މާލޭގައި އިތުރު މާރާމާރީތަކެއް، ދެ މީހަކަށް ފަރުވާދެނީ

ފުލުހުން: މިއަދު ވަނީ އިތުރު މާރާމާރީއެއް ހިނގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިނގާފައި އޮއްވައި މިއަދު ވެސް ހުޅުމާލެއާއި މާލޭގައި މާރާމާރީތަކެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ވެސް ވަނީ ދަރުބާރުގެ ކައިރީ މާރާމާރީއެއް ހިނގައިފައެވެ. އެ މާރާމާރީގައި އެކަކަށް ޒަޚަމުވިއިރު، އެ މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހުން ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، މިއަދު ފަތިހު 4:07 އެހާކަންހާއިރު ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީ ހިނގި ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތްކުރި ކަމަށާއި އެ މީހާ ހުއްޓުވަން މަސައްކަތްކުރި ފުލުސް މީހާ ގައިގައި ކާރުން ޖައްސާފައި ކާރުގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، ހުޅުމާލޭގައި ފަތިހު ހިނގި މާރާމާރީގައި އަނިޔާވި މީހާއާއި ކާރުން ޖެހިގެން އަނިޔާވި ފުލުސް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން، މިއަދު މެންދުރު 12:45 އެހާކަންހާއިރު ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި ދެ މީހަކަށް ޒަޚަމުވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންނެވެ.

https://sun.mv/193275

މި މާރާމާރީއާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ. އަދި، ރޭ ދަރުބާރުގެ ކައިރީގައި ހިނގި މާރާމާރީއާއި މި މާރާމާރީތަކާ ގުޅުމެއް ވާކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޭ ދަރުބާރުގެ ކައިރީގައި ހިނގި މާރާމާރީގައި ޒަޚަމުވެގެން ވެސް މީހަކު ވަނީ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ރޭގެ މާރާމާރީއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު، އެއީ ހައްތަހައި ވެސް ދިވެހި ފިރިހެނުންނެވެ. ހުޅުމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި އެކަކާ އެކު ޖުމުލަ މި ތިން މާރާމާރީއާ ގުޅިގެން މިހާތަނަށް ފަސް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި ތިން މާރާމާރީގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މީހުންނަށް ޖިސްމާނީ ހަމަލާ ދިނުމުގެ 313 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް