އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ވަނުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.
ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި އެ ބިލުގައި އޮތީ، ބިލު ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުން ކަމަށެވެ.
އެގޮތުން ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ގޮވާލައި ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްފައިނުވާ ކަމަށާއި މިކަން ކުރެވޭނޭ ވަކި މުއްދަތެއް ވެސް އެނގެން ނެތީތީ ސީދާ ގާނޫނަށް ގެންނަ ބަދަލެއް ހުށަހެޅި ޕާސްޕޯޓު މަނާކުރުން އަވަސް ކުރުވަން ކަމަށް އިސްލާހުގައިވެއެވެ.
އެ ބިލުގައި އޮތީ، އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައި، އިޒްރޭލުގެ ޕާސްޕޯޓު ނުވަތަ އެހެން ގައުމަކާއެކު ވެސް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ހިމެނުމަށެވެ.
ރާއްޖެއަށް އިޒްރޭލް މީހުން އެތެރެވުން ހުއްޓުވުމަށް ގޮވާލައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ގަރާރު ހުށަހެޅުއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު 16ގައެވެ. އަދި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން އެ ގަރާރު ފާސްކުރީ، ސަރުކާރު ބަދަލުވި ފަހުން މިދިޔަ މަހުގެ އެކެއްގައެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި މީގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މީހުން މުޒާހަރާކޮށްފައިވެއެވެ. އަދި އިޒްރޭލު ފަތުރުވެރިން ރަށަށް އެރުމުން، އަނބުރާ ފޮނުވާލައިފައި ވެސްވެއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރުމުން ސަރުކާރަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.
ވިހި ވަނަ މަޖިލީހުގައި 93 މެންބަރުން ތިބިއިރު 75 ގޮނޑިއާއެކު މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. އެމްޑީޕީއަށް މިފަހަރުގެ މަޖިލީހުން ކާމިޔާބުކުރެވުނީ އެންމެ 12 ގޮނޑިއެވެ. މިއީ މަޖިލީހުގެ ހަޔާތުގައި އެމްޑީޕީއަށް އެންމެ މަދުން ގޮނޑި ކާމިޔާބުކުރެވުނު ފަހަރުވެސްމެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތެއްގެ ފަހުން، އިޒްރޭލުން ވަނީ ޣައްޒާއަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން ދިން ހަމަލާއަކަށް ރައްދު ދިނުމަށް، ހަނގުރާމަވެރިން ގަތުލުކުރުމަށް ކަމަށް ބުނެ ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 36,000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެއެވެ. އޭގެ ތެރޭގައި 15,000އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.