އާންމުވެފައިވާ ގޭންގު ކުށްތަކުން ވެށި ސަލާމަތްކުރުމަށް މިނިސްޓަރު ގޮވައިލައްވައިފި

36ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު: މިނިސްޓަރު އިހުސާން ގޮވައިލެއްވީ އާންމުވެފައިވާ ގޭންގުކުށްތަކުން ވެށި ސަލާމަތްކުރުމަށް -- ފޮޓޯ/ ޕޮލިސް

ރާއްޖެއަކީ ގޭންގު ހަދައިގެން ކުށް ކުރަމުންދާ ވެށްޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށްދިނުމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންގެ ކިބައިން މިރޭ އެދިވަޑައިގެންފިއެވެ.

މިރޭ އޮތް 36ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން މާހައުލެއް ހޯދައިދިނުމަކީ އަދުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

އެގޮތުން ކުށްކުރުން މަދުކޮށް، ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތްކުރުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބު ކަމަށް އިހުސާން ވިދާޅުވިއެވެ.

އަދި އެކަން އެގޮތަށް ކުރުމަށްޓަކައި އެންމެ މުހިންމު ވާޖިބު އަދާކުރާ ބަޔަކީ ފުލުހުން ކަމަށް އިހުސާން ވިދާޅުވިއެވެ.

"ދިވެހި ސަރުކާރުން މިއަދު ފުލުހުންގެ ކިބައިން އެދޭ މުހިންމު ކަންކަން އެބަހުރި. ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކޮށްފައިވާ މުޖުތަމައުއަކަށް ހެދުމާއި، ރާއްޖެއަކީ ގޭންގު ހަދައިގެން ކުށްކުރަމުންދާ ވެއްޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމާއި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ގާނޫނީ އިމަށް ގެނައުމަކީ މީގެ ތެރެއިން އެންމެ މުހިންމު ކަންކަން،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވަނީ މިރޭ ތަމްރީނުކޮށް ފުލުހުންނާ އަލަށް ގުޅުނު އޮފިސަރުންނަށް ނަސޭހަތް ދެއްވާފައެވެ. އެގޮތުން ވެރިންގެ އިރުޝާދާ އެއްގޮތަށް ގަދައަޅާ މަސައްކަތް ކުރުމަށް އިހުސާން ވިދާޅުވިއެވެ.

"މިކަންކަން ވިޔަ ނުދިނުމަށް ދައުލަތުގެ އެތެރެއިންނާއި ބޭރުން އަދި މި ކަންކަން ކުރުމަށް ޝާމިލުވާ މީހުންގެ ފަރާތުން ރިޝްވަތު ހުށަހެޅުމާ އިންޒާރުދީ ބިރުދެއްކުމާއި ފުރައްސާރަކޮށް ތި ކުދިންގެ މަސައްކަތަށް ހުރަސްއެޅުމަށް މަސައްކަތްކުރާނެ،" އިހުސާން ވިދާޅުވިއެވެ.

"ފުލުހުންގެ އަޒުމުގަ ނުގުޑާ ތިބުމަކީ އަދި ކުރާ ހުވަޔާ އެއްގޮތަށް އަމަލުކުރމަކީ މިފަދަ ހުރަސްތަކުގެ ތެރެއިން ވެސް އަޅުގަނޑުމެންގެ މަގްސަދު ހާސިލުކުރުން،"

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ގޭންކުތަކުން މާރާމާރީއާއި އެހެނިހެން ކުށްތައް ހިންގުމަކީ މިހާރު އާންމު ކަމެކެވެ.

އެގޮތުން މާރާމާރީއާއި، މީހުން މެރުން ފަދަ ކުށްތަކުގައި މީހުން ހައްޔަރުކުރުން މިހާރު އިތުރުވެފައިވާއިރު މިފަދަ ގޭންގު ކުށްތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ޝާމިލުވާ މިންވަރު ވެސް އިތުރެވެ.

comment ކޮމެންޓް