ރަށު ތަރައްގީ ލަސްވަނީ، މާ ދުރުގައި ތިބޭ ބަޔަކު ދުރުމި އަޅައިގެން ބަލާތީ، ކައުންސިލްތަކަށް ބާރު ފަހިވާންޖެހޭ: ފައިސަލް

ކޯޕަރޭޓް މޯލްޑިވްސް - ގޯލްޑް 100 ގާލާ ނައިޓްގެ ތެރެއިން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް --- ސަން ފޮޓޯ/ އަޙްމަދު ސަދޫފް މޫސާ

ރަށްރަށުގެ ތަރައްގީ އެކަށީގެންވާ ދުވެލީގައި ނުދަނީ، މާ ދުރުގައި ދިރިއުޅޭ ބަޔަކު އެ ރަށްރަށުގެ ތަރައްގީ މާ ހަނި ގޮތެއްގައި ބަލާތީ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

ލާމަސީލުލާމު ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް މިންކުރުމުގެ ހަފްލާ 2025 ޝަރަފުވެރިކޮށްދެއްވައި، ފައިސަލް ވިދާޅުވީ ރާއްޖޭގެ ރަށްތައް، ތަރައްގީވާންޖެހޭ ބާރު ދުވެލީގައި ތަރައްގީނުވެ އޮތީ، އެ ރަށްރަށާ މާ ދުރުގައި ތިބޭ ބަޔަކު "ދުރުމީ އަޅައިގެން ވަރަށް ހަނި ގޮތަކަށް" ކަންކަން ކުރަން އުޅޭތީ ކަމަށެވެ.

ނަމަވެސް ކައުންސިލްތަކާއެކު އެ ކަން ބަދަލުވާން ފަހިވެފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ ކަމަށް މަގުފަހިކުރުމަށް ޓަކައި ގާނޫނު އަސާސީ އިސްލާހުކުރީ ލާމަރުކަޒީ ނިޒާމަަށް ކަންތައްތަކެއް ފަހިކުރުމުގެ ވަރަށް ފޮނި އުންމީދާއެކު ކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ގައުމުގެ ހިންގުން ޒަމާނީ ހިންގުމަކަށް އަނބުރައިލެވެނީ ރައްޔިތުން އިތުބާރުކުރާ ބަޔަކު އިންތިޚާބުކޮށްގެން ހިންގުމާ ހަވާލުވެގެން ކަމަށެވެ. ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކަކީ އެ މަގްސަދުގައި އުފެެއްދި ތަންތަން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވައިލަން ގާނޫނު ބަދަލުކުރުމަކީ ފަހަތަށް އަޅާ ފިޔަަވަޅެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ، ބަލައިގަންނަ ކަމެއް ވެސް ނޫން. ލާމަރުކަޒީ ނިޒާމު އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް ތަނުގައި ވެސް ޖެހޭނީ އިތުރަށް ފުރިހަމަކުރަން. އިތުރަށް ފުޅާވާން،" ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމާއި، އަތޮޅު ކައުންސިލްތައް އުވައިލުމަކީ ޚަރަދު ކުޑަކުރަން ކުރާ ކަމެއްގެ ގޮތުގައި ނުބުނެވޭނެ ކަމަށެވެ.

އޭގެ ކުރިން ކުރެވޭނެ ބައިވަރު ކަންކަން އެބަހުރި ކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 60 އަށް މަދުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިހާރު ތިބި މެންބަރުންގެ އަދަދަށް ބަލާއިރު، މަޖިލީހުން ނެރޭ ނަތީޖާއާ މެދު ވިސްނުން ވެސް މުހިންމު ކަމަށް ވިދާޅުވިއެވެ.

އަދި ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ވެސް އިންތިޚާބުކުރާ ވެރިންގެ އަދަދު މަދުކުރުމުގެ ކުރިން ކުރުން މާ މުހިންމު ކަންކަން ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވެރިންތަކެއް އިންތިޚާބުކުރަން އަޅާ ވޯޓަކީ ވަރަށް އަގުބޮޑު ވޯޓެއް ކަމަށާއި އެއީ ރައްޔިތުންގެ އިތުބާރާ ގުޅޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު، އެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން އިދިކޮޅު ބޭފުޅުން އަންނަނީ ގޮވައިލަމުންނެވެ.

comment ކޮމެންޓް