މިދިޔަ 27 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެއް ދުވަހުގެ ކްރިކެޓް ސީރީޒްއެއްގައި ސްރީލަންކާ އަތުން އިންޑިއާ ބަލިވެއްޖެއެވެ.
ސްރީލަންކާއަށް މިހާރު ކުރަމުން އަންނަ ދަތުރުގައި އިންޑިއާގެ ކްރިކެޓް ޓީމުން ވަނީ ސްރީލަންކާއާ އެކު ކުޅުނު އެއް ދުވަހުގެ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން އެއްވަރުވެ، ފަހު ދެ މެޗުން ބަލިވެފައެވެ.
ދެ ޓީމުގެ މެދުގައި އިއްޔެ ކުޅުނު ފަހު މެޗު ސްރީލަންކާއިން ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ބޮޑު ތަފާތަކުން 110 ލަނޑުންނެވެ.
މެޗުގައި ސްރީލަންކާއަށް ޓޮސް ދިމާވުމުން ނިންމީ އެންމެ ފުރަތަމަ ކުޅެން އަރާށެވެ. މި ގޮތުން، އެ ޓީމުން އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 248 ލަނޑު ހެދިއެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 96 ލަނޑު ހަދައިދިން އަވިޝްކާ ފެނާންޑޯއެވެ. އަދި، ކުސާލް މެންޑިސްވަނީ 59 ލަނޑު ހަދަައިދީފައެވެ.
މި އީނިންގްސްގައި އިންޑިއާ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ ނުވަ އޯވަރު 54 ލަނޑަށް ތިން ވިކެޓް ނަގައިދިން ރިޔާން ޕަރަގްއެވެ. ސްރީލަންކާގެ ފުރަތަމަ ވިކެޓް 171 ލަނޑު ހަދާފައިވަނިކޮށް ގެއްލުނުއިރު ޖެހިގެން އައި ފަސް ވިކެޓް ގެއްލިފައިވަނީ 28 ލަނޑަށެވެ.
ޖަވާބުގައި އިންޑިއާއިން ކުޅެން އަރާ 26 އޯވަރު އެއް ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 138 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 35 ލަނޑު ހަދައިދިން ކެޕްޓަން ރޯހިތު ޝަރުމާއެވެ. ސްރީލަންކާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ފަސް އޯވަރު އެއް ބޯޅަ 27 ލަނޑަށް ފަސް ވިކެޓް ނަގައިދިން ޑިނިތު ވެލަލަގެއެވެ.
އިންޑިއާއިން އެންމެ ފަހުން އެއް ދުވަހުގެ ސީރީޒްއެއްގައި ސްރީލަންކާ އަތުން ބަލިވެފައިވަނީ 1997 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ. އެހެންކަމުން 27 އަހަރު ފަހުން އަނެއްކާ ވެސް އޯގަސްޓް މަސް ތެރޭގައި އިންޑިއާ މިވަނީ ސްރީލަންކާ އަތުން ބަލިވެފައެވެ.
ނަމަވެސް، އެ ފަހަރު ސްރީލަންކާ އަތުން ބަލިވި ފަހުން އެ ޓީމު ދެން ކުޅުނު 13 ސީރީޒްއިން ބަލިވެފައެއް ނުވެއެވެ. އެއީ، 11 ސީރީޒްއިން މޮޅުވެ ދެ ސީރީޒް އެއްވަރުވެގެންނެވެ.
އިންޑިއާއިން ސްރީލަންކާއަށް ކުރަމުންދާ ދަތުރުގައި މިދިޔަ މަހު ކުޅުނު ޓީ ޓުވެންޓީ ސީރީޒްވަނީ އިންޑިއާއިން 3-0 އިން ކާމިޔާބުކޮށްފައެވެ.