ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގިކަން ސާބިތުވި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި މީހާ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ގާނޫނޫލްއުގޫބާތުގެ ދަށުން އެއްޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ދައުވާ އުފުލާފައިވަނީ މ. ރަތްމަންދޫ, ޖަވާހިރުވާދީ އަބްދުއްރަހުމާނު ރާފިއުގެ މައްޗަށެވެ.
އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވުމުން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ރާފިއު ޖަލަށް ލުމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރުގައި ހޭދަކުރި ދުވަސްތައް ކެނޑުމަށްފަހު ދެން ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލްމަގީރުގެ މައްޗަށް ކުށް ސާބިތުވެ އޭނާ ވެސް އަންނަނީ ހަތް މަހުގެ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އިތުރު 40 ދައުވާއެއް އޭނާއާ ދެކޮޅަށް މިހާރު ވަނީ އުފުލާފައެވެ.
އަލަމްގީރާއެކު އެކި މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކް ކޮށްލާފައިވާއިރު އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހައްޔަރުކޮށް އަންނަނީ ތަހުގީގު ހިންގަމުންނެވެ. އަދި ބައެއް މީހުންނަށް ވަނީ 'ކުދި' ހުކުމްތަކެއް ވެސް ކޮށްފައެވެ.
އެގޮތުން އެއް ޖިންސުން ޖިންސީގުޅުން ހިންގި ކަމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާ ގާނޫނީ ވަކީލް އަޙުމަދު ނާޒިމް އަބްދުއްސައްތާރަށް ޖަލު ހުކުމެއްގެ ބަދަލުގައި ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދު ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.