އާ ސަހަރާގެ މަސައްކަތް ނިންމަން ދެ މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

މާލޭގެ އާ ސަހަރާ މިސްކިތުގެ ފިނިޝިންގެ މަސައްކަތް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭގެ އާ ސަހަރާގެ ފިނިޝިންގެ މަސައްކަތްކޮށް ނިންމާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން 2.7 މިލިއަން ރުފިޔާއަށް ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މި މަސައްކަތް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ސިޓީ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރެވެ. ކޮންޓްރެކްޓަރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު، މުޙައްމަދު އައިމަނެވެ.

އާ ސަހަރާގެ ފިނިޝިންގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މާލޭގައި މީހުން ވަޅުލުމަށް ބޭނުންކުރާ އާސަހަރާ މަރާމާތުކުރުމަށް ބަންދު ކުރީ މިދިޔަ އަހަރުގެ މޭ މަހުގައެވެ. އާސަހަރާ ބަންދުކުރުމާއެކު މައްޔިތުން ހިނަވާ ވަޅުލުމުގެ ކަންކަން ބަދަލުކުރީ ހުޅުމާލެ ސަހަރާއަށެވެ.

އެ މަސައްކަތް ފުރަތަމަ ހަވާލުކުރި ކުންފުންޏަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިން މުއްދަތަށް މަސައްކަތް ނުނިންމުމުން، އެެހެން ކުންފުންޏަކަށް މަސައްކަތް ހަވާލުކުރަން ބިޑު މަރުހަލާ ފެށީ ނިމިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެ މަސައްކަތް ފަހުން ހަވާލުކޮށްފައިވަނީ 'ޖީ ސެވަން' ނަމަކަށް ކިޔާ ކުންފުންޏަކާކަމަށް ސިޓީ ކައުންސިލުން އޭރުވަނީ ބުނެފައެވެ.

އާ ސަހަރާ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު:

  • ފުރަތަމަ ފްލޯގައި އަންހެނުންނަށް ޚާއްސަ ނަމާދުކުރާ ޖާގައެއް ހުންނާނެ
  • ސަހަރާއަށް އެމްބިއުލާންސް ވަނުން ސަހަރާގެ ފަހަތު ގޭޓަށް ބަދަލުކުރާނެ
  • ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖެއް ތަރައްގީކުރާނެ
  • ކޮންމެ ލައުންޖެއްގައި ދެ ފާޚާނާއާއި ގާތުންދޭ މައިންނަށް ޚާއްސަ ޖާގަ ހުންނާނެ
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭފަދަ ފާޚާނާއެއް ހުންނާނެ
comment ކޮމެންޓް