ނިމިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރަން ހިންގި "ބިންވެރިޔާ" ސްކީމުން ހިލޭ ބިން ދޫކުރުމުގެ ސަބަބުން 11 ބިލިއަން ރުފިޔާގެ ގެއްލުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ވެފައިވާކަމަށް އޮޑިޓު ރިޕޯޓުން މިއަދު ހާމަވެއްޖެއެވެ.
އޮޑިޓު އޮފީހުން ނެރުނު ބަޖެޓު ޕޮޒިޝަން ރިވިއު ރިޕޯޓުގައިވާ ގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ ގޯތިތަކާ އެކު އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާ ދޭން ސަރުކާރުން އެއްބަސްވެފައި އޮތެވެ.
އެ ފައިސާ ހަމަޖައްސައިދިނުމުގެ ގޮތުން ސަރުކާރުން އޮތީ ދެ ފަޅެއް ކަމަށްވާ، ގަލުފަޅާއި މާގިރިފަޅު އެޗްޑީސީއަށް ދީފައިކަމަށް ވެސް ރިޕޯޓުގައިވެއެވެ. އެއީ، 3.3 ބިލިއަން ރުފިޔާއަށް އަގު އަރައި ދެ ފަޅެވެ. އެއާ އެކު ބާކީ 7.7 ބިލިއަން ރުފިޔާ ހަމަޖައްސަން ހައުސިން މިނިސްޓްރީއާ އެކު މަސައްކަތްކުރުމަށް އަންގައިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ބިންވެރިޔާ ސްކީމުގެ ދަށުން ހިލޭ ބިން ދިނުމަކީ ސަރުކާރަށް ވަރަށް ބޮޑު މާލީ ބުރައެއް އުފުލަންޖެހޭނެ ކަމެއް،" އޮޑިޓު ރިޕޯޓުގައިވެއެވެ.
އޮޑިޓުގައި 7.7 ބިލިއަންގެ ގެއްލުން ފާހަގަކޮށްފައިވަނީ ބިމުގެ އަގުން ލިބޭ ގެއްލުމުގެ ގޮތުގައެވެ. އަދި، 3.3 ބިލިއަން ރުފިޔާގެ ގެއްލުން ފާހަގަކޮށްފައިވަނީ އެ ބިމުން ހޯދޭނެ އާމްދަނީ ނުހޯދޭނެތީ ލިބޭނެ ގެއްލުމުގެ ގޮތުގައެވެ.
ގޯތި ދިނުމަށް މާލޭ ސަރަހައްދުން ހިލޭ ބިން ދޫކުރަން އޭރު ނިންމުމާ އެކު އެ ކަމާ ބައެއް އާންމުންނާއި ބައެއް ސިޔާސީ ބޭފުޅުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް، ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ އެއީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްްލެއްް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް ބުނެއެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ.