ކޮލަމް: ގައުމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައިގެން އެދިމާއަށް މިސްރާބު ހިފުން

ގައުމު ކަލެއަށް ކޮށްދޭނީ ކޮންކަމެއްތޯ ނާހާާށެވެ. ގައުމަށްޓަކައި ކަލެެއަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާށެވެ. މިއީ ވަރަށް ގިނައިން އެކިމީހުންގެ ތަގުރީރުތަކުން އިވޭ ޖުމްލަތަކެކެވެ. ޚާއްސަކޮށް މަދުރަސީ ދައުރުގައި އެކި މުދައްރިސުންގެ ފަރާތުން މިފިލާވަޅު ލިބުން ގިނައެވެ. އެންމެ ފުރަތަމަ މިވާހަކަ މިގޮތަށް ވިދާޅުވީ ކޮންބޭފުޅަކު ކީއްވެގެން ބާވައެވެ. މިއިބާރާތް މިގޮތަށް އެންމެ ފުރަތަމަ ބޭނުންކުރެއްވި ބޭފުޅަކީ އެމެރިކާގެ ކުރީގެ ރައީސެއް ކަމުގައިވާ ޖޯން އެފް ކެނެޑީއެވެ. ގައުމާ މުޚާތަބު ކުރައްވައި އެންމެ ފުރަތަމަ 20 ޖެނުއަރީ 1961 ގައި އޭނާ ދެއްވި މަޝްހޫރު ރިޔާސީ ތަގުރީރުގައެވެ. ކުޑަކުދީންނާއި ޒުވާނުން، އަދި ޖުމްލަކޮށް ގައުމަށް ޚިދުމަތްކުރެވޭނެ އެންމެނާ މުޚާތަބު ކުރައްވައި މިވާހަކަ މިގޮތަށް ރައީސް ކެނެޑީ ވިދާޅުވީ މުރާލިކަމާއެކު ގައުމަށް ޚިދުމަތްކުރުމުގެ މުހިންމުކަން ވިސްނައިދިނުމަށްޓަކައެވެ. ގައުމު ބިނާކޮށް ވަރުގަދަކުރެވޭނީ އެންމެހައި ރައްޔިތުންގެ ހިތްވަރާއި ކެރުމާއި ގުރުބާނީ އެކުވެގެންކަން ވިސްނައިދިނުމަށްޓަކައެވެ.

ތިމާގެ ފަރާތުން ގައުމަށް ކޮށްދެވޭނެ ކަންކަމާމެދު ނުވިސްނައި ގައުމުން ތިމާއަށް ލިބޭނެ އެއްޗަކާއި މަންފާއަކީ ކޮބައިތޯ ބަލަންވެއްޖެނަމަ ގައުމާއިގެން ކުރިއަށްދާނެ ބަޔަކު ނުތިބޭނެކަން ބަޔާންކުރެއްވުމަކީ ކެނެޑީގެ މުރާދެވެ. މަގުސަދެވެ. ކޮންމެއަކަސް ކެނެޑީގެ މިވިދާޅުވުން ވަރަށް މަޝްހޫރުވެގެން ހިނގާއްޖެއެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި ޒުވާނުންނަށް ނަސޭހަތްދީ ހޭއެރުވުމުގެ ގޮތުން ކިޔައިދޭ ފިލާވަޅަކަށް ވެއްޖެއެވެ. ގައުމަށް ޚިދުމަތްކުރުމާއި ގައުމަށް ތެދުވެރިވުމުގެ މައްޗަށް ދެކެވޭ ކޮންމެ ވާހަކައެއް ފުރިހަމަވަނީވެސް ކެނެޑީގެ މިޖުމްލަތައް ހިމެނިގެންނެވެ. ކޮންމެއަކަސް ގައުމަށްޓަކައި ވަކި ފަރުދަކަށް ކޮށްދެވޭނީ ކޮންކޮން ކަންތަކެއްތޯ ބަލައިލަމާބަހީއެވެ. ކޮށްދެވޭނެ ކަންކަން ބައިވަރެވެ. ފައިސާއަކާ ނުލައެވެ. އެންމެ ފުރަތަމަ ކަމަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. ރައްޔިތަކަށްވީތީ އަދާކުރަން ލާޒިމުވާ ޒިންމާ އަދާކުރުމެވެ. ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމެވެ. ކުށަށް އަރައިނުގަތުމެވެ.

އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމް ކުރުމާއެކު ކަންކަން އިންތިޒާމްކުރެވި ތަރުތީބުވެފައިވާ އުސޫލުތަކަށް ތަބާވުމަކީވެސް ޒިންމާއެކެވެ. ކަންކަން އޮމާންކޮށް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަކީވެސް ޒިންމާއެކެވެ. މިކަންކަމަކީ ހަރުދަނާ މުޖުތަމައެއްގައި ހުރުން ލާޒިމު ސިފަތަކެވެ. އޮމާން އަމާން ވެއްޓެއް ގާއިމުވެފައި އޮތުމުގެ ޝަރުތުތަކެވެ. މިކަން މިމަގުން ނުހިނގާ ކަމަށްވެއްޖެނަމަ އެބައެއްގެ ތެރޭގައި އޮންނާނީ ހަމަނުޖެހުންތަކާއި އުދާސްތަކެވެ. ކުރިއަށްދިއުމުގެ ބަދަލުގައި ދާނީ ފަހަތަށެވެ. ގައުމީ ރޫހެއް ތަރައްގީއެއް ނުފެންނާނެއެވެ. ދުނިޔޭގެ ކޮންމެ ފަރާތަކަށް ބަލައިލިޔަސް މިކަމުގެ މިސާލުތައް ފެންނާނެއެވެ. ގައުމަށްޓަކައި ތިމާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައިގެން ފަރުދީ ޒިންމާ އަދާކޮށްގެން ގައުމާއިގެން ކުރިއަށް ދިއުމުގެ ރޫހުހުރި ތަންތަނާއި ގައުމުން ތިމާއަށް ދަމައިގެނެވެން އޮތީ ކޮންއެއްޗެއްތޯ ބަލައި، ގައުމު ވީދައި ކުދިކުދިކުރުމުގެ ސަގާފަތު އަށަގެންފައިވާ ތަންތަން ފެންނާނެއެވެ. މިދެބައިގެ މެދުގައިވާ ފަރަގުވެސް ފެންނާނެއެވެ.

އުފާފާގަތިކަމާއި ތަނަވަސްކަމާއި ސުލްހަޔާއި ހަމަޖެހުމުގެ މިސާލެއް ނަގާނަމަ ގިނަބަޔަކު އެންމެ ފުރަތަމަވެސް ދައްކާނީ ޖަޕާނުގެ ވާހަކައެވެ. މިދެންނެވި ހުރިހާ ފުރިހަމަކަމެއް ޖަޕާނަށް ލިބުމުގެ ސިއްރަކީ ކޮބައިބާވައެވެ. ޖަޕާނަކީ ގުދުރަތީ ވަސީލަތްތަކުން މުއްސަނދިކަން ލިބިގެންވާ ގައުމެއް ނޫނެވެ. ޖަޕާނުގެ މުއްސަނދިކަމުގެ ސިއްރަކީ އެގައުމުގެ ބިމެއް ނޫނެވެ. ޖަޕާނުގެ މުއްސަނދިކަމުގެ ސިއްރަކީ އެގައުމުގެ ރައްޔިތުންނެވެ. ރައްޔިތުންގެ މުރާލިކަމާއި ހިތްވަރާއި ކެރުމެވެ. އަޚުލާގާއި ސުލޫކެވެ. ކުރިއެރުމުގެ ދެގޮތެއްނުވާ ރޫހެވެ. ޖަޕާނުން ފެންނަނީ ތިމާއަށް ގައުމުގެ ފަރާތުން ލިބެންއޮތީ ކޮން އެއްޗެއްތޯ ނުބަލައި ތިމާގެ ފަރާތުން ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައިގެން އެމަގުން ކުރިއަށް ދިއުމުގެ ރޫހެވެ. މީހުންނަށް އިހުތިރާމް ކުރުމާއި ގަވާއިދުތަކަށް ބޯލެނބުމާއި މަސައްކަތަށް ފަރުވާތެރިވެ މުރާލިވުމުގެ ސިފަތަކެވެ. ކޮރަޕްޝަނުގެ ވަބާއަށް ޖާގަނުދީ ނިޒާމަށް ފުރިހަމައަށް އިތުބާރުކުރުމުގެ ސިފަތަކެވެ. ނަތީޖާއަކީ ކޮބައިތޯއެވެ.

ނަތީޖާއަކީ ކުރިއަރާފައިވާ އަމާން މުޖުތަމައެއް ބިނާވުމެވެ. ކުށްމަދު ވެއްޓެއް ގާއިމުވުމެވެ. ކަންކަން އޮމާންކޮށް ނަލަކޮށް ތަރުތީބުވެގެން ހިނގަހިނގައި އޮތުމެވެ. ހަސަދަޔާއި ރުޅިވެރިކަމާއި ދެކޮޅުވެރިކަމުގެ އަލިފާނުން ކަނިބުރާ ތަނަކަށް ނުވުމެވެ. ހަމަކޮންމެ މީހަކުވެސް ދިރިއުޅޭހިތްވާ ތަނަކަށްވުމެވެ. މުރާލިކަމާއި ކެރުމާއި ހިތްވަރުން ގައުމު ބިނާކުރުމުގެ މިސާލު ނެގެންއޮތީ ހަމައެކަނި ޖަޕާނަކުން ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް