ދުންފަތުގެ އިސްތިޢުމާލުކުރުން ހަރާންތަ؟

ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނަތީޖާއާއި އެކަމުގެ ޝަރުޢީ ހުކުން އެނގޭނަމަ ގިނަ ބަޔަކު އެ ޢަމަލާ ދުރުހެލިވާނެކަމަށް ގަބޫލުކުރެވޭ -- ފޮޓޯ / އެވްރިޑޭހެލްތު.ކޮމް

އެމެރިކަން ކެންސަރ ސޮސައިޓީގެ ރައީސް ޖޯން ސެފްރިން ވިދާޅުވެފައިވެއެވެ. 'ދުންފަތަށް ދެވި ހިފުމުގެ މައްސަލަ ހައްލުކޮށްފިނަމަ، އިންސާނުންނަށް ޖެހޭ ކެންސަރުގެ ތިންބައިކުޅަ އެއްބައިން ރައްކާތެރިވެވޭނެ' އެވެ.[1]

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ވަރަށް ގިނަ ގެއްލުންތަކެއް ލިބޭ ކަމެއްކަން ދިރާސާތަކުން އެނގެއެވެ. އެގޮތުން 7000 އަށްވުރެ ގިނަ ކެމިކަލު ދުންފަތުގައި ހިމެނޭކަމަށް އެނގިފައިވާއިރު، އޭގެތެރެއިން 70 އަށްވުރެ ގިނަ ކެމިކަލަކީ ކެންސަރު ޖެހުމަށް މަގުފަހިވާ ނުރައްކާތެރި މާއްދާތަކެއްކަމަށް މިހައިތަނަށް ހޯދިފައިވެއެވެ.[2] އެންމެ އާއްމުކޮށް މީހުން ބޭނުންކުރާ ސިނގިރޭޓަށް އެކަނި ބެލިނަމަވެސް، ކެންސަރު ޖެހުމަށް މަގުފަހިވާ 60 މާއްދާއެއް އޭގައި އެކުލެވިގެންވެއެވެ.[3]

އަނގައާއި، ފުއްޕާ މެއާއި، ބަނޑާއި، ކިޑުނީއާއި، ގޮހޮރާއި، ފުރަގަސްފަރާތް އަދި ކޯލަންއަށް ޖެހޭ ކެންސަރުފަދަ ބަލިތަކަށް މީހާ ހުށަހަޅައިލުމުގައި ދުންފަތުގެ އިސްތިޢުމާލު ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ކެންސަރުގެ ބާވަތެއްކަމަށްވާ އެކިއުޓް މައިލޯއިޑް ލީކީމިއާ ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭއިރު، ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވުމުގެ 80% އަކީ ދުންފަތުގެ އިސްތިޢުމާލުގެ ސަބަބުން ކުރިމަތިވާ ކަމެއްކަން ހޯދިފައިވެއެވެ.[4]

ދުންފަތުގެ އިސްތިޢުމާލުކުރުމުން އަނގައިގެ ކެންސަރު ޖެހޭކަމަށް ހޯދިފައިވޭ -- ފޮޓޯ / ޓެލެގްރާފްއިންޑިއާ.ކޮމް

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ހިތާއި ލޭނާރުތައް ހަލާކުކޮށްލާ ކަމެކެވެ. މީގެ ސަބަބުން ކޮރޯނަރީ ހާޓް ޑިޒީޒްއާއި ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ހިރާސް ބޮޑުކޮށްދެއެވެ. ހަމަމިއާއެކު، ފުއްޕާމެއަށްޖެހޭ އެމްފިޒީމާ އާއި ބްރޮންކައިޓިސް ފަދަ ދިގު މުއްދަތަށް ދެމިގެންދާ ބަލިތައް ޖެހުމާއި، ނޭވާހިއްލުމުގެ މައްސަލަ ކުރިމަތިވުން ހިމެނެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ޓައިޕް-2 ހަކުރުބަލި ޖެހުމަށް މަގުފަހިވެ އޭގެ ސަބަބުން ކުރިމަތިވާ އުދަނގޫތައް އިތުރަށް ގޯސްވާ ކަމެކެވެ.[5]

ކެންސަރާއި ނާރުތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކުގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ހަށިގަނޑުގެ ގާތްގަނޑަކަށް ހުރިހައި ގުނަވަނަކަށްހެން ގެއްލުން ލިބިދާނެ ކަމެކެވެ. އެގޮތުން ދުންފަތުގެ އެ ޢަމަލުގެ ސަބަބުން، ހިރުގަނޑާއި ދަތުގެ ބަލިތަކާއި، ރިހުމާއި ދުޅަވުން އެކުލެވޭހެން ހުޅުތަކަށް ޖެހޭ ބައްޔެއްކަމަށްވާ ރޫމޭޓޮއިޑް އާތުރައިޓިސް އާއި، ލޮލުގެ ކަޅި ހަލާކުވުމާއި، ލޯ ފުސްވާ ބަލި ޖެހުމަށް މަގުފަހިކޮށްދެއެވެ. ހަމަމިއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ދަރިމައިވުމާއި ވިހެއުމުގައި މައްސަލަތައް ކުރިމަތިވާ ކަމެކެވެ.

ދުންފަތުގައި ހިމެނޭ ނިކޮޓިންއަކީ އޭގެ ޒާތުގައިވެސް ވަރަށް ނުރައްކާތެރި ވިހަ އެކެވެ. މި ވިހަ ސީދާކޮށް ލޭގެތެރެއަށް ފޮނުވައިލައިފިނަމަ މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމަށް ޑަކުޓަރުން ވިދާޅުވެއެވެ. އަދި ސިނގިރޭޓު ނުވަތަ އެނޫންވެސް އެއްޗެއްގައި މަތީ މިންވަރަކަށް ނިކޮޓިން އެކުލެވޭނަމަ އެ ބޭނުންކުރާ މީހާ ވަގުތުން މަރުވުމުގެ ފުރުސަތު އޮންނަކަމަށްވެސް މާހިރުން ވިދާޅުވެއެވެ.[6]

ނިކޮޓިންއަކީ މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ވިހައެއް -- ފޮޓޯ / ދަޑެއިލީގާޑިއަށް.ކޮމް

އިސްވެ ބަޔާންކޮށްފައި އެވަނީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހާއަށް ސީދާގޮތުން ލިބިދާނެ ގެއްލުންތަކެވެ. ހަމަމިއާއެކު، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ފަރާތުން، އެހެން މީހުންނަށް ފޯރާ ދުމުގެ ސަބަބުން އެމީހުންނަށްވެސް ހަމަ އެ ގެއްލުންތައް ލިބުމުގެ ފުރުސަތު އޮވެއެވެ.[7]

މީގެއިތުރުންވެސް، ސިނގިރޭޓު ދުމުގެ ސަބަބުން އެހެންމީހުންގެ ގަޔާއި ދިރިއުޅޭ ތަނުގައި ނުބައިވަސް ހިފުމާއި، ސިނގިރޭޓު ފިލްޓަރު ނުނިއްވައި އެއްލައިލުމުން އަލިފާނުގެ ހާދިސާތައް ހިނގައި މީހުންނާއި މުދަލާއި ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ފަރާތުން ނަމޫނާ ފެނިގެން، ބޮޑެތިވަމުން އަންނަ ކުދީންވެސް އެ އަވާގައި ޖެހި، ދުންފަތް ބޭނުންކުރުމުގެ ނުބައި އާދަ ނިމުމެއްނެތި ކުރިއަށްދާން މެދުވެރިވެއެވެ. ދުންފަތުގެ އިސްތިޢުމާލުގެތެރޭގައި ހިމެނޭ ސިނގިރޭޓާއި ބިޑިއާއި ސުއްޓާއާއި ވޭޕާއި ޝީޝާ އާއި ގުޑުގުޑާ ބުއިމުން ނުވަތަ ދުންފަތް ލައިގެން ދުފުމުންވެސް، ދުންފަތުން ލިބޭ ހުރިހައި ގެއްލުމެއް ލިބޭނެކަމަށް މާހިރުން ވިދާޅުވެއެވެ.

ދުންފަތުގެ އިސްތިޢުމާލަކީ އެހެންމީހުންގެ ނުރުހުމާއި ބަދު ދުޢާ އެކަން ކުރާ މީހާއަށް އަމާޒުވާ ކަމެއް -- ފޮޓޯ / އީއާރުކެއާ24.ކޮމް

ދުންފަތުގެ އިސްތިޢުމާލުކުރުމުން ސިއްހީގޮތުންނާއި މާލީގޮތުން އަދި އެހެނިހެން ގޮތްގޮތުން ލިބޭ ގެއްލުންތަކަކީ މީހާ ހަލާކުގެތެރެއަށް ވެއްޓިގެންދާ ގެއްލުންތަކެއްކަން ސާފުކޮށް އެނގެއެވެ. މާކުރީން ފެށިގެން ހުއްޓުމެއްނެތި ކުރަމުން ގެންދާ ދިރާސާތަކުން އެކަންވަނީ ކަށަވަރުވެ ޔަގީންކުރެވިފައެވެ. ވުމާއެކު މި ޔަޤީނުގެ މައްޗަށް ބައްލަވައި، އިތުބާރުހުރި ބޮޑެތި ޢިލްމުވެރިން ވިދާޅުވާގޮތުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އިސްލާމްދީނުގައި ހަރާން ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޝަރުޢީ ހުކުމާ ބެހޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2001 ވަނަ ނެރެފައިވާ ފޮތުގައި، މިޒަމާނުގެ ދަންނަބޭކަލުންގެތެރެއިން 14 ބޭފުޅަކު މިފަދައިން ވިދާޅުވެފައިވެއެވެ. އަދި ސައުދީ އަރަބިޔާގެ ދާއިމީ ފަތުވާ ކޮމެޓީންވެސް ފަތުވާ ދެއްވާފައިވަނީ އެއީ ހަރާންކަމެއް ކަމަށެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ހުކުން ދެނެގަތުމަށްޓަކައި ޢިލްމުވެރިން ރުޖޫއަވަނީ އިސްލާމީ ޝަރީޢަތުގެ މަޤުސަދުތަކަށެވެ. މީގެތެރޭގައި ނަފުސު ހިމާޔަތް ކުރުމާއި ބުއްދި އަދި މުދާ ހިމާޔަތްކުރުން ހިމެނެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ޝަރީޢަތުގެ މި މަޤުސަދުތަކާ ގުޅުވައި، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ހަރާން ކަމެއްކަމުގައި ކަނޑައެޅެއެވެ. މީގެތެރެއިން ސިއްހީގޮތުން ލިބޭ ގެއްލުންތައް ދުރުކުރުން ހިމެނެނީ ނަފުސާއި ބުއްދި ހިމާޔަތް ކުރުމާއެވެ. އަދި ދުންފަތުގެ އިސްތިޢުމާލަށްޓަކައި ކުރާ ހޭދައިގެ ސަބަބުން މާލީގޮތުން ކުރިމަތިވާ ގެއްލުމާއި އިސްރާފު ހުއްޓުވުން ހިމެނެނީ މުދާ ހިމާޔަތް ކުރުމާއެވެ.

މި ހުކުމަށް އެބޭފުޅުން ގެންނަވާ ދަލީލުތަކުގެތެރޭގައި؛ އަމިއްލަ ނަފުސުތައް އަމިއްލައަށް ޤަތުލުނުކުރުމަށާއި[8] އަދި އަމިއްލަ އަތްތަކުން އަމިއްލަ ނަފުސުތައް ހަލާކުގެތެރެއަށް އެއްލައިނުލުމަށް[9] ﷲ އަންގަވާފައިވާ ބަސްފުޅާއި، މުދާ އިސްރާފުނުކުރުމަށް އަންގަވާފައިވާ ބަސްފުޅުތަކާއި[10]، އަމިއްލަ ނަފުސަށާއި އެހެންމީހުންނަށް ގެއްލުން ނުދިނުމަށް އަންގަވާފައިވާ ޙަދީޘްފުޅުތަކާއި[11] މިނޫންވެސް ދަލީލުތައް ހިމެނެއެވެ.

މީހަކު ސުވާލުކޮށްފާނެއެވެ. ދުންފަތް ހަރާންކަމަށް ސީދާ ދަލީލެއް ނެތް އިރު އެއީ ހަރާން އެއްޗެއްކަމަށް ކަނޑައެޅޭނީ ކިހިނެއްހެއްޔެވެ؟ ޝަރުޢީ ހުކުމެއް ކަނޑައެޅުމަށްޓަކައި ކޮންމެ ކަމަކަށް ސީދާ ވަކި ނައްޞެއް އޮންނާކަށް ނުޖެހެއެވެ. އެހެނެއްކަމަކު ހުކުންތައް ކަނޑައެޅޭ މައިގަނޑު އުޞޫލުތަކާއި ޤަވާއިދުތަކެއް ޝަރީޢަތުގައި އައިސްފައިވުމުން އޭގެ މައްޗަށް ބިނާކޮށް، ވަކިވަކި ކަންތައްތަކަށް ހުކުންތައް ކަނޑައެޅެއެވެ. މަސްތުވާ ތަކެތީގެ ތަފާތު ބާވަތްތައް، އޭގެ ނަން ހިމެނޭގޮތަށް ހަރާންކަމުގެ ދަލީލެއް ނެތްނަމަވެސް، އެ ހުރިހައި ބާވަތެއްވެސް ހަރާންކަމަށް ކަނޑައަޅާފައިވަނީވެސް މި އުސޫލުންނެވެ.[12]

ދުންފަތުގެ އިސްތިޢުމާލުކުރުމުން ލިބޭ ގެއްލުންތައް އަވަހަށް ނުވަތަ ލަހުން ކުރިމަތިވިޔަސް، އެއީ ލިބޭ ގެއްލުންތަކެއްކަން ކަށަވަރުވެފައިވުމުން، ދުންފަތުގެ އިސްތިޢުމާލުގެތެރޭގައި ހިމެނޭ އެއްވެސް ބާވަތެއް ބޭނުންކުރުމަކީ މުސްލިމުންނަށް ހަރާން ކަމެއްކަމަށް، އަޒުހަރު ޔުނިވާސިޓީގެ ކުރީގެ އިސް އިމާމު ޖާދުލްޙައްޤު ވިދާޅުވެފައިވެއެވެ.[13]

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ހަރާން ކަމެއްތޯ ނުވަތަ މަކުރޫހަ ކަމެއްތޯ ނުވަތަ ހުއްދަ ކަމެއްތޯއާމެދު ކުރީގެ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަކީ އެހައިތަނަށް އެނގިފައިވާ ގެއްލުންތަކުގެ މައްޗަށް ބިނާވެގެން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކެކެވެ. މިޒަމާނުގައި ހޯދި ޔަޤީން ކުރެވިފައިވާފަދައިން ދުންފަތުގެ އިސްތިޢުމާލުކުރުމުން ލިބޭ ގެއްލުންތައް އެއީ ވާ އެއްޗެއްކަން ޝައްކެއްނެތި ޔަޤީނުން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނަމަ، އެއްވެސް ބަހުސެއް ނެތި އެއީ ހަރާންކަމެއް ކަމުގައި ކަނޑައެޅުއްވީހެވެ.[14]

ހަވާލާ:
[1] Naff, Clay Farris. Nicotine and Tobacco, (San Diego, CA: ReferencePoint Press, Inc, 2007), 10.
[2] “Risks of Tobacco: MedlinePlus Medical Encyclopedia,” <https://medlineplus.gov/ency/article/002032.htm>, (Accessed June 18, 2024).
[3] Naff, 12-13.
[4] “Health Risks of Smoking Tobacco,” <https://www.cancer.org/cancer/risk-prevention/tobacco/health-risks-of-tobacco/health-risks-of-smoking-tobacco.html> (Accessed 18 June 2024).
[5] “Health Effects of Smoking on Your Body,” Healthline, May 30, 2017, <https://www.healthline.com/health/smoking/effects-on-body> (Accessed June 18, 2024).
[6] Naff, 38.
[7] Naff, 12-13.
[8] ނިސާ، 29.
[9] ބަޤަރާ، 195.
[10] އަޢުރާފު، 31 ، އިސްރާ، 26-27.
[11] أخرجه الدارقطني (3/77)والحاكم (2345) والبيهقي (11717).
[12] يوسف القرضاوي. الحكم الشرعي في التدخين، (منظمة الصحة العالمية: المكتب الإقليمي لشرق المتوسط ، 2001) ، 30.
[13] جاد الحق علي جاد الحق. الحكم الشرعي في التدخين، 21.
[14] القرضاوي، 29.

ގުޅޭ ޓެގު
comment ކޮމެންޓް