ދަރުބާރުގެ ކައިރީ ހިންގި މާރާމާރީ: ހަތަރު މީހުން ތަހުގީގު ނިމެންދެން ބަންދަށް

މާލޭގެ މަގެއް މަތީގައި ފުލުހުން: މާލޭގެ ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ވަނީ ޖަހާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ތަހުގީގު ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މާލޭ އަމީނީ މަގުން ދަރުބާރުގެ ކައިރީ މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ރޭ 22:30 އެހާކަންހާއިރެވެ. އެ ހާދިސާގައި އެކަކު ވަނީ ޒަޚަމުކޮށްލައިފައެވެ. އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ސެނަހިޔާ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ރޭ ދެ މީހަކު ހައްޔަރުކޮށް، އިތުރު ދެ މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް މިއަދު ފުލުހުން ބުންޏެވެ.

އެއީ ދިވެހި ފިރިހެނުންކަން ހާމަކުރުމުގެ އިތުރަށް ފުލުހުން އެ މީހުންނާއި އެ މާރާމާރީއާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައި ވަނިކޮށް މާލެ އާއި ހުޅުމާލޭގައި މިއަދު ދެ މާރާމާރީއެއް ވަނީ ހިންގައިފައެވެ.

އޭގެ ތެރެއިން ފުރަތަމަ މާރާމާރީގެ ރިޕޯޓް ލިބުނީ 4:07ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތްކުރި ކަމަށާއި އެ މީހާ ހުއްޓުވަން މަސައްކަތްކުރި ފުލުސް މީހާ ގައިގައި ކާރުން ޖައްސާފައި ކާރުގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން އެކަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި އަނިޔާވީ މީހާއާއި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މިއަދު މެންދުރު 12:45 އެހާކަންހާއިރު ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި ދެ މީހަކަށް ޒަޚަމުވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންނެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

https://sun.mv/193279

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މީހުންނަށް ޖިސްމާނީ ހަމަލާ ދިނުމުގެ 313 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް