އާސަހަރާ ނިންމޭނީ އޮގަސްޓުގެ ނިޔަލަށް، 10 މިލިއަނަށްވުރެ ގިނައިން ޚަރަދުވާނެ

މާލޭގެ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ، އާސަހަރާ ނިންމުން ލަސްވުމުގެ ސަބަބުން އިތުރަށް 10 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

މާލޭ އާސަހަރާގެ މަސައްކަތް ނިންމާލެވޭނެ އޮގަސްޓުގެ ނިޔަލަށް ކަމަށާއި އެ މަސައްކަތް ނިންމަން 10.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާސަހަރާގެ މަސައްކަތް ކުރިއަށްދާގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން މިއަދު އެ ތަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު އާޒިމް ވިދާޅުވީ، އާސަހަރާގެ މަސައްކަތް ނިންމަން ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމަށެވެ.

އާސަހަރާގެ މަސައްކަތްކުރަން ފުރަތަމަ ހަވާލުކުރި ކުންފުންޏަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރިއެވެ. ދެވަނައަށް ހަވާލުކުރި ކުންފުންޏަށް ވެސް ހަމަ އެ މަސައްކަތްކުރަން ފަސް މިލިއަން ރުފިޔާ ހޭދަވި ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި، ފިނިޝިން މަސައްކަތްކުރަން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް: އޭނާ ވިދާޅުވީ، އާސަހަރާ ނިންމާލެވޭނީ އޯގަސްޓު މަހުގެ ފަހު ހަފުތާގައި ކަމަށް --- ސަން ފޮޓޯ/ އަމަން ލަތީފް

"ސްޓްރަކްޗާ މަސައްކަތް ކުރުމަށް ހަވާލުކުރި ފަރާތުން ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން އެ މީހުން އަތުން މަސައްކަތް ނެގިފައިވަނީ. ނަގާފައި އަނެއްކާ ދެވަނަ ފަރާތަކަށް ހަވާލުކުރެވިގެން އެ މީހުން ލައްވާ މަސައްކަތް ނިންމަން ހަވާލުކުރެވުނީ،"

"ދެން ތިންވަނަ ކޮންޓްރެކްޓަކަށް ދާން މި ޖެހުނީ އެ ހަވާކުރިއިރުގައި ފިނިޝިން މަސައްކަތް ހަވާލުނުކޮށް އޮތީމާ. އަނެއްކާ ފިނިޝިން މަސައްކަތަށް ވަކިން ދާން މި ޖެހުނީ،" މޭޔަރު ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މޭ މަހުގެ ތެރޭގައި ފިނިޝިން މަސައްކަތްކުރަން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ދެ މަސް ދުވަހުގެ ތެރޭ ނިންމާގޮތަށް ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް، މިއަދު އާޒިމް ވިދާޅުވީ، އެ ތާރީޚު އަންނަ އޯގަސްޓު މަހުގެ ފަހު ހަފުތާއަށް ބަދަލުވެފައިވާ ކަމަށެވެ.

https://sun.mv/187282

މޭޔަރު ވިދާޅުވީ، އާސަހަރާގެ މަސައްކަތް ނިންމުމުގައި ލަސްތަކެއް ދިމާވަނީ ސަހަރާގެ މުޅި ކުރެހުން އެއްކޮށް ނުނިމެނީސް މަސައްކަތް ފެށުމުން ކަމަށެވެ. އެހެންވެ، ކުރެހުމަށް ބައެއް ބަދަލުތައް ގެނެސްގެން މަސައްކަތްތައް ކުރަން ޖެހުމުން ކޮންޓްރެކްޓަރަށް ވެސް މަސައްކަތްތައް ނިންމުމުގައި ދަތިތައް ދިމާވި ކަމަށް އޭނާ ވިދާޅުވިއެވެ.

އާ ސަހަރާ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު ގިނަ ފަސޭހަތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި:

  • ފުރަތަމަ ފްލޯގައި އަންހެނުންނަށް ޚާއްސަ ނަމާދުކުރާ ޖާގައެއް ހުންނާނެ
  • ސަހަރާއަށް އެމްބިއުލާންސް ވަނުން ސަހަރާގެ ފަހަތު ގޭޓަށް ބަދަލުކުރާނެ
  • ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖެއް ތަރައްގީކުރާނެ
  • ކޮންމެ ލައުންޖެއްގައި ދެ ފާޚާނާއާއި ގާތުންދޭ މައިންނަށް ޚާއްސަ ޖާގަ ހުންނާނެ
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭފަދަ ފާޚާނާއެއް ހުންނާނެ
comment ކޮމެންޓް