ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި

ފުލުހެއް މަގުމަތީގައި: ފުލުހުން ވަނީ މިރޭ އަމީނީ މަގުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް ބުނެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަޟްހާ އީދު ވިލޭރޭ މާލޭގެ ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައި، މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް 22:30ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މާރާމަރީގައި އަނިޔާވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އެ ހޮސްޕިޓަލުން އަންގައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މީހުންނަށް ޖިސްމާނީ ހަމަލާ ދިނުމުގެ 313 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

ކުށްކުރާ ގޭންގުތަކާ ގުޅުން ހުރި މާރާމާރީގެ މައްސަލަތައް އިތުރުވެފައިވާއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ރާއްޖެއަކީ ގޭންގު ހަދައިގެން ކުށް ކުރަމުންދާ ވެށްޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށްދިނުމަށް، ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

comment ކޮމެންޓް