ކާރެއް ކޮންޓްރޯލްނުވެ ބޮޑު އެކްސިޑެންޓެއް: ކާރާއި ސައިކަލުތަކަކަށް ބޮޑު ގެއްލުމެއް

މިއަދު ހެނދުނު އަމީނީ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް ---

ކާރެއް ކޮންޓްރޯލް ނުވެގެން މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.

ފުލުހުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ މިއަދުގެ ހެނދުނު 7:50 ހާއިރު އަމީނީ މަގުގެ ގާކޮށި ކުރިމަތިން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް އެކްސިޑެންޓްވި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ހަ ސައިކަލަކާއި ކާރަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ނަމަވެސް އެކްސިޑެންޓާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

އެކްސިޑެންޓު ވެފައިވާ ސަރަހައްދުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ކޮންޓްރޯލް ނުވެގެން އެކްސިޑެންޓުވި އޮރެންޖު ކުލައިގެ ކާރު ގާކޮށި ފްލެޓުތަކާއި ދިމާލުން ޕޭމެންޓް މައްޗަށް އަރައިފައިވާ މަންޒަރު ފެނެއެވެ.

އެ ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ކާރުގެ ދޮރުތަކާއި އަދި ބައެއް ކަވަރުތައް ވަނީ ނައްޓާފައެވެ. ކާރުގެ ފަހަތުން އެ ސަރަހައްދުގައި ޕާކްކޮށްފައިހުރި ސައިކަލުތައް ވެއްޓިފައިވާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

ގިނަ އަދަދަކަށް މީހުން އެއްވެފައި އޮތް ތަން ފެންނައިރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ވަނީ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.

https://sun.mv/194951

އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓު ކައިރީގައެވެ. މަޑުމަޑުން ދުއްވާލާފައި ގޮސް ސައިކަލު މަޑުކޮށް ޖީބުން ފޯނު ނަގާ ހަމަޖެހިނުލެވިގެން އުޅެނިކޮށް ފަހަތުން ދިޔަ ކާރުން ޖެހި ސައިކަލު ދުއްވަން އިން މީހާ އެ އެކްސިޑެންޓުގައި ވިއްސައިގެން ގޮސްފައެވެ.

comment ކޮމެންޓް