ޖޭއެސްސީގެ ރައީސަކަށް ރިޒާ އިންތިޚާބުކޮށްފި

މެމްބަރު ހުސައިން ރިޒާ --

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމަށް މާފުށީ ދާއިރާގެ މެމްބަަރު ހުސައިން ރިޒާ އާދަމް މިއަދު އިންތިޚާބުކޮށްފިއެވެ.

އެ މަގާމަކީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކަށްފަހު ހޮވާ މަގާމެކެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ ކުރީ ދައުރުގައި ތުޅާދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ހިސާން ހުސައިނެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއާއި ރިޒާ އެ ކޮމިޝަނަށް އައްޔަން ކުރެއްވީ މި މަހުގެ ހަތަރުވަނަ ދުވަހެވެ.

އެ ދެ ބޭފުޅުން އައްޔަންކުރެއްވީ މަޖިލީހުން ކަނޑައެޅި މެންބަރުގެ ހައިސިއްޔަތުންނެވެ.

ރިޒާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރިޒާއަކީ މިދިޔަ ދައުރުގައި ކ. ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޒާގެ ބޭބޭފުޅެވެ. ކެންސަރުގެ އާލާސްކަންފުޅުގައި ހުސައިން ރިޒާގެ ބޭބެ އިބްރާހިމް ރިޒާ 2022 ގައި ވަނީ އަވަހާރަވެފައެވެ. އޭނާ ވެސް ވަނީ ޖޭއެސްސީގެ މެމްބަރުކަން މީގެ ކުރިން ކުރައްވައިފައެވެ.

ޖޭއެސްސީގެ އެކުލެވިގެންވާ ގޮތުން މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ އިތުރު މެންބަރަކު އެ ކޮމިޝަންގައި ހިމެނެއެވެ. އެގޮތުން، 20 ވަނަ މަޖިލީހުން ޖޭއެސްސީ މެންބަރުކަމަށް ކަނޑައެޅުއްވީ މެންބަރު ރިޒާއެވެ.

މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް:

  • ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ނިޔާޒު - ހައިކޯޓުގެ
  • ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކުރި ފަނޑިޔާރު
  • މަޖިލީހުގެ ރައީސް އަބްދުއްރަހީމް
  • މަޖިލީހުން ކަނޑައެޅި މެންބަރު ރިޒާ
  • ފަނޑިޔާރު ހުސްނުއްސުއޫދު - އުއްތަމަފަނޑިޔާރު ފިޔަވައި
  • ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރި ފަނޑިޔާރު
  • އަލީ ޝަރީފް - ދަށު ކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު
  • މުހައްމަދު ނާސިހު - ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  • އަހްމަދު އުޝާމް - ބަންޑާރަނައިބު
  • މެންބަރު މުހައްމަދު ސަމީރު - ރައީސްގެ މެންބަރު
  • އަލީ އަބްދުއްލަތީފް - ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރި މެންބަރު
comment ކޮމެންޓް