އިޒްރޭލް ޕާސްޕޯޓު މަނާކުރަން އިދިކޮޅުން ހުށަހެޅި ބިލަށް ޕީއެންސީގެ ތާއީދު

ޕީއެންސީ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު: އޭނާ ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލަށް ތާއީދުކުރައްވާފަ -- ސަން ފޮޓޯ

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ޒިޔާރަތްކުރުން މަނާކުރަން ގާނޫނު އިސްލާހުކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް މިއަދު ތާއީދުކޮށްފިއެވެ.

މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި އޮތީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ޒިޔާރަތްކުރުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު އެޖެންޑާކޮށްފައެވެ.

މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.

https://sun.mv/192643

އެ ބިލު ހުށަހެޅި ފަހުން މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވެސް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމައި، އެ ކަން އަވަސްކުރަން ކޮމިޓީއެއް އެކުލަވާލައިފައެވެ.

އެ ބިލަށް ބަހުސްކުރުން މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވާއިރު ޕީއެންސީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ އެ ބިލަށް ތާއީދުކޮށް ބިލުގެ މަސައްކަތް އަވަސްކުރަން ގޮވާލައިފައެވެ.

އެގޮތުން، ޕީއެންސީ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ މި ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައިވާ ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ބިލެއް، މި ބިލަށް އަޅުގަނޑު ތާއީދުކުރަން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު

އެމްޑީޕީން ހުށަހެޅި އެ ބިލަށް ތާއީދުކުރި ނަމަވެސް ފަލާހު ވަނީ އެ ޕާޓީއާ ދެކޮޅަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ.

އެގޮތުން، ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑަށް އަނިޔާ ލިބެން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެންކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ، އޭރު އޮތީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ. ފަލާހު ވަނީ އެމްޑީޕީގެ ވެރިކަމުގައި ފިޔަވަޅު ނޭޅީ ކީއްވެގެން ކަމާ މެދު ސުވާލު އުފައްދަވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ގަރާރަކުން އިޒްރޭލު ޕާސްޕޯޓު މަނާކުރެވެން އޮއްވާ ގާނޫނަށް އިސްލާހު ގެނެސްގެން އެކަން ކުރަން ނިންމެވީ ކަމަށް ބުނެ އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް: އޭނާ ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ހުށަހެޅި ހުށަހެޅުމަށް ތާއީދުކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ކަމަށް ރައްދު ދެއްވާ ފަލާހު ވިދާޅުވީ، އޭރު އެމްޑީޕީ ސަރުކާރުގެ ރައީސަށް ވެސް ގަރާރަކުން އެކަން މަނާކުރެވުނީސް ކަމަށެވެ. އަދި، ބިލެއް ވެސް ހުށަހަޅައިގެން އެ ފިޔަވަޅުތައް ނޭޅުއްވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އަބަދުވެސް ފަލަސްތީނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުންދާ ގައުމަކީ ދިވެހިރާއްޖެ. އެންމެ ބޮޑަށް ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮޅަށް ވަކާލާތުކުރަނީ މި ކުޑަކުޑަ ރާއްޖެއިން، އޭރުގެ ރައީސަށް ވެސް ގަރާރަކުން އެކަން މަނާކުރެވުނީސް. އަދި ބިލެއް ވެސް ހުށަހަޅައިގެން މަޖިލީހުން މަސައްކަތް ކުރެވުނީސް,މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު

ފަލާހު ވަނީ އެ މައްސަލަ ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ގޮތަށް އަވަސްކުރަން ގޮވައިލާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241 ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވަނީ ތާއީދުކުރައްވާފައެވެ.

ފަލާހު އިތުރަށް ވިދާޅުވީ އެ މައްސަލަ ސިޔާސީ ކުރަން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ. އަދި، އެކަން ސިޔާސީ ކޮށްފިނަމަ، އޭގެން ބޭނުންވާ ނަތީޖާ ނުނުކުންނާނެ ކަމަށާއި ބޭނުންވަނީ ވީހާ ވެސް އަވަހަށް ދިވެހި ސަރުކާރާއި ރައްޔިތުން އެދޭ ގޮތަށް ފިޔަވަޅު އަޅަން ކަމަށް ފަލާހު ވިދާޅުވިއެވެ.

https://sun.mv/193040

ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން މީކާއިލް ހުށަހެޅުއްވި ބިލުގައި އޮތީ، އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައި، އިޒްރޭލުގެ ޕާސްޕޯޓު ނުވަތަ އެހެން ގައުމަކާ އެކު ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތެއްގެ ފަހުން، އިޒްރޭލުން ވަނީ ޣައްޒާއަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން ދިން ހަމަލާއަކަށް ރައްދު ދިނުމަށް، ހަނގުރާމަވެރިން ގަތުލުކުރުމަށް ކަމަށް ބުނެ ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 36,800އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް