ސޯލް (26 ޖޫން 2024): ނުރައްކާތެރި ތިން މުޖްރިމުން ކަމުގައި ބެލެވޭ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ރައީސް އިސްހާގް ހެރްތޮޒް އާއި ދިފާއީ ވަޒީރު ޔޮއަވް ގަލަންޓް ހިމެނޭގޮތަށް އިސްރާއީލުގެ އެންމެ އިސް ހަތް ވެރިންނާ ދެކޮޅަށް ދެކުނު ކޮރެއާގައި ޖިނާއީ ދައުވާ އުފުލައިފިއެވެ.
ގަތުލުއާންމު ހިންގުމާއި އިންސާނީ ނަސްލު ނައްތާލުމާ އަދި ހަނގުރާމައިގެ ޖަރީމާ ހިންގާކަމުގެ ދައުވާކުރީ ދެކުނު ކޮރެއާގެ މުސްތަގިއްލު ތަހުގީގީ އިދާރާއެއްކަމަށްވާ "ސައުތް ކޮރެއަން ޕޮލިސް އިންވެސްޓިގޭޝަން އެޖެންސީ" އަށެވެ. މިއީ ދެކުނު ކޮރެއާގެ ފުލުހުންނާ ގުޅިފައިވާ މުޅިން މުސްތަގިއްލު ތަހުގީގީ އިދާރާއެކެވެ.
ދެކުނު ކޮރެއާގެ ގާނޫނުތައް އޮންނަ ގޮތުން ގަތުލުއާންމާއި އިންސާނީ ނަސްލު ނައްތާލުމާ އަދި ހަނގުރާމައިގެ ޖަރީމާ ފަދަ އިންސާނިއްޔަތާ ޚިލާފު ޖިނާއީ ކުށްތައް ކުރާ ބޭރުގެ މުޖްރިމުންނާ ދެކޮޅަށްވެސް މި މުމައްސަސާއަށް ދައުވާ އުފުލިދާނެއެވެ. މިދައުވާ ސާބިތުވެއްޖެނަމަ އެފަދަ ފަރާތްތައް ދެކުނު ކޮރެއާއަށް ވަނުން މަނާކުރެވޭނެއެވެ. އަދި އެފަދަ މުޖްރިމުންގެ އެކައުންޓްތައް ފްރީޒް ކުރުންފަދަ މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ޑިޕްލޮމެޓިކް ފިޔަވަޅުތައްވެސް އެޅޭނެއެވެ.
އިސްރާއީލުގެ އިސްވެރިން ހައްޔަރު ކުރުމުގެ އަމުރަކަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ އެކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިފައެވެ. މި އަމުރު ނެރެފިނަމަ އިސްރާއީލުގެ އިސްވެރިންނަށް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކަށް ވާގިވެރިވާ މަދު ގައުމަކަށް ނޫނީ ދަތުރުކުރާކަށް ނުކެރޭނެއެވެ. އެއީ ހައްޔަރުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލުކޮށްފާނެކަމުގެ ބިރަށެވެ.
އިސްރާއީލުގެ އަނިޔާވެރިކަމަށް ވާގިވެރިވާ ޔޫރަޕްގެ ބައެއް ގައުމުތަކުންވެސްވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ އިސްވެރިން ހައްޔަރު ކުރުމުގެ އަމުރެއްނެރެފިނަމަ އެއަމުރު ތަންފީޒު ކުރަން ފަސްނުޖެހޭނެކަމަށް ބުނެފައެވެ. މިގޮތަށް ބުނި ގައުމުތަކުގެ ތެރޭގައި ޔަހޫދީންގެ ބާރާއި ނުފޫޒު ގަދަ ގައުމެއްކަމަށްވާ ޖަރުމަނުވެސް ހިމެނެއެވެ.
އިސްރާއީލުގެ ނޫހެއްކަމަށްވާ "ޔަދިއޮތު އަހްރަނޮތު" އިންވެސްވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ރައީސް އިސްހާގް ހެރްތޮޒް އަދި ދިފާއީ ވަޒީރު ޔޮއަވް ގަލަންޓް އަދި ޚާރިޖީ ވަޒީރު ޔިސްރައެލް ކާޓްސް ހިމެނޭގޮތަށް އިސްރާއީލުގެ އެންމެ އިސް ހަތް ވެރިންގެ މައްޗަށް ދެކުނު ކޮރެއާގައި ޖިނާއީ ދައުވާ ކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
"ޔަދިއޮތު އަހްރަނޮތު" ބުނާގޮތުން ޖިނާއީ ދައުވާ ކުރި އިސްރާއީލުގެ އިސް މަސްއޫލުވެރިންގެ ތެރޭގައި އިސްރާއީލުގެ ސިފައިންގެ އިސް ކޮމާންޑަރު އަދި އާމީ ޗީފް އޮފް ސްޓާފް ހާޒީ ހަލޭވީ، މާލީ ވަޒީރު ބިތަސްލިއީލް ސްމޮޓްރިޗް އަދި ގައުމީ ސަލާމަތާބެހޭ ވަޒީރު އިތަމާރު ބެންގަވީރު ހިމެނެއެވެ.
އިސްރާއީލުގެ ވެރިންނަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި މުޖްރިމުންކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކެވެ. އިސްރާއީލުގެ މި ހަތް ވެރިންގެ މައްޗަށް ދެކުނު ކޮރެއާގައި ދައުވާ އުފުލާފައިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ދެކުނު ކޮރެއާގެ މުއައްސަސާއެއް ކަމަށްވާ ބީއެސްބީޑީގެ ފަރާތުންނެވެ.