ވަޒީރުންގެ މަޖިލީހުން އިޒްރޭލު ޕާސްޕޯޓު އެއްކޮށް މަނާކުރަން ނިންމި ނަމަވެސް ކޮމިޓީ މަރުހަލާގައި އެ ގޮތަށް ނިންމަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމާ، ސަރުކާރުން އެކަން އިއުލާނުކުރީ ޖޫން މަހުގެ ދެވަނަ ދުވަހެވެ. އެ ނިންމުމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
އޭރު އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައެވެ. ޕީއެންސީގެ ވެސް ފުރިހަމަ ތާއީދާ އެކު، އޭރު އެ ބިލު މަޖިލީހުން ބަލައިގަނެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވީ ޖޫން 10 ގައެވެ.
އޭރު ސަރުކާރު މެންބަރުން ވެސް އެ ކަމަށް ތާއީދުކުރެއްވި ނަމަވެސް ކޮމިޓީގައި އެ ބިލު އޮތީ ތާށިވެފައެވެ.
ކޮމިޓީއަށް މި މައްސަލަ ފުރަތަމަ އެޖެންޑާކުރީ މި މަހު 12 ގައެވެ. ނަމަވެސް، އެ ދުވަހު ކޮމިޓީން ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ މަސައްކަތް ދަންމާލާށެވެ. އެ މަސައްކަތް ލަސްވެގެން އިއްޔެ ވެސް އެމްޑީޕީން ނުރުހުން ފާޅުކުރިއެވެ.
މިއަދު އެޖެންޑާކުރި މަޖިލީހުގެ 241 ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ މި މައްސަލައާ މެދު ކޮމިޓީން ގޮތެއް ނިންމުމުގެ ކުރީގައި ކަމާ ގުޅުންހުރި އިދާރާތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބަހާއި ތަފާސްހިސާބުތައް ހޯދަން ހުށަހަޅުއްވައިފައެވެ.
އޭނާ ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން އެހެން ގައުމުތަކުގައި ވެސް އުޅޭ ކަމަށެވެ. އެހެންވެ، އެ ކަންކަން ދެނެގަނެވޭ ކަހަލަ ތަފާސްހިސާބުތަކެއް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގިނަ ފަހަރަށް އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުން އުޅޭ އެހެން ގައުމުތަކުގައި ވެސް. ޚާއްސަކޮށް ސައުތު އެފްރިކާގެ ގައުމުތަކުގައި ވެސް އެމެރިކާގައި ވެސް. އެހެންވީމާ އިޒްރޭލުގެ ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ ރައްޔިތަކަށް ވެސް އެ މީހާ ވެދާނެ،" ނާޒިމް ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުން އިޒްރޭލު ޕާސްޕޯޓު އެއްކޮށް މަނާކުރަން ނިންމުމަކީ ކޮމިޓީން އެ ގޮތަށް ނިންމަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ޖުމުލަކޮށް އަޅުގަނޑު ވެސް ދަންނަވަން އޮތީ އަޅުގަނޑުމެންނަށް ބްލޭންކެޓްކޮށް މިކަން ނުކުރެވޭނޭ. އިގުތިސާދީ ގޮތުން ލިބޭ ގެއްލުންތައް އަޅުގަނޑުމެން ދެނެގަންނަން ޖެހޭނެ،" ސަރުކާރަށް ތާއީދު ކުރައްވާ ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވިއެވެ.
ކޮމިޓީ ވާހަކަދެއްކެވި މެންބަރުންގެ ވިސްނުން ހުރީ އެ ގޮތަށެވެ. އެ ބޭފުޅުން ވިދާޅުވީ، ޕާސްޕޯޓު މަނާކުރަންވާނީ އެކަށިގެންވާ ތަފާސްހިސާބުތަކަށް ބެލުމަށް ފަހު، ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުންނާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.
ދިއްގަރު ދާއިރާގެ މެންބަރު ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އޭނާ ވިދާޅުވީ، އިޒްރޭލުން ރާއްޖެ އަންނަ ގިނަ މީހުންނަކީ ރާޅާ އެޅުމަށް ވަކި ރަށްތަކަކަށް އަންނަ މަދު ބައެއް ކަމަށެވެ.
އެހެންވެ، މި ކަމާ ގުޅޭ ތަފާސްހިސާބުތައް ހޯދައި ކަމާ ގުޅުންހުރި ބޭފުޅުންގެ ބަސް ހޯދަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ހިޔާލު ހޯދަން ނިންމި ފަރާތްތައް؛
- ސިޔާސީ ޕާޓީތައް
- ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތައް
- މަޓީ
- މަޓާޓޯ
- ފަތުރުވެރިކަމުގެ ސިނާއަތުގެ އެންޖީއޯތައް
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ އެމްޑީޕީން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިއްޔެ ވެސް އެ ޕާޓީން ވަނީ އެ މައްސަލަ އަވަސްކުރަން ސަރުކާރަށް ގޮވާލައި ގަރާރެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ ގަރާރު ބޭރުކޮށްލައިފައެވެ.
އެ ގަރާރު ބޭރުކޮށްލީ އެކަން ކުރީ ހެޔޮ ނިޔަތެއްގައި ނޫންވީމާ ކަމަށް ޕީއެންސީން ފަހުން ބުންޏެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ނުހުއްޓޭނެ ކަމަށާއި އެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމާނެ ކަމަށް ވެސް ޕީއެންސީން ވަނީ ބުނެފައެވެ.