ޅަ އުމުރުގައި ކުށަށް ހުށަހެޅޭ ކުދިން އިސްލާހުކުރުމަށް ޓަަކައި ކުޑަކުދިންނަށް ޚާއްސަ ރަށެއް ކަނޑައަޅައި އެ ރަށަށް ކުދިން ގެންގޮސް ޕްރޮގްރާމެއް ހިންގަން ސަރުކާރުން ތައްޔާރުވަމުން އަންނަަކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަކުދީން ޖިނާއީ ކުށަށް ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަަރަށް ދަށްކުރުމަށް ދައުލަތުން ކުރަންޖެހޭ ގާނޫނީ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.
އޭގެ ބޭނުމަކީ ކުޑަކުދިންތަކެއް ޖަލަށް ލުން ނޫންކަމަށާއި އެއީ ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކަމަށް ފެންނަ ކުދިން އެ ނުރައްކަލުން ދުރުކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.
އަދި އެ ކުދިންނަކީ މުޖުތަމައުއަށް ބޭނުންތެރި ފައިދާވާނެ ކަންކަން ކުރާ ކުދިންތަކަކަށް ހެދުމަށް ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އެ ފަދަ ކުޑަކުދިންނަށް ޚާއްސަކޮށްގެން ވަކި ރަށެއްގައި ޕްރޮގްރާމެއް ހިންގާނެ ކަމަށެވެ. އޭގައި ރަސްމީ ތައުލީމާއި، ދީނީ ތައުލީމާއި، ކުޅިވަރުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވެސް ވިދާޅުވިއެވެ.
" މީގެ ނަތީޖާއަކީ ކުށުގެ މާހައުލުގައި މި ވަގުތު އުޅެމުންދާ ކުދިންނަށް ރަނގަޅު މާހައުލެއް ލިބި އެ ކުދިންގެ ހަޔާތަށް އާ އުންމީދެއް ލިބިދިނުން،" އޭނާ ވިދާޅުވިއެވެ.
ކުދިން ގެންދާނެ ރަށަށް "ހޯޕް އައިލެންޑު"ގެ ނަން ދެވިފައިވަނީ ވެސް އެ ވިސްނުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ރަށުގައި ދިރިއުޅޭ ކުދިންނަށް 18 އަހަރުވުމާއެކު އެ ކުދިން ދިވެހި ފުލުހުންގެ ޚިދުމަތަށް ނުވަތަަ ސިފައިންގެ ޚިދުމަތަށް ރަސްމީކޮށް ނަގާނެއެވެ. އަދި ވަކި މުއްދަތަށް ޚިދުމަތްކޮށް ހަދާ އިވެލުއޭޝަނަށްފަހު އެ މީހަކު ބޭނުން ދާއިރާއަކުން ކުރިއަށްދާން ފުރުސަތު ދޭނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.