މާރާމާރީގެ ރިކޯޑްތަކެއް އޮންނަ މަފާޒް އަނެއްކާ ވެސް ދޫކޮށްލައިފި

ނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި މަފާޒު: އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ --- ސަން ފޮޓޯ

ހއ. ތަކަންދޫ، އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި ކަމުގެ ތުހުމަތުގައި އުފުލި ދައުވާއިން ސަލާމަތްވި ފަހުން ދެ ފަހަރު ހައްޔަރުކުރި ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމް އަނެއްކާވެސް ބަންދުން ދޫކޮށްލައިފިއެވެ.

ބޮލަށް ވަޅި ހަރައި 2017 ވަނަ އަހަރު ނަދީމް މަރާލި މައްސަލައާ ގުޅިގެން އޭރު މަފާޒް ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށް މާލޭގެ ގެއެއްގެ ތެރެއިންނެވެ. ނަމަވެސް އޭގެ ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ. ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އޭގެ ފަހުން ދެވަނަ ފަހަރަށް އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި ގްރޫޕް މާރާމާރީއެއްގެ ތެރެއިންނެވެ. ހައްޔަރުކުރުމަށްފަހު ދެ ފަހަރަށް އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދިން ނަމަވެސް ތިން ވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުން ދޫކޮށްލުމަށް އަމުރު ކޮށްފައެވެ.

މަރުގެ މައްސަލައިން ސަލާމަތްވި ފަހުން ހިންގި މާރާމާރީތަކާ ގުޅިގެން އޭނާގެ މައްޗަށް ފަސް ދައުވާއެއް އުފުލައި ދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސިކިއުޓާ (ޕީޖީ) އޮފީހަށް ފޮނުވާފައެވެ. އެއީ މަގުބޫލް ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާގެ އިތުރުން ގާނޫނުު ތަންފީޒުކުރާ މީހެއްގެ މަސައްކަތަށް ހުރަސް އެޅުމާއި ގައިގައި އަތްލުމުގެ ދެ ދައުވާ އަދި މުދަލަށްގެއްލުން ދިނުމުގެ ދައުވާއެކެވެ.

ނަދީމުގެ މަރުގެ މައްސަލައިން ސަލާމަތްވިތާ ފަސް މަސް ދުވަސް ފަހުން ވަނީ އިތުރު މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ. އެ ފަހަރު އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ފުލުހެއްގެ ގައިގަ ޖެހި ކަމަށެވެ. ނަމަވެސް ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ނަދީމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މަފާޒް ހައްޔަރު ކޮށްފައި ހުއްޓައި އޭނާ ވަނީ ގޮޅި ތެރޭގައި އޮވެ ވެސް ފުލުހަކަށް މަރުގެ އިންޒާރު ދީފައެވެ. އެ މައްސަލަ ސާބިތުވެ 2021 ވަނަ އަހަރު ވަނީ މަފާޒަށް 18 މަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި މަފާޒްގެ އިތުރުން ދައުވާ އުފުލި އަނެއް ތިން މީހުން ވެސް ވަނީ ސަލާމަތް ވެފައެވެ. ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

comment ކޮމެންޓް