ސްކޮޓްލަންޑުގެ ކުޅުން ދަށް، އެކަމާ ހައިރާންވި: ނާގަލްސްމަން

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ވަރުގަދަ ކުޅުންތެރިން ސްކޮޓްލަންޑު ޓީމުގައި ތިބި ނަމަވެސް، ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި އެ ކަމާ ހައިރާންވި ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ސްކޮޓްލަންޑް އަތުން ޖަރުމަނު މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ. ކުރިން ވާދަވެރިވާނެ ކަމަށް ބެލެވުނު މި މެޗުގެ ބޮޑުބައި ކޮންޓްރޯލުކޮށްގެން މޮޅަށް ކުޅެފައިވަނީ ޖަރުމަނުންނެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ނާގަލްސްމަން ބުނީ, އެފަދަ ދަށް ކުޅުމެއް ސްކޮޓްލޭންޑް ކުޅެފާނެ ކަމަށް ކުރިން ހީވެސް ނުކުރާ ކަމަށެވެ. އަދި, ބައިކޮޅަށް ގޯލެއް ވަނުމަކީ ރަނގަޅަށްވި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. އެއީ, ކަންކަން ރަނގަޅުކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ނާގަލްސްމަން ފާހަގަކުރިއެވެ.

https://sun.mv/193232

ނާގަލްސްމަން ބުނީ, މެޗުގެ ފުރަތަމަ މިނެޓުން ފަށައިގެން އެއްވެސް ވަރަކަށް ވާދަވެރިކަމެއް ނެތް ކަމަށާއި ބޮޑަށް ބެލެވޭ ގޮތުގައި އެއީ ޖަރުމަނުގެ ބޯލް ޕޮސެޝަން ފެނިފައި ސްކޮޓްލަންޑަށް ރަނގަޅަށް ގޭމުގެ ތެރެއަށް ނުވަދެވުނީ ކަމަށެވެ.

"އަހަރެން ހުރީ ވަރަށް ހައިރާންވެފައި. ކޮލިފައިން މެޗުތަކުގައި ފެނުނު ފަދަ ގޮތަކަށް ސްކޮޓްލަންޑް ޓީމު ޕްރެސް ކުރިތަނެއް މި މެޗުގަ ނުފެނުނު،" ޖަރުމަނުގެ ކޯޗު ނާގެލްސްމަން ބުންޏެވެ.

ރޭގެ މޮޅަކީ ޖަރުމަނަށް ބޮޑު މޮޅެކެވެ. އަދި، އަމިއްލަ ގައުމުގައި ޔޫރޯ ކާމިޔާބުކުރަން ކުރާ މަސައްކަތުގައި އެ ގައުމުގެ ސަޕޯޓަރުންނަށް ދިން ބޮޑު އުއްމީދެކެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ހަންގޭރީއާއި ސްވިޓްޒަލެންޑެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ ހޮނިހިރު ދުވަހު ރާއްޖެގަޑިން 18:00 ގައެވެ.

comment ކޮމެންޓް