ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 21:59 ގައި ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
https://x.com/PoliceMv/status/2117303182988894668
އަބްދުއްﷲ ޝާހިދަކީ ޚާރިޖީ ސިޔާސަތާއި، ޤާނޫނުހަދާ މަޖިލީހުގެ ހިންގުމާއި، އަދި ބައިނަލްއަޤްވާމީ ލީޑާޝިޕްގެ ދާއިރާއިން 40 އަށްވުރެ ދިގު މުއްދަތުގެ ކާމިޔާބު ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހިރާއްޖޭގެ ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅެކެވެ.
ޝާހިދު ޚާރިޖީ ވުޒާރާގައި އާންމު ޚިދުމަތް ފެއްޓެވީ 1984 ވަނަ އަހަރުއެވެ. އަދި 1993 ވަނަ އަހަރު އިންޓަނޭޝަނަލް އޮގަނައިޒޭޝަންސް އެންޑް ކޮންފަރެންސަސް ޑިޕާޓްމަންޓުގެ ވެރިޔާގެ މަޤާމަށް އައްޔަންކުރެވުނެވެ. މީގެއިތުރުން 1990 ގެ އަހަރުތަކުގެ ކުރީކޮޅު ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަރިހުގައި އެގްޒެކެޓިވް ސެކްރެޓަރީގެ މަޤާމާއި މުޝީރެއްގެ މަޤާމުވެސް ފުރައްވާފައިވެއެވެ. އަދި 2000 ވަނަ އަހަރު ވ. އަތޮޅު މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން، ދިވެހިރާއްޖޭގެ އާ ޤާނޫނުއަސާސީ އެކުލަވައިލި ޚާއްޞަ މަޖިލީހުގައި ދައުރެއް އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ފުރަތަމަ ތަފާތު ސިޔާސީ ޕާޓީތައް ބައިވެރިވި އިންތިޚާބަށްފަހު، ރައްޔިތުންގެ މަޖިލީހުގެ 16 ވަނަ ރައީސްގެ ގޮތުގައި (2009–2014) އިންތިޚާބުވެވަޑައިގަތެވެ.
އޭނާ ވަނީ ދެ ދައުރެއްގެ މަތިން ޚާރިޖީ ވަޒީރުކަން ކުރައްވާފައެވެ. އެއީ ފުރަތަމަ ރައީސް މައުމޫން ވެރިކަމުގައި (2007–2008) އަދި ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2018–2023 އަހަރުގައެވެ.
ހަމައެއާއެކު 2021 ވަނަ އަހަރުގެ ޖޫން މާހުގައި، އދ. ގޭ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު، ބައިނަލްއަޤްވާމީ ބޮޑު ރީތި ނަމެއް ހާސިލުކުރެއްވިއެވެ. ޤައުމީ ސިޔާސީ މައިދާނަށް ބަލާއިރު، 2013 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެން، 2024 ފެބްރުއަރީގައި އެ ޕާޓީގެ ރައީސްކަމާ ހަވާލުވެވަޑައިގަތެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ޕާޓީގެ ރައީސްކަމުގެ މަޤާމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.