ކޮލަމް: ހުޅުއެޅުމަކީ އީދުކުޅިވަރެއް ނޫނެވެ.

އަޟްހާ އީދު ފާގަކުރުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

ދިވެހިން ބޮޑު އީދުގެ އުފާ ލިބިގަންނަމުން އަންނަތާ ހާސް އަހަރުވާން ކައިރިވަނީއެވެ. އިންޑިޔާގެ އެކި ހިސާބުތަކުގައި ހިންދީން އެކި ނަންނަމުގައި ފާހަގަކުރާ އެކި ޒާތުގެ އީދުތައް މިރާއްޖޭގައިވެސް ފާހަގަކުރަމުން އައިސް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބިގަތުމަށްފަހު ކުރިން ދެންނެވި އައިރު ދީންތަކުގެ ކުޅިވަރު ހުއްޓާލައި ދިވެހިން ފާހަގަކުރާ އީދުތަކަކީ އެންމެހައި އިސްލާމުންވެސް ފާހަގަކުރާ އީދު ދުވަސްތައް ކަމުގައި ހަމަޖެހުނީ މީގެ 871 އަހަރު ކުރިން މީލާދީން 1153 ގައެވެ. އެއީ ރާއްޖެ އިސްލާމްވި އަހަރެވެ. އެހިސާބުން ދެން ދިވެހިން ފާހަގަކުރާ އީދަކީ ކުޑަ އީދާއި ބޮޑު އީދެވެ. ކުޑަ އީދަކީ ރޯމަމަސް ނިމުމާއެކު އަންނަ އީދެވެ. އެ އީދަށް މާރޯދަ އީދޭވެސް ކިޔައެވެ. ރަސްމީ ނަމަކީ ފިތުރުއީދެވެ. ބޮޑުއީދަށް ދިހަރޯދަ އީދޭވެސް ކިޔައެވެ. އެއީ ހައްޖުގެ އަޅުކަމާ ވިދިގެން އަންނަ އީދެވެ. އަޟުހާއީދެވެ. އިސްލާމީ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ދިވެހިންގެވެސް އެންމެ ބޮޑު އީދަކީ މިދެންނެވި އީދެވެ. އާއްމުގޮތެެއްގައި ބޮޑުއީދޭ ކިޔަނީ އެހެންވެގެންނެވެ.

އެންމެ ކުރީއްސުރެ ދިވެހިން ބޮޑުއީދުގެ އުފާ ފާޅުކުރަމުން އައީ ސަގާފީ އެކި ކުޅިވަރުތަކާއެކުގައެވެ. މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައެވެ. އެއީ ވެރިކަމުގެ ފަރާތުންވެސް ވަރަށް ބޮޑަށް ތަރުހީބު ދެމުން ބައިވެރިވަމުން އައި ކަމެކެވެ. ބޮޑުއީދާ ގުޅުވައިގެން ބަންދު ތިން ދުވަސް ހަމަޖެއްސުމަކީ ވަރަށް ކުރީއްސުރެ ދައުލަތުގެ ވެރިން ކުރައްވަމުން ގެންދެވި ކަމެކެވެ. އައުކަމެއް ނޫނެވެ. މިދެންނެވި ބީދައިން ސަގާފީ އެކި ކުޅިވަރުތައް ކުޅޭއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކުޅިވަރުތައް ކުޅޭގޮތް ތަފާތެވެ. މާލިހެދުމާއި ކޯޑިކެނޑުމާއި ނައުދުއްވުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެންމެން އެއްގޮތަކަށް ކުރިކަމެެއް ނޫނެވެ. މިދެންނެވި ޒާތުގެ ކުޅިވަރުތައް ރާއްޖޭގެ އެންމެ ދެކުނުގައި އެގޮތަށް ނުވެސް ކުޅެއެވެ. މާލިހެދުމާއި ކޯޑިކެނޑުންފަދަ ކަންކަން ރާއްޖޭގެ އެންމެ ދެކުނުގެ މީހުން ނުވެސް ދަނެއެވެ. އެކަން ތައާރަފުވީ ދާދި އިހަކަށް ދުވަހުއެވެ. މާފަހުންނެވެ. ކުލަޖެހުމާއި ފެންޖެހުމަކީވެސް ދެކުނުގައި ކުރިން އޮތްކަމެއް ނޫނެވެ. އެކަންވެސް ތައާރަފުވީ މާފަހަކުންނެވެ.

ފެންކުޅިއަކީ އީދާ ގުޅުވައިގެން ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި ވަރަށް ކުރީއްސުރެ ކުރަމުން އައި ކަމެކެވެ. މިއީ ސަގާފީ ކުޅިވަރަކަށްވުރެ ބޮޑަށް ވައްތަރީ ބޭރުން ތައާރަފުވި ކަމަކާއެވެ. ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި އެއީ އެކި އިހުތިފާލުތަކާ ގުޅުވައިގެން ކުރާ ކަމެކެވެ. ނޭނގެނީ ރާއްޖެއަށް ފެންކުޅި ތައާރަފުވީ ހިސާބެކެވެ. އެކަމަކު ބޮޑުއީދާ ގުޅުވައިގެން މިހާރު އާއްމުވެފައިވާ ކުލަޖެހުމުގެ ކުޅިވަރަކީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން ވަރަށް ފަހަކުން ތައާރަފުވެފައިވާ ކަމެކެވެ. ގަބޫލުކުރެވޭ ގޮތުން މިއީ އިންޑިޔާގެ އަސަރެވެ. އިންޑިޔާގެ ސަގާފަތުގެ އަސަރެވެ. ހިންދޫންގެ ހޯލީ އީދާ ގުޅުވައިގެން އެވެރިންގެ ތެރޭގައި އޮންނަ ކުލަޖެހުން މާރީތި ކަމަކަށްވެގެން ބައެއް ދިވެހިން އެކަންތައް ފެށީއެވެ. ބަލަންތިބެފައި މިވެސް ދިވެހީންގެ ސަގާފީ ކަމެކޭ ހިތައި އަނެއް ބަޔަކު ނަކަލުކުރީއެވެ. މިހާރު ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށްވެސް ކުލަޖެހުމުގެ މިކަންތައް ވަނީ ތައާރަފުވެފައެވެ.

ކަމެއް ތައާރަފުވީމާ އެކަމެއްގެ އަސްލަކީ ކޮބައިތޯ ބެލުމެއް ނޯވެއެވެ. އެކަން އޮންނަނީ އާދަކާދައިގެ ތެރެއަށް ވަދެފައެވެ. ދެން އަހަރުތަކެއްވީމާ އުމުރުން ދުވަސްވެފައިތިބޭ މީހުން ބުނާނެއެވެ. އަހަރެމެން ކުޑައިރު އީދު ކުޅިވަރުގެ ތެރޭގައި ކުލަޖެހުންވެސް އޮވެއެވެ. އެކަންކުރަނީ އެވެނިހެން މިވެނިހެންނެވެ. މިދެންނެވި ބީދައިން އީދު ކުޅިވަރު ކަމުގައި އެއްވެސް ދުވަސްވަރެއްގައި ހިމެނިފައިނުވާ ކަންކަންވެސް މިފަހަކަށް އައިސް އަލުން ބަލުން އީދު ކުޅިވަރުކަމުގައި ބައެއް މީހުން ހަދައިފިއެވެ. އެއީ ހުޅުޖެހުމެވެ. އަލިފާންކުޅިއެވެ. މިކަން މިފަހަރުގެ ބޮޑު އީދުގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުން ވަނީ ފެނިފައެވެ. އަދި އީދު ކުޅިވަރާމެދު އެކި ރަށްރަށުގެ އިސްރަށްވެހިން ޓީވީއާއި ރޭޑިއޯއަށް މައުލޫމާތު ދޭއިރު އެވެރިން ކުޑައިރު އަލިފާންކުޅި ކުޅުނުގޮތާ މެދުވެސް ވާހަކަ ދައްކާތީ އިވުނެއެވެ. ކޮންމެވެސް ދުވަސްވަރެއްގެ ކޮންމެވެސް ދުރު ހަނދާނަކަށް ރިއާޔަތްކޮށްފައެވެ.

ތެދެކެވެ. އިހުގެ ދިވެހީން ހުޅުއަޅައި އުޅުނެވެ. ހަމަ ހުރިހައި ރަށެއްގައެވެ. އެއީ އީދާ ގުޅުވައިގެން ކުޅުނު އަލިފާން ކުޅިއެއް ނޫނެވެ. ރާއްޖެ އިސްލާމްވުމަށް ފަހު ފާއިތުވެގެންދިޔަ 871 އަހަރުގެ ތެރޭގައި ދިވެހިން އަލިފާނުގެ ކުޅިވަރެއް ނުކުޅެއެވެ. އަލިފާން އަންދައި އޭގެވަށައިގެން ދުވެ، ފުމެ، ނަށައި އުފާފާޅުކޮށެއް ނޫޅެއެވެ. އެޒާތަށް އަލިފާނުގެ ކުޅިވަރު ކުޅުނު ބަޔަކީ އަލިފާނަށް އަޅުކަންކުރާ މީހުންނެވެ. އެކަހަލަ ސަގާފަތެއް އެއްވެސް ޒަމާނެއްގައި ދިވެހިންގެ ތެރެއަކު ނެތެވެ. ދިވެހިން ހުޅުއަޅައި އުޅުނީ ރޯދަމަހަށް ހަނދު ފެނުމުންނާއި ޝައްވާލު މަހުގެ ހަނދު ފެނުމުންނެވެ. އެކަން ކޮށްއުޅުނީ ކައިރި ރަށްރަށަށް އެންގުމުގެ ގޮތުންނެވެ. ކުރީޒަމާނުގައި މުވާސަލާތުގެ އެއްވެސް ވަސީލަތެއް ނެތުމާއެކު ހަނދު ފެނިއްޖެކަން ކައިރި ރަށްރަށަށް އެންގުމަށްޓަކައި ފަސޭހައިން ފެންނާނެ ދިމާލެއްގެ އަތިރިމަތީގައި ހުޅުއަޅައެވެ. ހަނދުގެ ޚަބަރު ދިނުމަށެވެ. ކުޅިވަރު ކުޅޭކަށެއް ނޫނެވެ.

ރާއްޖޭގެ ތާރީޚުގައި ހުޅަކީ ނުރައްކާތެރި އެއްޗެކެވެ. މީގެ މިސާލަކީ މަޝްހޫރު ބޮޑުހުޅެވެ. ރަށުތެރޭގައި ހުޅުޖެހުމަކީ އެކިދުވަސްވަރު ގަސްދުގައި ގެއްލުން ދޭން ރާވައިގެން ކުރިކަމެކެވެ. އެވެސް ކުޅިވަރަކަށް ކުރިކަމެއް ނޫނެވެ. އަމްދުން އީދާ ގުޅުވައިގެން ކުރިކަމެއް ނޫނެވެ. ރޯދަ މަހަށް ހަނދު ފެނުމުން އަދި ޝައްވާލު މަހަށް ހަނދު ފެނުމުން އެއްރަށުން އަނެއް ރަށަށް ދޭ ސިގްނަލެއްގެ ގޮތުގައި ރޯކުރި އަލިފާން މިއަދު ބޮޑުއީދުގެ ކުޅިވަރަކަށްވީ ކިހިނެއްތޯ ސުވާލު އުފެދެއެވެ. ހަނދުގެ ޚަބަރުދޭން ހުޅުއެޅި ޒަމާންދުށް ވަރަށް މަދު ބަޔަކު އަދިވެސް ތިބެދާނެއެވެ. އެކަންކުރީ ނާސިރުގެ ދައުރުގައި އެންމެ ފުރަތަމަ ހުރިހާ ރަށަކަށް ވޯކީޓޯކީ ތައާރަފުވުމުގެ ކުރިންނެވެ. ވޯކީޓޯކީ ތައާރަފުވީމާ ހުޅުއެޅުން އޮތީ ނިމިފައެވެ. އެ މަންޒަރު ދުށް ނުވަތަ އެ ތަޖުރިބާކުރި މީހުން ކުރެން އެވާހަކަ އަހައިގެން އެވެސް އީދުކުޅިވަރެކޭ ބަޔަކު މީހުން ހީކުރީކަމަށް ވެދާނެއެވެ. ކުރީޒަމާނުގައި ކުރި ހަމަކޮންމެ ކަމަކީ އީދުކުޅިވަރެކޭ ހީކުރަނީކަމަށްވެސް ވެދާނެއެވެ. މިޒާތުގެ ކަންކަންކުރީމާ ބަލަންތިބޭ ބޭރުމީހުން ހިތަށްއަރާނެއެވެ. ކޮންކަހަލަ ސަގާފަތެއްގެ އަހުލުވެރިންތަކެއް ބާވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް