ބިންވެރިޔާ ސްކީމުގެ ގޯތި ދޫކުރީ އެޗްޑީސީގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް: އަކްރަމް

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މަޖިލީހުގައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުސާ ނަދީމް

ނިމިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ހިމެނޭ ބިންވެރިޔާ ސްކީމުގެ ގޯތިތައް ދޫކޮށްފައިވަނީ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދެއްވި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގައި އެ ކަމުގައި އިސްކޮށް އުޅުއްވި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

އަކްރަމް މިފަދައިން ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ކަނޑައަޅާފައިވާ ބައެއް ގޯތިތައް، މަގުތަކާއި ގޯޅިތައް އެތެރެއަށްވާ ގޮތަށް ދީފައިވާ ކަމަށް އެޗްޑީސީއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެޗްޑީސީން ހިއްސާކުރި ވީޑިއޯއެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން އެސިސްޓަންޓް މެނޭޖަރު މުޙައްމަދު ސިރާޖު ވިދާޅުވީ، ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ހަވާލުކޮށްފައިވާ ބައެއް ބިމުގައި އިންފާރު ރޭނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ބިން ހަވާލުކުރުމުގައި ދިމާވެފައިވާ ބައެއް ހުރަސްތަކާ ހެދި، ބައެއް މީހުންނަށް އިން ވަކިކޮށް ބިން ހަވާލުކުރުމުގައި ލަސްކަމެއް އުޅޭ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ، ދެވަނަ ފިޔަވަހިން ދޫކުރަން ކަނޑައަޅާފައިވާ ބައެއް ގޯތި، މަގުމައްޗަށް އަރާ ގޮތަށް ދީފައިވުން އޭނާ ވިދާޅުވިއެވެ.

https://sun.mv/189965

އެ ވާހަކަތައް ދޮގުކުރައްވައި އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެޗްޑީސީން މިއަދު ހާމަކުރި ޓްވީޓުން ދިން މައުލޫމާތަކީ ރައްޔިތުންނަށް އޮޅުވައިލުމުގެ މަގްސަދުގައި ދިން މައުލާމާތެއް ކަމަށެވެ.

"ބިންތައް ދޫކޮށްފައިވަނީ އެޗްޑީސީން ތައްޔާރު ކުރައްވާ ދެއްވި ލޭންޑް ޔޫސް [ޕްލޭނާ] އާ އެއްގޮތަށް،" އޭނާގެ ޕޯސްޓުގައިވެއެވެ.

އިތުރަށް އަކްރަމް ވިދާޅުވީ، އެޗްޑީސީން ފާހަގަކޮށްފައިވާ ގޮޅިތަކަށް ގޯތީގެ ޕްލޭންތައް އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މިނިސްޓަރު ކަމުގައި ކޮންސްޓްރަކްޝަންއާ ބެހޭ ކުންފުނިތަކަށް ވަކި މުއްދަތެއް ކަނޑަނާޅާއި އެއްވެސް އެގްރީމެންޓެއް ނެތި ޗައިނާ ކުންފުނިތަކަށް ދޫކޮށްފައިވާ ބިންތަކުގެ ސަބަބުން ކުރީ ސަރުކާރަށް ބިންތައް ހުސްކުރުމުގައި ދަތިތަކެއް ދިމާވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދެން ހުރި ބިންތަކުގެ ތެރެއިން މިހާރު ފްލެޓް އަޅާ ބިންތައް އެހެން ދިމާތަކަށް ބަދަލުކުރުމަށް ކުރިން ނިންމި ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެގޮތުން ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅުންނާއި ގިރާވަރުފަޅުންނެވެ.

comment ކޮމެންޓް