ހުޅަނގުގެ ފަލްސަފާއަށް ބިނާކޮށްފައިވާ ޖެންޑާ އީކުއަލިޓީ ބިލް ލަންކާގެ ސްޕްރީމް ކޯޓުން ހުއްޓުވައިފި

ސްރީލަންކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން

ދެޖިންސް ހަމަހަމަ ކުރުމުގެ ނަމުގައި ޔޫރަޕްގެ ގައުމުތަކުން އުފައްދާފައިވާ ޖެންޑާ އީކުއަލިޓީ ފަލްސަފާއާ އެއްގޮތަށް އެއްވެސް ހައްދެއްނެތި ފަރުދީ މިނިވަންކަން ދިނުމާއި އެއްްޖިންސުން ގުޅުން ހިންގުން ހުއްދަވާފަދަ ގޮތަަކަށް ދެ ޖިންސު ހަމަހަމަ ކުރުމުގެ ބިލެއް ސްރީލަންކާގެ ޕާލަމެންޓަށް ހުށަހެޅުމާއެކު އެގައުމުގެ ސްޕްރީމް ކޯޓުން އެބިލް ހުއްޓުވުމުގެ އަމުރެއް މިހާރުވަނީ ނެރެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިބިލް ބިނާކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކުން އުފައްދާފައިވާ ޖެންޑާ އީކުއަލިޓީ ފަލްސަފާގެ މަފްހޫމުގެ މައްޗަށެވެ. އެއްޖިންސުން ގުޅުންހިންގުން ހުއްދަކަމަކަށްވެ އެކަމުގެ ސަބަބުން ފިތުރަތުގައި އޮންނަ ޒަވާޖީ ހަޔާތް ޚަރާބުވެ މުޖްތަމައު ފަސާދަވެ އާބާދީ އިތުރުން ހުއްޓުމަކަށް އަންނާނެ ފަދަ ގޮތަކަށެވެ.

މި ބިލް ހުއްޓުވުމަށް ނެރުނު އަމުރުގައި ސްރީލަންކާގެ ސްޕްރީމް ކޯޓުން ބުނެފައިވަނީވެސް މިގޮތަށެވެ. ސްރީލަންކާގެ ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ބުނެފައިވަނީ ޕާލަމެންޓަށް ހުށަހަޅާފައިވާ ޖެންޑާ އީކުއަލިޓީ ބިލަކީ އެގައުމުގެ ގާނޫނުއަސާސީ އާއި އަޣްލަބިއްޔަތު އޮންނަ ބުޑިސްޓް އުސޫލުތަކާއި ޒަމާނުއްސުރެ ސްރީލަންކާގައި އޮންނަ އިރުމަތީގެ އާދަކާދަތަކާ ފުށުއަރާ ބިލެއްކަމަށެވެ.

މިއާއެކު ސްރީލަންކާގެ ސްޕްރީމް ކޯޓުންވަނީ އެބިލްގެ މަސައްކަތް ކުރިޔަށް ނުގެންދިޔުމަށާއި އެބިލް ހުއްޓުވުމުގެ އަމުރެއްނެރެފައެވެ.

ސްރީލަންކާގެ ޕާލަމެންޓަށް މިބިލް ހުށަހަޅާފައިވަނީ ޕާލަމެންޓްގައި ހިމެނޭ ހުޅަނގުގެ ލެބެރަލް އުސޫލުތަކަށް ލޯބިކުރާ ބައެއް މެންބަރުންނެވެ. ޖެންޑާއަކީ ފިތުރަތުގައި އޮންނަ ދެޖިންސުގެ ތަބީއީ ގުޅުންތަކާއި ދެޖިންސުގެ ދެމެދުގައި އޮންނަ ޒަވާޖީ މާތް ގުޅުންތައް ފުނޑާލުމަށްޓަކައި ހުޅަނގުގެ ފަލްސަފާވެރިންގެ ތެރޭގައި ހިމެނޭ ލާދީނީ ފަލްސަފާވެރިން އުފެއްދި ތިންވަނަ ޖިންސެއްގެ މަފްހޫމެކެވެ.

މިމަފްހޫމު ޔޫރަޕްގައި ތަންފީޒުކުރުމުން އެއްޖިންސުން ގުޅުންހިންގުން ޔޫރަޕްގައި އާންމުވިއެވެ. އަދި ފިތުރަތުގައި ނެތް ތިންވަނަ ޖިންސެއް (ޖެންޑާ އެއް) ޔޫރަޕްގައި އުފެދުނެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕްގައި ޒަމާނުއްސުރެ އޮތް ދެޖިންސްގެ ފިތުރަތީ ޖަވާޖީ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވިއެވެ.

މިފަލްސަފާ އަށް ޔޫރަޕްގައި ގާނޫނީ ހައިސިއްޔަތު ދިނުމުން ޖެންޑާގެ ނަމުގައި އަންހެނުންނާއި އަންހެނުންވެސް އަދި ފިރިހެނުންނާއި ފިރިހެނުންވެސް ޖަވާޖީ ހަޔާތް ބިނާކުރަން ފެށިއެވެ. އެއީ ޖެންޑާ އީކުއަލިޓީގެ މަފްހޫމާއެކު އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނި ކުރުން ޔޫރަޕްގެ ގިނަ ގައުމުތަކުގައި ގާނޫނީ ގޮތުން ހުއްދަކުރުމުގެ ސަބަބުންނެވެ.

މިއާއެކު ފިތުރަތުގައި އޮންނަ ދެޖިންސުގެ ޒަވާޖީ ހަޔާތުގެ މައްޗަށް ބިނާވެފައިވާ އާއިލާތައް ޔޫރަޕްގައި މަދުވިއެވެ. އެކިވައްތަރުގެ ޖެންޑާ މަފްހޫމުގެ އާއިލާތައް (ފިތުރަތާ ޚިލާފު އެއްޖިންސުގެ އާއިލާތައް) ޔޫރަޕްގައި އުފެދެން ފެށިއެވެ.

ނަތީޖާއަކީ ޔޫރަޕްގައި އާބާދީ އިތުރުވާ މިންވަރު މަޑުމަޑުން ދަށަށްގޮސް ގިނަ ގައުމުތަކުގައި މަރުވާ މީހުންގެ ރޭޓަށްވުރެ އުފަންވާ ރޭޓު ދަށަށްގޮސް ޔޫރަޕްގެ އާބާދީ އާދަޔާ ޚިލާފަށް ދަށަށް ދިޔުމެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި މިހާރު އާއިލީ ނިޒާމާއި ޒަވާޖީ ނިޒާމުވަނީ ފިތުރަތުގެ އުސޫލާ މުޅިން ޚިލާފަށެވެ. ފިތުރަތާ ޚިލާފު ޖެންޑާގެ މަފްހޫމުގެ މައްޗަށެވެ. އެއްޖިންސުގެ އާއިލާތަކުގެ މައްޗަށެވެ.

ފިތުރަތުގެ އާއިލީ ނިޒާމު ޔޫރަޕްގައިވަނީ މުޅިން ފުނޑިފައެވެ. އެއްޖިންސުގެ ގުޅުންތައްވަނީ ހައްދު ފަހަނަޅައި ގޮސްފައެވެ. މިއާއެކު އާބާދީ ދަށަށް ދިޔުމުގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތަކުގައި މަސައްކަތު އުމުރުގެ އާބާދީ އާދަޔާ ޚިލާފަށް މަދުވެ ކާރުޚާނާތައްވަނީ ބަންދުކުރަން ޖެހިފައެވެ.

މިދިޔަ އަހަރު ނެރުނު ޔޫރަޕްގެ ތަފާސް ހިސާބު "ޔޫރޯ ސްޓެޓް" ރިޕޯޓް ބުނާގޮތުން ޔޫރަޕްގެ 15 ގައުމެއްގައި އާބާދީ މަދުވުމުގެ ސަބަބުން ކާރުޚާނާތައް ބަންދުކުރަންޖެހި އިގްތިސާދަށްވަނީ އާދަޔާ ޚިލާފު ހީނަރުކަން ކުރިމަތިވެފައެވެ. މިކަން ފޫބެއްދުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުން ގެންނަމުން ދަނީ ބޭރުގެ ހިޖުރަވެރިންނެވެ.

ނަމަވެސް ހިޖުރަވެރިންގެ ސަބަބުން ޔޫރަޕްގެ ދޮން އާބާދީގެ ބަދަލުގައި ޔޫރަޕްގައި ގިނަވަމުންދަނީ އެކިގައުމުތަކުގެ ނަސްލުތަކެވެ. އޭޝިއާއާއި އެފްރިކާގެ ނަސްލުތަކެވެ. މިކަމުގެ ސަބަބުން މުސްތަގްބަލްގައި ޔޫރަޕްގައި ނަސްލީ އަރާރުންތަކެއް އުފެދިދާނެކަމުގެ ބިރު ވަރަށް ބޮޑުކަމަށް ކަމާބެހޭ ތަޖުރިބަކާރުން އިންޒާރު ދެއްވައެވެ.

ޔޫރަޕަށް ކުރިމަތިވެފައިވާ މިމައްސަލަ ދިރާސާ ކުރައްވާ ރިސާޗަރެއް ކަމަށްވާ ޖޯން ޖޯންސަން ލުވިސް ވިދާޅުވާގޮތުގައި ޔޫރަޕްގައި ޒަމާނުއްސުރެ އޮތް ދެޖިންސުގެ ތަބީއީ ޒަވާޖީ ހަޔާތް އެންމެ ފުރަތަމަ ފުނޑާލީ ޔޫރަޕްގައި އުފެދުނު ފަލްސަފާ އެއްކަމަށްވާ ފެމިނިޒަމްގެ ފަލްސަފާއެވެ.

ފެމިނިޒަމްގެ ފަލްސަފާ ބިނާވެފައިވަނީ އަންހެނުން ފިރިހެނުންގެ ގޮތުގައި ހެދުމުގެ މައްޗަށްކަމަށާއި ފިރިހެނަކާ ކައިވެނި ކުރުމަކީވެސް ފިރިހެނެއްގެ ދަށުގައިވުން ކަމަށް ފެމިނިޒަމްއަށް ތަބާވި މީހުން ދައުވާ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. ދެޖިންސުގެ މެދުގައި އިންސާފާއި ހަމަހަމަކަން ގާއިމްކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށާއި ނަމަވެސް ފެމިނިޒަމް އަކީ މުޅިން ތަފާތު ފަލްސަފާއެއްކަން އޭނާ ފާހަގަ ކުރައްވައެވެ. ދެޖިންސުގެ މެދުގައި އިންސާފާއި ހަމަހަމަކަން ގާއިމްކުރުމަކީ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އެއީ ޔޫރަޕްގައި އުފެއްދި ފެމިނިޒަމް އެއް ނޫނެވެ.

ނަމަވެސް ފެމިނިޒަމްއަށް ތަބާވި އަންހެނުންގެ ހަޔާތް ވަނީ ބަނަވެ ވީރާނާވެ ހަލާކުވެ އެކަނިވެރިވެފައި ކަމަށް އެފަލްސަފާއަށް ތަބާވި ގިނަ އަންހެނުން މިއަދު ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ފެމިނިޒަމްއަށް ތަބާވި އަންހެނުންވަނީ ފިރިއަކުނެތި ދަރިއަކުނެތި އާއިލާއެއްނެތި ބިކަވެފައިކަމަށާއި އެ މަފްހޫމަށް ތަބާވެވުމަކީ އެމީހުންގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސްކަމަށް އެމީހުން މިއަދު ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ. ފެމިނިޒަމްގެ ޝިކާރައަކަށްވި މީހުން އަމިއްލައަށްވެސް ވަނީ މިވާހަކަތައް އެމީހުންގެ ބްލޮގްތަކުގައި ދައްކާފައެވެ. ދެޖިންސްގެ ދެމެދުގައި އަދުލުވެރިކަމާއި އިންސާފު ގާއިމް ކުރުމަކީ ފެމިނިޒަމެއް ނޫނެވެ.

ސްރީލަންކާގެ ބައެއް ލިޔުންތެރިންވަނީ ޔޫރަޕަށް ވީގޮތް ނުވަނީސް ޖެންޑާ އީކުއަލިޓީގެ ބިލް ސްޕްރީމް ކޯޓުން ހުއްޓުވި ކަމަށްޓަކައި މަރުހަބާ ކިޔާފައެވެ. އެމީހުން ލިޔެފައިވާގޮތުގައި އެބިލް ހުއްޓުވަން ސްރީލަންކާގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ނިންމި ނިންމުކީ ވަރަށް ރަނގަޅު ނިންމުމެކެވެ.

ގައުމުގެ އާދަކަދައާއި ދީނުގެ އުސޫލުތައް ހިފެހެއްޓުމަށާއި ޖެންޑާ ހުއްދަކޮށްގެން ޔޫރަޕުން މިއަދު ކުރަންޖެހިފައިވާ ހިތި ތަޖުރިބާއަށް ރިއާޔަތްކޮށް ގައުމުގައި ފިތުރަތީ އަދި ތަބީއީ އާއިލީ ނިޒާމު ސަލާމަތް ކުރުމަށް ނިންމި މުހިއްމު ނިންމުމެކެވެ.

ނަމަވެސް ސްރީލަންކާގެ ޕާލަމެންޓްގެ ލެބަރަލް ފިކުރުމުގެ ބައެއް މެންބަރުންގެ ނަޒަރުގައި ޖެންޑާ އީކުއަލިޓީ ބިލަކީ ޖިންސީ ތަފާތުކުރުމާއި ވަކި ޖިންސަކަށް ވީތީ އަނިޔާވެރިވުން ފަދަ އަމަލުތައް ހުއްޓުވުމުގެ މަގުސަދުގައި ހުށަހެޅި ބިލެކެވެ. އެއީ ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ ލަންކާގެ އާދަކާދަ އާއި ސަގާފަތާއި ވިސްނުމާ ފުށުއަރާ ބިލެއްކަމަކަށް އެބޭފުޅުން ގަބޫލެއް ނުކުރައްވައެވެ.

މިއާ ޚިލާފަށް މިބިލް ހުއްޓުވި ސްރީލަންކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޕަދްމަން ސުރަސޭނާގެ ރައުޔުގައި ވަނީ މިބިލް ގާނޫނަކަށް ވެއްޖެނަމަ ސްރީލަންކާގައި އެއްޖިންސުން ކައިވެނިކުރުމުގެ ފުރުސަތު މުސްތަގްބަލުގައި ފަހިވެގެން ދާނެއެވެ.

މިއީ ސްރީލަންކާގެ އަޣްލަބިއްޔަތު އޮންނަ ބުޑިސްޓުންގެ އާދަކާދަ އާއި ސަގާފަތާއި ވިސްނުމާ މުޅިން ޚިލާފު ބިލެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. މި ބިލް ހުއްޓުވި އަނެއް ދެ ފަނޑިޔާރުންވެސް ވަނީ ފަނޑިޔާރު ޕަދްމަން ސުރަސޭނާގެ ރައުޔަށް ތާއީދުކުރައްވާފައެވެ.

އެ ދެ ފަނޑިޔާރުންގެ ނަޒަރުގައިވެސް މިބިލަކީ ސްރީލަންކާގެ އާދަކާދައާ ޚިލާފު ބިލެކެވެ. އާދަކާދައިގެ އިތުރުން ގާނޫނުއަސާސީގެ ރޫހާއި ފިތުރަތުގައި އޮންނަ އާއިލީ ނިޒާމުވެސް މުސްތަގްބަލްގައި ރޫޅިގެން ދިޔުމުގެ ފުރުސަތު އޮތް ޚިލާފު ބިލެކެވެ.

ސްރީލަންކާގެ ސްޕްރީމް ކޯޓުން މިގޮތަށް ނިންމުމުން އެގައުމުގެ ރައީސް ރަނިލް ވިކްރެމަސިންހާ ވަނީ ކޯޓުގެ ނިންމުމާ ޚިލާފުނުވާގޮތަށް ބިލް އަލުން އިސްލާހުކުރުމަށް ޕާލަމެންޓްގައި ޚާއްސަ ކޮމިޓީއެއް އެކުލަވައިލުމަށް ގޮވާލައްވާފައެވެ. އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނި ކުރުންފަދަ ތިންވަނަ ޖިންސު ނުވަތަ ޖެންޑާގެ މަފްހޫމުތައް ހުއްދަނުވާގޮތަށް އަދި ބުޑިސްޓުންގެ އާދަކާދައާއި ފިތުރަތުގައި އޮންނަ ތަބީއީ އާއިލީ ނިޒާމު ހަލާކުނުވާގޮތަށް މިބިލް އިސްލާހުކުރުން މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް