ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަނެއްކާ ވެސް ރޯކޮށްލައިފި

ހދ. ނޮޅިވަރަމްގައި ފުޓްސެލް ކުޅެމުން އަންނަ ޓާފް ދަނޑުގައި އެރަށުގެ ބަޔަކު ގަސްތުގައި ރޯކޮށްލާފައި --- ފޮޓޯ/ ނޮޅިވަރަމް

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަނެއްކާ ވެސް ރޭ ރޯކޮށްލައިފިއެވެ.

އެ ރަށުު ފުޓްސަލް ދަނޑުގައި ރޭ ރޯކޮށްލާފައިވަނީ ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނަނިކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް އެ ރަށު ފުޓްސަލް ދަނޑުގައި އަޅަން ގެނައި ޓާފުތަކުގައި ދެ ފަހަރެއްގެ މަތިން ރޯކޮށްލިއެވެ.

އެ ރަށު ހުވާސް ޖަމިއްޔާއިން މިއަދު 'ސަން'އަށް ބުނީ، ދަނޑުގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމަށެވެ.

އެގޮތުން، އެ ސަރަހައްދުން އަލިފާން ރޯކުރަން ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި، ރަބަރު ޓާފުގައި ހަމަ ހުރެފައި އަލިފާން ރޯވެދާނެ ކަމަށް ގަބޫލުކުރަން އުނދަގޫ ކަމަށާއި މިއީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

https://sun.mv/174034

މި ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބުނީ، ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯވިކަމުގެ މައުލޫމާތު ރޭ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އެހެންވެ، މައްސަލައާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެއެވެ. އަދި، ރޯވީ ކަމެއް ނުވަތަ ރޯކޮށްލީ ކަމެއް ވެސް ބުނަން އެނގޭނީ ތަހުގީގު ނިމުމުން ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު، ހުވާސް ޖަމިއްޔާއިން ވަނީ ފުޓްސަލް ދަނޑުގެ ދެ ކޮޅަށް ތެޔޮ އަޅައިގެން އެ ތަނުގައި ރޯކޮށްލީ ކަމަށް ތުހުމަތުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ، ދަނޑުގައި ރޯކޮށްލަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ރަށު ފުޓުބޯޅަ ދަނޑުގައި ޓާފު އަޅަން ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި ގެންގޮސްފައި ހުރި ޓާފުތަކުގައި ވެސް ދެ ފަހަރެއްގެ މަތިން އަލިފާން ރޯކޮށްލާފައިވެއެވެ.

comment ކޮމެންޓް