މިދިޔަ ސަރުކާރުންވަނީ ދައުލަތް ބަނގުރޫޓު ކޮށްލާފައި: ފަލާހު

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު --

މިދިޔަ ސަރުކާރުން ވަނީ ދައުލަތް ބަނގުރޫޓުކޮށްލާފައި ކަމަށާއި، ސަރުކާރު ބަދަލުނުވިނަމަ، އަމިއްލަ ރައްޔިތުންގެ ސައިކަލުތައް ވެސް މޯގޭޖު ކުރަން ޖެހުނީސް ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އިދިކޮޅުން މިހާރު އެ ކުރަމުންދާ ކަމަކީ، އެ ބޭފުޅުން ހިންގި ޖަރީމާތައް ފޮރުވުމަށް ޓަކައި ސިޔާސީ ބޭނުމަށް ދޮގު ހެދުން ކަމަށެވެ.

"ވަރަށް ބައިވަރު ދޮގު ބޮޑެތި ގޯނިގޯންޏަށް އަޅައިގެން މަގުތަކުގައި މި ހިނގަނީ. އެ އެއްޗެހި އަޑު އައްސަވާ ހުރިހާ ބޭފުޅުންނަށް އެ އެއްޗެހި ބައްސަވަނީ. ހަމަ އެ ބޭފުޅުންނާ އެއްކޮށް، ބައިވެރިވުމުގައި އަޅުގަނޑުމެން އެ ސަރުކާރަކަށް ނިސްބަތްވި، 2013އިން ފެށިގެން 2018އަށް ވެރިކަން ކުރެއްވި ވެރިޔަކު ވެސް ހިމެނިވަޑައިގަންނަވާ،" ފަލާހު ވިދާޅުވިއެވެ.

މި ސަރުކާރުން މީގެ ކުރިން ހާމަކުރި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ފެނަކަ ބަނގުރޫޓުވެ، އެ ކުންފުނީގެ ދަރަނި ހުރީ 4.3 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީން އެ ތުހުމަތުތައް ދޮގުކުރެއެވެ.

https://www.sun.mv/189453

ފަލާހު ވިދާޅުވީ އިދިކޮޅުން މި ސަރުކާރާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ ކަމުގައިވާނަމަ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް އެ ބޭފުޅުން ހާޒިރުކޮށް ސުވާލު ވެސް ކުރާނެ ކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި މި ސަރުކާރަށް އަދި ހަތް މަސްވެގެންދިޔައިރު، ފެނަކަ މިހާރު ހިންގަމުން އެ ދަނީ އެ ކުންފުނީގައި ތިބި މުވައްޒަފުންނާ އެކުގައެވެ. އެހެން ނަމަވެސް ފެނަކައިން މިދިޔަ ފަސް އަހަރުގައި ފޯރުކޮށްދިން ޚިދުމަތުގެ ފެންވަރު އިންތިހާއަށް ދަށްކަން ފާހަގަ ކުރައްވައި، ފަލާހުވަނީ ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ހަގީގަތުގައި ފެނަކަ ކުންފުނި މިދިޔަ ފަސް އަހަރު، ޚާއްސަ ގޮތެއްގައި ބޭނުންކޮށްފައި އޮތީ ވަރަށް ނުބައި ޖަރީމާ ހިންގި ކުންފުންޏެއްގެ ގޮތުގައި. އަދި އެ ނޫން ކުންފުނިތައް ވެސް އެބަހުރި," ފަލާހު ވިދާޅުވިއެވެ.

ރާއްޖޭގައި ތިއްބެވި ސިޔާސީ އިސް ބޭފުޅުން ރައްޔިތުންނަށް ވިސްނައިދޭންވާނީ ތެދު ވާހަކަތައްކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 120 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއީ ކޮންމެ ދިވެއްސެއްގެ ބޮލަކަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް