ދިފާއީ ބާރުން ފަލަސްތީނު ފަންޑަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ

ދިފާއީ ބާރުން ފަލަސްތީނު ފަންޑަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކުރުން --- ފޮޓޯ/ޑިފެންސް މިނިސްޓްރީ

ރާއްޖޭގެ ދިފާއީ ބާރުން 'ފަލަސްތީނާއެކު ދިވެހީން' ޓެލަތޯން މެދުވެރިކޮށް ފަލަސްތީނު ފަންޑަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ހަދިޔާކޮށްފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ޤައުމީ ފެންވަރުގައި 'ފަލަސްތީނާ އެކު ދިވެހީން'ގެ ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިސްނަގައިގެން މިއަދު ހެނދުނު 8:00 ގައި ފެށި ޓެލަތޯން މިރޭ 12:00 ހަމައަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

މި ޓެލަތޯން މެދުވެރިކޮށް ދިފާއީ ބާރުން މިވަނީ 2،169،826.32 ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފައެވެ.

މި ފައިސާ ހަދިޔާކުރައްވައި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ، ބައިންއަގުވާމީ މަޝްރަހުގައި އެންމެ ފާހަގަކުރެވޭ އިސްލާމީ ލީޑަރަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށާއި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ކޮންމެ ފޯރަމެއްގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ ކަމަށެވެ.

އެހެންވެ، އެކަމަށްޓަކައި ދިވެހި ރައްޔިތުންނާއި އެ ވުޒާރާއިން އެމަނިކުފާނާ މެދު ފަޚުރުވެރިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސިފައިގެން އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ދިވެހި ސިފައިން ހުޝިޔާރުކަމާއެކު އިޖާބަދީ، އެބޭފުޅުންގެ ކޮންޓްރިބިއުޝަން ހަވާލު ކުރަން އަޅުގަނޑުމެން މިއަދު ވަރަށް އުފަލާއެކު އައިސްމިތިބީ،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޣައްސާން ވަނީ، އެ ބޭފުޅަކަށް ވީ ވަރަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތައް ހަދިޔާކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

މިއީ މި ޓެލެތޯން މެދުވެރިކޮށް އެއް މުއައްސަސާއަކުން ދިން އެންމެ ބޮޑު ފައިސާގެ އެހީއެވެ. ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ކުންފުނިތަކުން ވެސް ވަނީ ގިނަ އެހީތަކެއް ވެދީފައެވެ.

މި ޓެލަތޯންގައި އެއްކުރެވޭ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް މެދުވެރިކޮށެވެ. އެއީ، އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 37،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް