ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހާ ގުޅުވައި ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ ވާހަކަތައް ދޮގުކޮށް، އެ ޕާޓީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހުވަނީ، ޓްވިޓާގައި ނުފޫޒުގަދަ ހަސަން ކުރުސީއަށް ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ހަސަން ކުރުސީ ދެކެ ބިރު ނުގަންނަ ކަމަށެވެ.
އެއާ އެކު ހަސަން ކުރުސީގެ ނަމުގައި ހިނގާ ޓްވިޓާ އެކައުންޓުންވަނީ ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ދެ ވީޑިއޯއަކާއި ފޮޓޯއެއް ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ފެންނަނީ ފަލާހު ކަމަށް ތުހުމަތުކޮށް ހަސަން ކުރުސީގެ އެކައުންޓުންވަނީ ފަލާހަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
މި ކަން ކުށްވެރިކޮށް ޕީއެންސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު ފަލާހު ނޫންކަން މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ފަލާހުގެ އަބުރަށް އަރައިގަނެ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ސޯޝަލް މީޑީއާގައި ފަތުރަމުން ގެންދާތީ، އެ ޕާޓީންވަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ފޮޓޯއާއެކު ހަގީގަތާ ޚިލާފު ދޮގު ޚަބަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ފަތުރާފައިވަނީ، ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ ހަސަން ކުރުސީ ނަމުގައި ހަދާފައިވާ ފޭކް އެކްސް އެކައުންޓަކުން ކަމަށެވެ.
މި ނޫން ވެސް އިތުރު ފަރާތްތަކުން މި ފަދަ ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ގެންދަނީ ފަތުރަމުން ކަމަށް އެ ބަޔާނުގައިވެއެވެ. އެފަދަ ދޮގު ވާހަކަ ފަތުރައި، ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޕީއެންސީން ވަނީ ގޮވާލާފައެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު, އިތުބާރު ހިފޭ މަގާމުތަކެއްގައި ތިބި ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް 2022ވަނަ އަހަރު ތެރޭ ލީކުކޮށްފައިވެއެވެ. އެ މައްސަލަ ފުލުހުން ބަލައި، ބައެއް މީހުންނަށް ދައުވާކޮށް ޖަލު ހުކުމް ވެސް ކުރިއެވެ.