ސްރީލަންކާގައި ސްޓާލިންކްގެ ޚިދުމަތް ފެށުމުގެ ހުއްދަ ދީފި

ސްޓާލިންކް ޑިޝްއެއް --- ފޮޓޯ: ގެޓީއިމޭޖްސް

ސްޓާލިންކް ލަންކާ ޕްރައިވެޓް ލިމިޓެޑަށް ސެޓެލައިޓް ބްރޯޑްބޭންޑް ޚިދުމަތް ދިނުމުގެ ލައިސަންސް، ސްރީލަންކާގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން (ޓީއާރުސީއެސްއެލް)އިން ދީފިއެވެ.

މި ލައިސަންސް ދީފައިވަނީ ލަންކާ ޓެލެކޮމިއުނިކޭޝަންސް އެކްޓް ނަންބަރު 25 ގެ 17ބީ މާއްދާގެ ދަށުންނެވެ. މި ލައިސަންސްއަށް ހޯމަ ދުވަހު ވަނީ ޢަމަލުކުރަން ފަށައިފައެވެ.

މި ލައިސަންސްގެ ދަށުން ސްޓާލިންކަށް ސްރީލަންކާގައި ސެޓެލައިޓް މެދުވެރިކޮށް އިންޓަރނެޓްގެ ޚިދުމަތް ދެވޭނެއެވެ.

ސްޓާލިންކަކީ އެމެރިކާގެ މަޝްހޫރު އިންޖިނިއަރު އަދި ވިޔަފާރިވެރިޔާ އެލޮން މަސްކް އުފައްދާފައިވާ ސްޕޭސްއެކްސް ކުންފުނިން ހިންގާ ސެޓެލައިޓް އިންޓަނެޓް ޚިދުމަތެކެވެ. މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް އަވަސް އަދި އަގުހެޔޮ އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމެވެ. ޚާއްޞަކޮށް ދުރު އަދި އާބާދީ މަދު ސަރަޙައްދުތަކަށް މި ޚިދުމަތް އަމާޒުކުރެވިފައިވެއެވެ.

ސްޓާލިންކްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަނީ ބިމާ ކައިރިން ޖައްވުގައި ދުއްވާ ކުދި ސެޓެލައިޓްތަކެކެވެ. މި ސެޓެލައިޓްތައް ބޭނުންކޮށްގެން ބިމުގައި ހުންނަ ޑިޝް އެންޓެނާއަކާ ގުޅައިގެން އިންޓަނެޓްގެ ޚިދުމަތް ލިބިގަނެވެއެވެ.

މިހާތަނަށް ސްޓާލިންކުން ވަނީ 4،000 އަށްވުރެ ގިނަ ސެޓެލައިޓް ޖައްވަށް ފޮނުވާފައެވެ. އަދި މުސްތަޤްބަލުގައި 42،000 އަށްވުރެ ގިނަ ސެޓެލައިޓް ބޭނުންކުރުމަށް ވަނީ ރޭވިފައެވެ.

ސްޓާލިންކްގެ ޚިދުމަތް މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ލިބެން ހުރިއިރު، މިހާރުވެސް އިތުރު ގައުމުތަކުގައި މި ޚިދުމަތް ތަޢާރަފުކުރުމަށް ހުއްދަ ދެމުންދެއެވެ. ނަމަވެސް، ބައެއް ގައުމުތަކުން ސްޓާލިންކްގެ ޚިދުމަތް ތަޢާރަފުކުރުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މީގެ ތެރޭގައި ޗައިނާ ފަދަ ބޮޑެތި ޤައުމުތައް ހިމެނެއެވެ.

comment ކޮމެންޓް