ގދ. ފިޔޯރީގައި ގެއްލިގެން ހޯދަނިކޮން ފެނުނު އަށް އަހަރުގެ މީނާލް މުޙައްމަދުގެ ހާލު ދެނެގަތުމަށް ހެދި ޓެސްޓުތަކުން ގޯހެއް ފާހަގަނުވާކަމަށާއި ހާލު ރަނގަޅުކަން އެނގިއްޖެއެވެ.
އެ ކަމުގެ މައުލޫމާތު ހިއްސާކުރަމުން އެ ކަން ގާތުން ބަލަމުން އަންނަ ބޭފުޅަކު "ސަން"އަށް ވިދާޅުވީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން ވެސް އަދި ޓެސްޓުތަކުން ޔަގީންވާ ގޮތުގައި ވެސް އެއްވެސް ހާނިއްކައެއް ކުއްޖާއަށް ލިބިފައިނުވާކަމަށެވެ.
އަދި އެއްވެސް އަނިޔާއެއް ވެސް ނުލިބޭކަން ޔަގީންވާކަމަށް ވިދާޅުވިއެވެ.
މީނާލް އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ގެޔާ މާ ދުރުނޫން ފަޅު ގެއެއްގެ ތެރެއިން ހޭނެތިފައި އޮއްވައެވެ.
ފުލުހުން މިއަދު ބުނީ، ކުއްޖާގެ ހާލު ރަނގަޅުކަމަށް ފިޔޯރީ ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް، ކުއްޖާ ގެއްލި ގިނައިރުތަކެއްވުމުން ހާލަތު އިތުރަށް ދެނެގަތުމަށް ބައެއް ޓެސްޓުތައް ހަދަން ފޮޔޯރީ ހެލްތު ސެންޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި، އެ ޓެސްޓުތައް ހަދަން މީނާލް މިހާރު ތިނަދޫ ސިޓީގައި ހުންނަ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ފުލުހުން ބުންޏެވެ.
ފިޔޯރީން ގެއްލުނު މީނާލް، ފަޅު ގެއަކުން ފެނިއްޖެއިތުރަށް ވިދާޅުވުމަށް
ފިޔޯރީ، ފިނިވިލާގޭ މީނާލް ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ އިއްޔެ ހަވީރު 17:35 އެހާކަންހާއިރެވެ.
ހޯދުމުގެ މަސައްކަތް ކުރަނިކޮށް މީނާލް ރޭ ފެނުނީ އޭނާ ދިރިއުޅޭ ގެއާ ވަރަށް ކައިރީގައި ހުރި ފަޅު ގެއަކުން ކަމަށް އެ ރަށު ކައުންސިލްގެ އިސް ބޭފުޅަކު ޔަގީންކޮށްދިނެވެ. ފެނުނުއިރު މީނާލް އޮތީ ހޭނެތިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން އެ ކުއްޖާގެ ބައްޕަ މުޙައްމަދު ރަޝީދު 'ސަން'އަށް ބުނީ، އެ ކުއްޖާ ހަވީރު ގެއިން ނުކުމެގެން ދިޔައީ މަންމަ ދެކެ ހިތްހަމަނުޖެހިގެން ކަމަށެވެ. އެކަނި ދުވަހަކު ވެސް ގެއާ ދުރުތަނަކަށް ނުދާނެކަން ފާހަގަކޮށް އޭނާ ބުނީ، މި ހާދިސާއާ ގުޅިގެން ޝައްކުވާ ކަމެއް ހިނގާފައިނުވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.