ނޮޅިވަރަމް ދަނޑުގައި އަޅަން ބަހައްޓާފައިހުރި ޓާފުތަކެއްގައި އަނެއްކާވެސް ރޯކޮށްލައިފި

ނޮޅިވަރަމް ޓާފް ދަނޑުގެ މަސައްކަތަށް ގެނެސްފައި ހުރި ޓާފުތަކުގައި އަލިފާން ރޯކޮށްލައިފައި --

ހދ. ނޮޅިވަރަމުގައި ޓާފު ދަނޑެއް ހެދުމަށް ބަހައްޓާފައި ހުރި ޓާފުތަކެއްގައި އަނެއްކާވެސް ރޯކޮށްލައިފިއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެސް ވަނީ އެ ރަށުގައި ޓާފު ދަނޑެއް ހެދުމަށް ބަހައްޓާފައި ހުރި ޓާފުތަކެއްގައި ރޯކޮށްލައިފައެވެ. އަދި އޭރު ރޯކޮށްލާފައިވަނީ ޓާފުއަޅަން ތިން ދުވަހަށް ވެފައިވަނިކޮށެވެ.

އޭގެ ފަހުން މިއަދު އަނެއްކާވެސް ޓާފުތަކެއްގައި ރޯކޮށްލާފައި ވަނީ މިއަދު މެންދުރުފަހު 15:33ހާއިރުއެވެ.

އެކަމާ ގުޅިގެން ނޮޅިވަރަމު ކައުންސިލުގެ ރައީސް ޔޫސުފް މޫސާ މިއަދު "ސަން"އަށް ވިދާޅުވީ މިފަހަރު ޖުމުލަ 12 ޓާފު ރޯލެއްގައި ރޯކޮށްލާފައިވާ ކަމަށެވެ. އަދި ދެ ފަހަރު މަތިން ވެސް އެ ޓާފުތަކުގައި ބަޔަކު ރޯ ކޮށްލީ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިތުރަށް ކީކޭ ބުނާނި. ކޮންބަޔަކު ކަމެއް ނޭނގެ މިކަން ކުރަނީއެއް. އަދި ކުރާ ސަބަބެއް ވެސް ނޭނގެ. ނަމަވެސް ގަބޫލުކުރެވެނީ ހަމަ ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޔޫސުފް ވިދާޅުވިގޮތުގައި ޓާފުތަކުގައި ރޯކޮށްލި މައުލޫމާތު ލިބުނު ހިސާބުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދިވެސް އެއްކޮށް ނިއްވާ ނުލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މޫދުން ނަގައިގެން މި ނިއްވަން ޖެހެނީ އަލިފާން. އެހެންވެ ލަސްވަނީ. އެކަމަކު މިހާރު ދެބައިކުޅަ އެއްބައި ނިއްވާލެވިއްޖެ. ވަރަށް ކުޑަ ތަންކޮޅެއް އިނީ މިހާރު އަލިފާން ނިއްވާ ނުލެވޭ،" އޭނާ ވިދާޅުވިއެވެ.

ޓާފުތަކުގައި ރޯވެފައިވާ އަލިފާން ނިއްވާލުވުމުގައި ހަރަކާތްތެރިވަނީ ފުލުހުންނާއި ފެނަކައިގެ މުވައްޒަފުންތަކަކާއި ކައުންސިލް އިދާރާގެ މުވައްޒަފުން ކަަމަށް އޭނާ ވިދާޅުވިއެވެ.

ޔޫސުފް ވިދާޅުވީ އެ ރަށުގައި ޓާފު ދަނޑުއެޅުން ލަސްވާތީ ވަރަށް ގިނަ މީހުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި އެ ދަނޑުގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ޔޫތު މިނިސްޓްރީގައި ކައުންސިލުން އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އެ ރަށުގައި ގާއިމުކުރާ ޓާފު ދަނޑުގައި އަޅަން ހުރި ޓާފުތަކުގައި ރޯކޮށްލުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނޮޅިވަރަމް ޓާފު ދަނޑު ތަރައްގީކުރުމަށް މަސައްކަތް ފަށަން އެންމެ ފުރަތަމަ ނިންމީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރެއެވެ. ނަމަވެސް މަސައްކަތް ފެށުނީ އޭގެ އަހަރެއްހާ ދުވަސް ފަހުން 2020ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ނިންމަން ލަފާކޮށްފައި އޮތީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް