ޖަރުމަން ވަރުގަދަ ފެށުމަކުން ފަށައި ސްކޮޓްލަންޑް ބަލިކޮށްފި

ޖަރުމަނުގެ ކައި ހާވެޓްޒް: ޔޫރޯ މުބާރާތް ޖަރުމަނުން ވަރުގަދަކޮށް ފަށައި، ފުރަތަމަ މެޗުގައި ވަނީ ފަސް ލަނޑު ޖަހާފައި --

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ސްކޮޓްލެންޑް 5-1 ގެ ނަތީޖާއަކުން ބަލިކޮށް، ޖަރުމަނުން މޮޅަކާ އެކު މުބާރާތް ފަަށައިފިއެވެ.

ޖަރުމަނުގެ މަޝްހޫރު އެލަޔަންޒް އެރީނާގައި ކުޅުނު މި މެޗުގައި ޖަރުމަނުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ގިނަ ޕާސްތަކެއް ފެނުނު މި މެޗުގައި ސްކޮޓްލެންޑު ޓީމަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މެޗުގައި ޖަރުމަނުން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗު ފަށައިގެން 10 ވަނަ މިނެޓުގައެވެ.

ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން ފޯވަޑް ފްލޮރިއަން ވާޓްޒްއެވެ. އޭނާ މި ގޯލު ޖަހާފައިވަނީ ސްކޮޓްލެންޑް ކީޕަރު އަންގުސް ގުން އަތުގައި ޖެހި، ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޖަރުމަނުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ހުނަރުވެރި ފޯވާޑު ޖަމާލް މުސިއާލާއެވެ. މިއީ ކައި ހަވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލާފައި ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ޖަރުމަނަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ މުސިއާލާއަށް ސްކޮޓްލެންޑްގެ ކްރިސްޓީ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު އޭގެ މިނެޓެއް ފަހުން ރެފްރީ ވަނީ އެއީ ޕެނަލްޓީ އޭރިއާ ބޭރުން ރޮނގު ކައިރިން ކުރި ފައުލެއް ކަމަށް ނިންމާފައެވެ.

ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ވީއޭއާރުގެ އެހީގައި ޖަރުމަނަށް އަނެއްކާ ވެސް ޕެނަލްޓީއެއް ލިބުނެވެ. މިއީ އޭރިއާ ތެރެއިން ގުންޑޮގަންއަށް ސްކޮޓްލެންޑްގެ ރަޔަން ޕޯޓިއެސް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. އެއާއެކު އޭނާއަށް ވަނީ މި އަހަރުގެ މުބާރާތުގެ ފުރަތަމަ ރަތް ކާޑު ދައްކާފައެވެ.

ޖަރުމަންގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ގުންޑޮގަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފޯވަޑް ނިކްލަސް ފުލްކްރުގްއެވެ.

ޖަރުމަނުން މޮޅަށް ކުޅެމުން ދަނިކޮށް ސްކޮޓްލެންޑުން ސުން ކަނޑުވާލީ 87 ވަނަ މިނެޓުގައެވެ. މިއީ ސްކޮޓްލެންޑް ކެޕްޓަން އެންޑްރޫ ރޮބާޓްސަން ނަގައިދިން ހިލޭ ޖެހުމަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްކޮޓް މެކެނާ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ބޮލުގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޖަރުމަނުގެ ފަސްވަނަ ލަނޑު ވަނީ ފެނިގެންގޮސްފައެވެ. މުލާ ދިން ބޯޅައަކުން ޖަރުމަނަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެމްރީ ޗޭންއެވެ.

މިއީ ޖަރުމަނަށް ބޮޑު މޮޅެކެވެ. އަދި، އަމިއްލަ ގައުމުގައި ޔޫރޯ ކާމިޔާބުކުރަން ކުރާ މަސައްކަތުގައި އެ ގައުމުގެ ސަޕޯޓަރުންނަށް ދިން ބޮޑު އުއްމީދެކެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ހަންގޭރީއާއި ސްވިޓްޒަލެންޑެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ ހޮނިހިރު ދުވަހު ރާއްޖެގަޑިން 18:00 ގައެވެ.

comment ކޮމެންޓް