ނަދީމްގެ މަރު: މަފާޒް އަނެއްކާ ވެސް ބަންދުކުރުމަށް ހައިކޯޓުގައި އެދިއްޖެ

ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ގ. ޝާރާޒް، މުހައްމަދު މަފާޒް ހުސައިން ސަލީމް --

ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއިން ސަލާމަތްވި، ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް، މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެދިއްޖެއެވެ.

މަފާޒްގެ މައްޗަށް ތުހުމަތުކުރެވެނީ 2017ވަނަ އަހަރު މާލޭގެ ކެފޭއެއްގައި އިންދައި ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި މަފާޒްގެ މައްޗަށް އުފުލާފައި އޮތީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ. އެއާ އެކު ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްނިއުނާފު ކުރި ނަމަވެސް މަފާޒުވަނީ މިނިވަންވެފައެވެ.

މިއަދު ހައިކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ، މައްސަލަ ނިމެންދެން މަފާޒު ބަންދުގައި ބަހައްޓައިދިނުމަށް އެދި ދައުލަތުގެ ފަރާތުން އެދިފައިވާތީއެވެ.

މަފާޒް މިނިވަންވުމަށް ފަހު ވެސް ތަފާތު އެކިއެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާކަން ދައުލަތުގެ ފަރާތުން ފާހަގަކުރިއެވެ. އޭގެ ތެރޭގައި ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމުގެ މައްސަލައެއްގެ އިތުރުން ތޫނު ހަތިޔާރު ހިފައިގެން މުޖުތަމައުގެ ތެރޭގައި އުޅުނުކަމުގެ މައްސަލައެއް ވެސް ދަށު ކޯޓުގައި ހިނގަމުންދާކަމަށް ދައުލަތުން ބުނެފައިވެއެވެ.

https://sun.mv/179296

އެހެންވެ ދައުލަތުން ހައިކޯޓުގައި އެދުނީ، މި ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، މަފާޒަކީ މުޖުތަމައަށް ނުރައްކާ އޮތް މީހެއް ކަމަށް ކަނޑައަޅައިދީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓައިދުނުމުގެ އަމުރަކަށެވެ.

މި މައްސަލައިގައި މަފާޒުގެ ވަކީލް ނޫރުއްސަލާމް ވިދާޅުވީ މާރާމާރީ ހިންގުމުގެ އެއްވެސް މައްސަލައެއް ދަށު ކޯޓުގައި ނޯންނާނެ ކަމަށާއި، ދަށު ކޯޓުގައި އޮތީ މަގުބޫލު ސަބަބެއް ނެތި ވަޅިއެއް ގެންގުޅުނު ކަމުގެ މައްސަލައެއް ކަމަށެވެ. އެ މައްސަލައިގެ އަދަބަށްވުރެ ގިނަ ދުވަހު މަފާޒު ބަންދުގައި ހުރުމާ އެކު، އެ އަދަބުން އޭނާ ވީއްލިފައިވާކަން ވަކީލް ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގައި މަފާޒުގެ ބަންދުގެ މުއްދަތު ދިގުލައިގެން ގޮސްފައި އޮތުމާ ގުޅިގެން އޭނާ މިނިވަންކުރީ މާޗު މަހުގެ ހަޔެއްގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައިއިރު ވެސް، އެއްވެސް މައްސަލައަކާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ސުވާލެއް ކޮށްލުމަށް ވެސް މަފާޒު ހާޒިރުކޮށްފައިނުވާ ކަމަށް އޭނާގެ ވަކީލްވަނީ ކޯޓުގައި ވިދާޅުވެފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި މަފާޒު އެ ފަދަ ކުށެއް ނުކުރާނެ ކަމުގެ ޔަގީންކަން ކޯޓުގައި ދިންއިރު، މިދިޔަ ތިން މަހުގެ ރިކޯޑަށް ބެލުމުން އެ ކަން ކަށަވަރުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ކަމާ ގުޅިގެން ދައުލަތުން ބުނެފައިވަނީ މިދިޔަ ތިން މަހުގެ ތެރޭގައި މަފާޒުގެ ކުށުގެ ރެކޯޑެއް ނެތުމަކީ އޭނާ މުޖުތަމައަށް ދޫކޮށްލާފައި ބަހައްޓަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި މަތީ ކޯޓުތަކުން ކުރިން ނިންމާފައި އޮތް ނިންމުންތަކުން ވެސް އެކަން އެނގޭ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މަފާޒު: އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ --- ސަން ފޮޓޯ

ފަސް އަހަރު ވަންދެން ހުކުމެއް ކުރުމަކާ ނުލައި، މަފާޒު ބަންދުގައި ބަހައްޓާފައިވާއިރު، އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާ އަނެއްކާ ބަންދުގައި ބަހައްޓަން ނުޖެހޭނެ ކަމަށް އޭނާގެ ވަކީލު ވިދާޅުވެފައިވެއެވެ.

މި ކަމާ ގުޅިގެން ދައުލަތުގެ ފަރާތުން ބުނެފައިވަނީ ފަސް އަހަރު ދުވަހު މަފާޒު ބަންދުގައި ހޭދަކުރީ ދަށު ކޯޓުން އޭނާގެ މައްޗަށް ކުށެއް ސާބިތުވެ، އެ ހުކުމްތައް ވެސް ހިމެނޭ ގޮތުން ކަމަށެވެ. އަދި ބަންދުގައި ފަސް އަހަރު ދުވަހު ހުރުމަކީ އިސްތިއުނާފީ މަރުހަލާ ނިމެންދެން ބަންދު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ އިސް ފަނޑިޔާރު ޙުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ޙުސައިން މަޒީލް އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

މިއަދުގެ އަޑު އެހުން ނިންމާލައްވަމުން އިސް ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިތުރު މަޖިލީހެއް ބާއްވަވާނެ ކަމަށެވެ.

https://sun.mv/186573

ނަދީމްގެ މަރުގެ މައްސަލައިގައި މަފާޒްގެ އިތުރުން ދައުލަތުން ދައުވާ އުފުލީ ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހުގެ އިތުރުން ލ. ގަން، ވިދާތަރި ޢަލީ ނިފާޒުގެ މައްޗަށެވެ. އަދި ބަންދުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި، ދޫކުރީ މަފާޒާއި، ޝާމިނާއި، ކަރަމް ސުލައިހެވެ.

ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. ނަދީމް މަރުވެފައި ވަނީ، ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަނިކޮށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އޭގެ ދެ ދުވަސް ފަހުންނެވެ.

comment ކޮމެންޓް