ގޭންގުތަކާ ގުޅުން އޮންނަ 400 އެއްހައި ކުޑަކުދިން އެބަތިބި: މިނިސްޓަރު

ޕޮލިސް ކާރެއް: މިނިސްޓަރު ވިދާޅުވީ ގޭންގްތަކާ ގުޅުން އޮންނަ 400 އެއްހައި ކުދިން އެބަތިބި ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގޭންގުތަކާ ގުޅުން އޮންނަ 400 އެއްހައި ކުޑަކުދިން އެބަތިބި ކަމަށާއި އެ ކުދިންނަށް މިހާރުން މިހާރަށް އަޅާލަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ކުށްކުރާ ގޭންގުތަކާ ގުޅުން އޮންނަ ކުޑަކުދިން ރިހެބިލިޓޭޓްކުރަން 'ހޯޕް އައިލެންޑު'ގެ ނަމުގައި ވަކި ރަށެއް ތަރައްގީކުރަން ނިންމައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި މިނިސްޓަރު އިހުސާން މިއަދު ވިދާޅުވީ، އެންމެ ފަހުން މިނިސްޓްރީން ހެދި އެސެސްމަންޓުތައް ދައްކާ ގޮތުން މިހާރު ވެސް މުޅި ރާއްޖޭގައި ގާތްގަނޑަކަށް 400 އެއްހައި ކުދިން އަޅާލަން ޖެހިފައި ތިބި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ގާނޫނުތައް އިސްލާހުކޮށް، ފުލުހުންނަށް ބާރުވެރިކަން ދީގެން ކަމަށެވެ.

ގޭންގުތައް ހުއްޓުވަން މައިގަނޑު ދެ ކަމެއް ކުރަންޖެހޭކަން މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ. އެގޮތުން، އެއް ކަމަކަށް ގޭންގުތަކަށް ފައިސާ ލިބޭނެ މަގުތައް ބަންދުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، ދެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ގޭންގުތަކަށް ރެކްރޫޓުކުރާ ކުދިން ހުއްޓުވުމެވެ.

ކުރިން އެފަދަ ކުދިންނަށް ހިންގާ ޕްރޮގްރާމްތައް ހިންގަނީ ކުރު މުއްދަތަކަށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެހެން އެކަންވުމުން ކުށްކުރާ ކުދިން އަލުން އަނެއްކާ ވެސް ކުށުގެ ވެއްޓަށް އެނބުރިދާ ކަމަށެވެ.

އެހެންވެ، ސަރުކާރުގެ ވިސްނުމަކީ ކުށްކުރާ ގްރޫޕުތަކާ ގުޅުން އޮންނަ ކުދިން 18 އަހަރު ވަންދެން 'ހޯޕް އައިލެންޑުގައި ބޭތިއްބުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެއަށް ފަހުގައި އެ ކުދިންނަށް 18 އަހަރުވުމުން އެސެސްމަންޓު ހެދުމަށް ފަހު މޮނިޓަރިންގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާނެ ކަމަށާއި އެ ނޫން ކުދިން ސިފައިންނާއި ފުލުހުންގެ ތެރެއަށް ރެކްރޫޓު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ރަށުގައި އެ ކުދިން ތިބޭނޭ 18 އަހަރު ވަންދެން. އެ ކުދިން އެ ރަށުގައި ތިބޭ ތިބުމުގައި އާއިލާއާ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކަކަށް އަޅުގަނޑުމެން އެ ރަށް ބައްޓަން ވެސް ކުރާނަން. ޕްރޮގްރާމް ވެސް ޑިޒައިން ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، 'ހޯޕް އައިލެންޑް' ފަދަ މަސައްކަތްތައް ވަކި ހިސާބަކުން ނިންމާލަން ޖެހޭނެ ކަމަށެވެ.

https://sun.mv/191856

އެގޮތުން، ކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަން ހައްލުކުރެވުމުން 'ހޯޕް އައިލެންޑް'ގެ މަސައްކަތަށް ވަކި ހިސާބަކުން ނިމުމެއް އަންނަންޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރުގެ މިހާރުގެ ސިޔާސަތުގެ ދަށުން ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާއިރުގައި މިއަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް. ފައިނޭންޝަލީ އަންނަ ބާޑެންތަކުގެ ތެރެއިން އާއިލާތައް ރޫޅިގެން އަންނަ އައުމުގެ ތެރެއިން ކުދިން ބިކަވެގެންދާ ދިއުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ކުޑަކުދިން ޖިނާއީ ކުށަށް ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ވެސް ނިންމައިފައެވެ.

'ހޯޕް އައިލެންޑް'ގައި ރަސްމީ ތައުލީމާއި، ދީނީ ތައުލީމާއި، ކުޅިވަރުގެ އިތުރުން ނަފުސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވެސް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް