ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ސާވާ ހެކްކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލުން މިރޭ 'ސަން'އަށް ބުނީ، އެ ހޮސްޕިޓަލުގެ ސާވާއަށް އެކްސެސްވެގެން ސާވާ ވަނީ އިންކްރެކްޓުކޮށްފައި ކަމަށެވެ.
އެކަމުގެ ސަބަބުން ހޮސްޕިޓަލަށް އަންނަ ބަލި މީހުންގެ މައުލޫމާތުތައް މެނޭޖު ކުރުމަށް ބޭނުންކުރާ ސިސްޓަމާއި ފައިލް ސާވާ އެއްކޮށް ޑައުންވެފައި ހުރި ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ނައިފަރު: ޅ. އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކުކުރި މައްސަލައެއްގައި މާލެއިން ޚާއްސަ ޓީމެއް ނައިފަރަށް --- ފޮޓޯ: އެމްޓީސީސީ
އޭގެއިތުރުން، އެ މައްސަލަ ދިމާވެގެން އުޅޭތާ ދެތިން ދުވަހެއް ވެފައިވާ ކަމަށާއި މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސެނިކޮށް ސާވިސް ބޯޑުތަކާ ހުރިހާ އެއްޗެއްގެ ޚިދުމަތް ކެނޑުމުން ޗެކުރިއިރު ސާވާ ހެކުކޮށްފައި ހުރި ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވެއެވެ.
ނަމަވެސް، މި މައްސަލައިގައި ޝައްކު ކުރެވޭ ފަރާތެއް އަދި ފާހަގަކުރެވިފައި ނުވާކަން ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.
މި ކަމާ ގުޅިގެން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ޅ. އަތޮޅު ހޮސްޕިޓަލުގެ ސާވާ ހެކުކޮށްފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެހެންވެ، މާލޭއިން އެރަށަށް ފުލުހުންގެ ޚާއްސަ ޓީމެއް ގޮސް، ހަރަކާތްތެރި ވަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.