިފަހުން ރަހުމަތްތެރިޔަކާއެކު ކޮފީ މޭޒުދޮށުގައި ކުރެވުނު ބަހުސެއްގެ މައުޟޫއަކީ ރާހިބެލުމާއި ރަމަލުޖެހުމާއި ފާލުބެލުމާއި ދިވެހި ޕޮލިޓިކްސްއެވެ. ދިވެހިރާއްޖޭގެ ސިޔާސީ އެކިއެކި ލީޑަރުން ރާއްސާއި ރަމަލަށް އަދި ސިހުރުހާހޫރައަށް ތަބާވުމުގެ އެކި ހާދިސާތަކުގެ މައްޗަށެވެ. މި ބަހުސްގެ ތެރޭގައި ބުނެފީމެވެ. ތިޔައީ ހަމައެކަނި ދިވެހިރާއްޖޭގައި އޮންނަ ކަމެއް ހެއްޔެވެ. ބޭރު ގައުމުތަކުގައިވެސް ތިޔައީ ނުހަނު އާއްމު ކަމެކެވެ. އެމެރިކާގެ ރައީސްކަމުގައި ރޮނަލްޑް ރޭގަން ހުންނެވިއިރު އޭނާގެ އަނބިކަނބަލުން ނެންސީ ރޭގަންގެ އެދިވަޑައިގަތުމަކަށް ރިޔާސީ ޓީމުގައި ރާހިބަލާ މީހަކު ހިމަނައި އޭނާއަށް ވައިޓްހައުސްއިން އޮފީހެއްވެސް ހަމަޖައްސާދީފައި ހުރެއެވެ. އެއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ބާރުގަދަ ގައުމުގައިވެސް ކަންކަން އޮންނަ ގޮތެވެ. ތިޔަކަމުން އެއްވެސް ބަޔަކު އިސްތިސްނާއެއް ނުވެއެވެ.

ދެންވެސް ބުނީމެވެ. އެއަށްވުރެ ކައިރިން މިސާލެއް ބަލަންޏާ ސްރީލަންކާގެ ރައީސްކަމުގައި ގޮތަބަޔާ ރާޖަޕަކްސާ ހުންނެވިއިރު ގަނަވަތީ ޖަޔަސޫރިޔާއޭ ކިޔުނު ރާހިބަލާ ކަންވެރި އަންހެނަކު ކެބިނެޓުގެ ވަޒީރުންނަށްވުރެވެސް ގާތްކުރައްވައިގެން ގޮތަބަޔާ ރާޖަޕަކްސާ އުޅުއްވިއެވެ. އޭނާގެ ވެރިކަމާ ދެކޮޅަށް 2022 ވަނަ އަހަރު ރަައްޔިތުން ހަޅުތާލުކުރަން ފެށުމުން މިދެންނެވި ކަންވެރި އަންހެންމީހާގެ ހިމާޔަތުގައި ސިފައިންގެ 250 މީހުންނާއި ފުލުހުންގެ 10 މީހުން ހިމެނޭހެން ޚާއްސަ ލަޝްކަރެއްވެސް ރައީސް ހަމަޖެއްސެވިއެވެ. މި ވާހަކަ ބުނީމާ ރަހުމަތްތެރިޔާ ބުންޏެވެ. ދިވެއްސަކު ސިލޯނުގެ ކަންވެރިޔަކަށް އޮޅުވާލައިގެން ދޮގު މައުލޫމާތު ދިނީމާ ވީގޮތް ދަންނަން ހެއްޔެވެ. އެހެން ބުނެފައި ދެން ކިޔައިދިނީ ވަރަށް ކުރިން އަޅުގަނޑު އަޑު އެހި ވާހަކައެކެވެ. ފަހުން ހަނދާނުން ކެހިގެންގޮސްފައިއޮތް ވާހަކައެކެވެ. މިވާހަކައިގެ ހަގީގަތް ނޭނގުނަސް ހިތުގައި ޖެހުނެވެ. މިފަހަރު މިވާހަކަ ލިޔާނަމެވެ. އެގޮތަށް ލިޔުނީމާ މިވާހަކައިގެ ތަފްސީލު އެނގޭ މީހަކު ހުރިއްޔާ އެމީހެއްގެ ފަރާތުން އަދި އިތުރަށްވެސް މައުލޫމާތު ލިބިދާނެތާއެވެ.

އިނގިރޭސިވިލާތުގެ ރަސްކަމުގައި ޖޯޖް ހަވަނަ ހުންނެވި ދުވަސްވަރު އެރަސްކަމުގެ އެންމެފަހު އަހަރުގައި ރަސްގެފާނުގެ ދޮށީ ދަރިކަނބަލުން ޕްރިންސެސް އެލިޒަބަތު ދުނިޔެ ބެއްލެވުމަށް އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕާއެކު ދިގު ދަތުރުފުޅެއް ފައްޓަވައިފިއެވެ. މި ދަތުރުފުޅެއް ފެއްޓެވީ 1952 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ޕްރޮގްރާމުގައި ހަމަޖެހިފައިއޮތީ އިނގިރޭސި ކޮމަންވެލްތުގައި ހިމެނޭ ވަރަށް ގިނަ ގައުމުތަކަަށް ވަޑައިގަތުމަށެވެ. މިގޮތުން އެފްރިކާގެ އިރުމަތީ ބިތުގައި އޮންނަ ކެންޔާއަށް ވަޑައިގެން އުޅުއްވަނިކޮށް ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެކަމަނާއަށް ލިބިވަޑައިގެންނެވީ ބައްޕާފުޅު ކިންގް ޖޯޖް އަވަހާރަވި ޚަބަރެވެ. އެހިސާބުން ދަތުރުފުޅު ކުރުކޮށްލައްވައިފައި އެނބުރި ލަންޑަނަށް ވަޑައިގަތީއެވެ. ބައްޕާފުޅުގެ ޖަނާޒާގެ ކަންތަކުގައި ބައިވެރިވެވަޑައިގަތުމަށާއި ރަނިކަމާ ހަވާލުވެވަޑައިގަތުމަށެވެ.

ޕްރިންސެސް އެލިޒަބަތުގެ މި ދަތުރުފުޅު ފެއްޓެވިއިރު ސިލޯނަކީވެސް އެކަމަނާގެ މަންޒިލްތަކުގެ ތެރެއިން މަންޒިލަކަށް ހެއްދެވުމަށް އޮތީ ހަމަޖެހިފައެވެ. ޕްރިންސެސް އެލިޒަބަތުގެ ދަތުރުފުޅަށް ސިލޯނުވެސް ދިޔައީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެދުވަސްވަރު ކުއްލިއަކަށް އެންމެންގެ ސަމާލުކަން ލިބުނީ ސިލޯނުގެ ފާލުބަލައި ރާހިބަލާ މަޝްހޫރު މީހަކަށެވެ. އޭނާ ވަރަށް ޔަގީންކަމާއެކު ބުނަމުންދިޔައެވެ. ޕްރިންސެސް އެލިޒަބަތު ސިލޯނަކަށް ވަޑައެއް ނުގަންނަވާނެއެވެ. އެކަން ޔަގީނެވެ. ބަލަން ތިބޭށެވެ. ކޮންމެއަކަސް ދެންވާގޮތެއް ބަލަން ތިއްބާ ކިންގް ޖޯޖް އަވަހާރަވި ޚަބަރާއެކު ސިލޯނަށް ވަޑައިނުގެން ޕްރިންސެސް އެލިޒަބަތުގެ ދަތުރުފުޅު ކުރުކޮށްލައްވައިފައި އެނބުރި ލަންޑަނަށް ވަޑައިގެންފިއެވެ. އެކަމަކު މާލަސްތަކެއްނުވެ ގާތްގަޑަކަށް ދެ އަހަރު ފަހުން އެކަމަނާ ސިލޯނަށް ވަޑައިގެންނެވިއެވެ. ފިރިކަލުންނާއެކުގައެވެ. އޭރު އެކަމަނާއަކީ އިނގިރޭސިވިލާތުގެ ރާނީއެވެ. ކުއީން އެލިޒަބަތު ދެވަނައެވެ.

މި ދަތުރުފުޅެއް ފެއްޓެވީމާ މީސްތަކުން ގޮސް އެއްކަލަ ރާހިބަލާ ކަލޭގެޔާ ބައްދަލުކޮށްފައި ބުންޏެވެ. އަސްތާ ކަލޭގެޔާއެވެ. ޕްރިންސެސް އެލިޒަބަތު ދުވަހަކުވެސް ސިލޯނަށް ވަޑައިނުގަންނަވާނެ ކަމަށް ކަލޭގެ ވަރަށް ޔަގީންކަމާއެކު ބުނީމު ނޫންހެއްޔެވެ. އެކަމަނާ މިހާރު އެހުންނެވީ ސިލޯނަށް ވަޑައިގެން ކޮޅުނބުގައެވެ. މިކަމާމެދު މިހާރު ކަލޭ ބުނަނީ ކީކޭހެއްޔެވެ. އޭނާ ޖަވާބުދިނެވެ. އަހަރެން ބުނީ ޕްރިންސެސް އެލިޒަބަތު ވަޑައިނުގަންނަވާނެ ވާހަކައެވެ. މިހާރު އެއީ ޕްރިންސެސް އެލިޒަބަތެއް ނޫނެވެ. އެއީ ކުއީން އެލިޒަބަތެވެ. ކުއީން އެލިޒަބަތު ވަޑައިނުގަންނަވާނެ ވާކައެއް އަހަރެން ނުބުނަމެވެ. މިހިސާބުން މިކަލޭގެ މަޝްހޫރުކަން ކުރިއަށްވުރެވެސް ބޮޑުވެ ސިލޯނުގެ އެކި ނޫސްތަކުގައި ހަމަ ކޮންމެ ދުވަހަކު އޭނާގެ ކޮންމެވެސް ވާހަކައެއް ގެނެސްދޭން ފަށައިފިއެވެ. އެދުވަސްކޮޅުގެ ތެރޭގައި މާލޭގެ ވަރަށް ގަދަރުވެރި އާއިލާއެއްގެ ޒުވާނަކު ކޮންމެވެސް ބޭނުމެއްގައި ސިލޯނަށް ހިނގާއްޖެއެވެ.

އެއްކަލަ ފާލުބަލާ މީހާގެ ވާހަކަ އަޑުއިވިފައި މިޒުވާނާގެ ހިތުގައި ޖެހުނެވެ. މިމީހެއްގެ ފެންވަރުވެސް ޖެހޭނީ ބަލާށެވެ. މިހެން ހިތައި އެމީހާގެ ކައިރިއަށް ހިނގާއްޖެއެވެ. އޭނާ ސުވާލުކުރިއެވެ. ކޮން ގައުމެއްގެ ޒުވާނަކީމު ހެއްޔެވެ. ދިވެހި ޒުވާނާގެ ހިތުގައި ޖެހުނެވެ. މިފަހަރު ހަދާނީ ދޮގެކެވެ. މިކަލޭގެ ހުރިވަރެއްވެސް އެނގިދާނެތާއެވެ. ދިވެހި ޒުވާނާ ޖަވާބުދިނެވެ. އިންޑިޔާ މީހަކީމެވެ. ކަލޭގެޔާ ބައްދަލުވުމުގެ ނިޔަތުގައި އައީއެވެ. އެކަލޭގެ ބުންޏެވެ. އެހެންވިއްޔާ އިންޑިޔާގެ މިހާރުގެ ދާޚިލީވަޒީރަކީ ކާކުހެއްޔެވެ. އޭނާ ދަންނަން ހެއްޔެވެ. މި ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ދިވެހި ޒުވާނާ ހުއްޓައި އެކަލޭގެ އަނެއްކާވެސް ބުންޏެވެ. އަޅާނުލާށެވެ. އެމީހަކީ ކައިލާޝް ނާތެވެ. ކަލެއަކީ ކޮންމެ ގައުމެއްގެ މީހަކަށްވިޔަސް ކައިލާޝް ނާތު އެހުންނެވި މަގާމު ކަލޭގެ ގައުމުގައި ކަލޭ އަދާކުރާނެއެވެ. އުފާކުރާށެވެ. ކޮންމެއަކަސް މިދެންނެވި ހާދިސާގެ އެތަކެއް އަހަރު ފަހުން ވެލާނާގޭ އިބްރާހިމް ނާސިރުގެ ވެރިކަމުގައި މިދެންނެވި ޒުވާނާ ވަނީ ދިވެހިރާއްޖޭގެ ދާޚިލީވަޒީރުކަން ކޮށްފައެވެ. ދިގު މުއްދަތަކަށެވެ. އާރާއި ބާރާއި ނުފޫޒުހުރި ވަޒީރެއްގެ ގޮތުގައެވެ.

މިބާވަތުގެ ކަންކަން އެޒަމާނާއި މިޒަމާނުގެ ބައެއްމީހުން ގަބޫލުކުރިއަސް މިއީ އިސްލާމް ދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. އާޚިރަތް ބާއްޖަވެރިވުމަށް އެދޭ އެއްވެސްބަޔަކު ތަރުހީބުދޭ ކަންކަމެއްވެސް ނޫނެވެ. އެކަމަކު ދުނިޔެއަކީ ދުނިޔެއެވެ. އެހެންވީމާ ހުރިހާ ބާވަތެއްގެ ކަންކަންވެސް ހިނގަނީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް