އަންނަ މަހު 21 ގައި ބާއްވާ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި، ރައީސް ކަމަށް 39 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށް އެ ގައުމުގެ އިންތިޚާބާބެހޭ މަރުކަޒުން ހާމަކޮށްފިއެވެ.
ރެކޯޑް އަދަދެއްގެ ކެންޑިޑޭޓުން، ރައީސް ކަމަށް ވާދަކުރައްވާއިރު، އޭގެ ތެރޭގައި މިހާރުގެ ރައީސް ރަނިލް ވިކްރެމަސިންހާ ވެސް ހިމެނެއެވެ.
އުމުރުން 75 އަހަރުގެ ވިކްރަމަސިންހަ 2022 ވަނަ އަހަރު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވިއިރު، އޭނާ ވަނީ 2048 ވަނަ އަހަރުގެ ނިޔަލަށް ސްރީ ލަންކާއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އިގްތިސާދީ ދަތިކަމުގެ ތެރެއިން ގިނަ އިސްލާހުތަކެއް އެކަށައަޅުއްވައިފައެވެ.
އިންތިޚާބުގައި ރައީސް ރަނިލްއާ އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވެނީ މަޖިލީހުގައި އެންމެ ގިނަ ދާއިރާ ތަމްސީލު ކުރަމުންދާ ސްރީލަންކާ ޕުދުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މަހިންދްރާ ރާޖަޕަކްސާގެ ދަރިފުޅު، ނާމަލް ރާޖަޕަކްޝައާއި، އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާއި، އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރަ ކުމާރަ ދިސާނަޔަކަ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ޖުލައި 2022 ގައި ރަނިލް ލަންކާގެ ރައީސް ކަމަށް ހަމަޖެއްސީ ގާނޫނު ހަދާ މަޖިލީހުންނެވެ. އެއީ އޭރު ވެރިކަމުގައި ހުންނެވި ގޮޓާބެ ރާޖަޕަކްސަ، އިގްތިސާދީ މައްސަލަތަކާ ހެދި އެ ގައުމުގައި އުފެދުނު ބޮޑު ހަމަނުޖެހުމުގައި އިސްތިއުފާ ދެއްވުމުންނެވެ.
ސްރީ ލަންކާގެ ރައީސް ކަމަށް ވާދަކުރައްވާ އުމުރުން 38 އަހަރުގެ ނަމަލް އަކީ އެ މަގާމަށް ވާދަކުރައްވާ އެންމެ ހަގު ކެންޑިޑޭޓެވެ.
ސްރީ ލަންކާގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށްޓަކައި، ތަންފީޒުކުރާނެ ކަންކަމާއި ސިޔާސަތުތައް ބައްޓަން ވާނީ އިންތިޚާބު ކާމިޔާބު ކެންޑިޑޭޓު ޔަގީން ވުމުން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެ ގައުމުގެ އިގްތިސާދު އިނދަޖެހި، ގައުމު ބަގުރޫޓުވީ 2022 ވަނަ އަހަރު ތެރޭގައެވެ.
ދެހާސް ބާވީސް ވަނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ސްރީ ލަންކާގެ ބޭރުގެ ދަރަނި 34.8 ބިލިއަން ޑޮލަރަށް އުފުލިފައިވެއެވެ. އޭގެ ތެރެއިން 10 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ޖަޕާނާއި ޗައިނާގެ އިތުރުން އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިތުރު 12.5 ބިލިޔަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސްރީލަންކާއިން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.